ބީއެމްއެލް އިސްލާމިކް އިން ލައިފްސްޓައިލް ފައިނޭންސިންއަށް ބަދަލުތަކެއް

ބީއެމްއެލް އިސްލާމިކް އން ވަނީ ލައިފްސްޓައިލް ލޯނަށް ހެޔޮ ބަދަލެއް ގެނެސްފައި -- ފޮޓޯ: ބީއެމްއެލް

ކުލިން އާމްދަނީ ލިބޭ އާންމު ފަރުދުންނަށް ދޫކުރާ ލައިފްސްޓައިލް ފައިނޭންސިންއަށް ބީއެލްއެލް އިސްލާމިކް އިން ހެޔޮ ބަދަލުތަކެއް ގެނެސްފި އެެވެ.

ބީއެމްއެލް އިން ބުނީ އެ ފެސިލިޓީ އަކީ ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތަށް، މުރާބަހާ، މުޝާރަކާ، ވަކާލާ އަދި އިޖާރާ ގެ ދަށުން އެކުލަވާލާފައިވާ ފެސިލިޓީއެއް ކަމަށެވެ.

މި ބަދަލާއެކު، ބީއެމްއެލް ލައިފްސްޓައިލް ފައިނޭންސިންއިން އެއްވެސް ރަހުނަކާ ނުލާ 15 ޕަސެންޓުގެ ރޭޓުގައި 25،000 ރުފިޔާ އިން ފެށިގެން 300،000 ރުފިޔާ އާ ހަމަޔަށް ދޫކުރާނެ އެވެ. އަދި 300،000 ރުފިޔާއިން ފެށިގެން 1.5 މިލިއަން ރުފިޔާއާ ހަމަޔަށް ފައިނޭންސިންގ ބޭނުންވާ ފަރާތްތަކަށް ރަހުނާއެކު 12 ޕަސެންޓުގެ ރޭޓުގައި ފައިނޭންސް ލިބޭނެ އެވެ.

ބީއެމްއެލްގެ ޑިރެކްޓާ އޮފް އިސްލާމިކް ބޭންކިން ސުރީ ހާނިމް މުހައްމަދު ވިދާޅުވީ ކުލީގެ ގޮތުގައި އާމްދަނީ ލިބޭ ފަރާތްތަކަށް ހާއްސަކޮށް ދޫކުރާ ފެސިލިޓީއަށް ހެޔޮ ބަދަލެއް ގެނެވުމަކީ އުފަލެއް ކަމަށެވެ. ބީއެމްއެލް އިސްލާމިކްގެ ޕޯޓްފޯލިއޯ ރަނގަޅުކުރަމުންދާ ކަމަށްވެސް އެނާ ވިދާޅުވި އެވެ.

"އަދި ޝަރުއީ ހަމަތަކާ އެއްގޮތަށް ފެސިލިޓީ ބޭނުންވާ ކަސްޓަމަރުން އިތުުރުވަމުންދިޔުމާއެކު، އެންމެ ރަނގަޅު ގޮތްތައް ކަސްޓަމަރުންނަށް ހޯދައިދިނުމަށް މިދަނީ މަސައްކަތްކުރަމުން." ހާނިމް ވިދާޅުވި އެވެ.

ބީއެމްއެލް އިސްލާމިކް ހިދުމަތްތައް ފަރުމާ ކޮށްފައިވަނީ އިސްލާމިކް ބޭންކިން އާ ގުޅޭ ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތަށެވެ.

ލައިފްސްޓައިލް ފައިނޭންސިން އަށް އެދި ހ. ޒޮނޭރިއާ ގައި ހުންނަ ބީއެމްއެލްގެ އިސްލާމިކް މާލެ ބްރާންޗަށް ހުށަހެޅޭނެ ކަމަށާއި އަތޮޅު ތެރެއިންނަމަ ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށްވެސް ހުށަހެޅޭނެ ކަމަށް ބޭންކުން ބުންޏެވެ.

comment ކޮމެންޓް