ކޮވިޑްގެ އާ ސްޓްރެއިންއާ ހެދި ސައުދީން ބޯޑަރުތައް ބަންދުކޮށްފި

ސައުދީން ވަނީ އިންޓަނޭޝަނަލް ފްލައިޓުތައް އެއް ހަފްތާއަށް ކެންސަލްކޮށްފަ -- ފޮޓޯ: ޝަޓާސްޓޮކް

ރިޔާޒު (ޑިސެމްބަރު 21): ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަހުގެ އާ ސްޓްރެއިންއެއް އިނގިރޭސިވިލާތުން ފެނުމާ ގުޅިގެން ސައުދީ އަރަބިއާއިން އިއްޔެ އެގައުމުގެ ބޯޑަރުތައް ބަންދުކޮށްފި އެވެ.

ސައުދީ ޕްރެސް އޭޖެންސީން އެގައުމުގެ އިންޓީރިއާ މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓު ކުރި ގޮތުގައި އެގައުމުން ވަނީ ވަޔާއި ކަނޑާއި އެއްގަމުގެ ބޯޑަރުތައް އެއް ހަފްތާއަށް ބަންދުކޮށްފަ އެވެ. އެހެންކަމުން އެ ދުވަސްތަކުގައި އެގައުމަށް ދަތުރު ކުރަން އޮތް ބައިނަލްއަގުވާމީ ފްލައިޓުތައް މިހާރު ވަނީ ކެންސަލްކޮށްފަ އެވެ.

މީގެ އިތުރުން ސައުދީން ވަނީ ވައިރަހުގެ އާ ސްޓްރެއިން ފެނުނު ގައުމުތަކުން މި މަހުގެ އަށެއްގެ ފަހުން އެގައުމަށް ދިޔަ މީހުން، އެގައުމަށް ދިޔަ ދުވަހުން ފެށިގެން ދެ ހަފްތާއަށް ކަރަންޓީނުވުމަށް އަންގާފަ އެވެ. މީގެ ކުރިން ސައުދީގައި އޮތީ ބޭރު ގައުމުތަކުން ދާ މީހުން ތިން ދުވަހަށް ކަރަންޓީނުވާ ގޮތަށެވެ.

އިނގިރޭސިވިލާތާއި އިޓަލީންވެސް މިހާރު ފެނިފައިވާ ކޮރޯނާވައިރަހުގެ އާ ސްޓްރެއިންއަކީ ކުރީގެ ސްޓްރެއިންއަށް ވުރެ ހަލުވި ކަމާ އެކު ފެތުރޭ ވައްތަރެއް ކަމަށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އާ ސްޓްރެއިންގެ ސަބަބުން ބަލީގައި މީހުން މަރުވުމުގެ ފުރުސަތު އިތުރުވާ ކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށް އެގައުމުގެ ޗީފް މެޑިކަލް އޮފިސާ ކްރިސް ވިޓީ ވިދާޅުވި އެވެ.

މީގެ އިތުރުން ޔޫރަޕިއަން މޮލިކިއުލާ ބަޔޮލޮޖީ ލެބޯރެޓަރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އިވަން ބާނީ ވިދާޅުވި ގޮތުގައި ކޮވިޑާ ދެކޮޅަށް މިހާރު ތައްޔާރުކޮށްފައިވާ ވެކްސިންތައް ވަނީ ކޮރޯނާވައިރަހުގެ އެކި ސްޓްރެއިންތަކަށް ޓެސްޓުކޮށްފަ އެވެ. އެހެންކަމުން އިނގިރޭސިވިލާތުން ފެނުނު ސްޓްރެއިންއާ ދެކޮޅަށްވެސް ވެކްސިންތައް މަސައްކަތް ކުރާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި އެކަމާ ގުޅުން ހުރި އިތުރު ޓެސްޓުތައް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ސްޓްރެއިންގެ ސަބަބުން އިނގިރޭސިވިލާތާ ދޭތެރޭ ދަތުރުތައް ހުއްޓާލާފައިވާ ގައުމުތަކުގެ ތެރޭގައި އިޓަލީ، ނެދަލޭންޑްސް، ފްރާންސް، ޖަރުމަނު، ބެލްޖިއަމް، އޮސްޓްރިޔާ، އަޔަލޭންޑް، ރަޝިއާ އަދި ކުވޭތު ހިމެނެ އެވެ.

comment ކޮމެންޓް