ޖެހިޖެހިގެން ހަތަރު މެޗު ކާމިޔާބުކޮށް، ރެއަލް އެއްވަނައާ ގާތަށް

ރެއަލް އާއި އައިބާ ރޭ ކުޅުނު މެޗުގެ ތެރެއިން ... ފޮޓޯ/ ސްޕޯޓްސް ކީޑާ

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗާއެކު އެންމެ ފަހުން ލީގުގައި އެ ޓީމް ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް ރެއަލް މެޑްރިޑް ލީގު ތާވަލްގެ އެއްވަނައާ ގާތަށް ޖެހިލައިފި އެވެ.

އައިބާ އާ ދެކޮޅަށް ރޭ ރެއަލް ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ލީގުގައި އެ ޓީމް ކުޅުނު 14 މެޗުން 29 ޕޮއިންޓް ހޯދާ، ރެއަލް މިހާރު ވަނީ ތާވަލްގެ ދެވަނައަށް ޖެހިލާފަ އެވެ. އަދި އެއްވަނައިގައި 12 މެޗު ކުޅުނު އެތްލެޓިކޯ މެޑްރިޑަށްވެސް ލިބިފައި ވަނީ 29 ޕޮއިންޓެވެ.

ރޭގެ މެޗުގެ ފުރަތަމަ 13 މިނެޓުތެރޭ ރެއަލްއިން ވަނީ ދެ ލަނޑު ޖަހާ މެޗުގެ ލީޑު ފުޅާކޮށްލާފަ އެވެ. އެ ޓީމުގެ އެންމެ ފުރަތަމަ ލަނޑު މެޗުގެ ހަވަނަ މިނެޓުގައި ރޮޑްރީގޯ ދިން ޕާހަކުން އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކަރިމް ބެންޒެމާ އެވެ.

އޭގެ ހަތް މިނެޓު ފަހުން ކަރިމް ބެންޒެމާ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ އަރިމަތިން ދިން ޕާހަކުން އެ ޓީމްގެ ލުކާ މޮޑްރިޗް ވަނީ ރެއަލް އެ ޓީމުގެ ލީޑު ފުޅާކޮށްލަ ދީފަ އެވެ. އަދި މެޗުގެ 24 ވަނަ މިނެޓުގައި ލީޑު އިތުރަށް ފުޅާކޮށްލަން ބެންޒެމާއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އެ ހަމަލާ އައިބާގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

ބެންޒެމާއަށް ލިބުނު ފުރުސަތު ގެއްލުމަށް ފަހު މާ ގިނަ އިރެއް ނުވެ އައިބާއިން ވަނީ މެޗުގައި ލަނޑެއް ޖަހައި، ނަތީޖާގެ ފަރަގު ހަނިކޮށްލާފަ އެވެ. އެ ޓީމްގެ ކެވިން ރޮޑްރިގޭޒް ދިން ޕާހަކުން ޕެނަލްޓީ އޭރިއާ ބޭރުން ނެގި ޝޮޓް ގޯލްގެ ކަނަށް ވައްދާލައިން އެ ލަނޑު އައިބާއަށް ކާމިޔާބު ކޮށްދިނީ ކައިކް އެވެ.

މެޗުގެ ދެވަނަ ހާފް ފެށިގެން 10 ވަނަ މިނެޓުގައި އައިބާއިން ރަނގަޅު ހަމަލާއެއް އުފެއްދި ނަމަވެސް، އެ ޓީމަށް ވަނީ އިތުރަށް މެޗުގެ ނަތީޖާ އެއްވަރު ކުރެވޭ ގޮތް ނުވެފަ އެވެ. މެޗުގެ ތިން ޕޮއިންޓް ރެއަލްއަށް ކަށަވަރު ވެގެން ދިޔައީ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ބެންޒެމާގެ އެހީއާއެކު ލޫކަސް ވަސްކޭސް ކާމިޔާބު ކުރި ލަނޑުންނެވެ.

comment ކޮމެންޓް