ކުޅުންތެރިއަކު މަދުކޮށް ކުޅުނު ޓީސީން ވަރުގަދަ އީގަލްސް ބަލިކޮށްފި

ޓީސީ އާއި އީގަލްސް މެޗުގެ ތެރެއިން. - ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ދިވެހި ޕްރިމިއާ ލީގުގެ މެޗު ވީކް ދޭއްގެ ފަހު މެޗުގައި މިރޭ ވަރުގަދައަށް އޮތް އީގަލްސް އަތުން ޓީސީ ސްޕޯޓްސް ކުލަބު މޮޅު ހޯދައިފި އެވެ.

މިރޭ ކުޅުނު މެޗުން މިފަހަރުގެ ޗެރިޓީ ޝީލްޑް ޗެމްޕިއަން އީގަލްސްގެ މައްޗަށް ޓީސީން ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. ލީގުގެ ކުޅުނު ދެ މެޗުން ވެސް ބަލިވެ އީގަލްސް ތާވަލުގެ ފަހަތަށް ވެއްޓުނު އިރު، ފުރަތަމަ މެޗުގައި ލިބުނު ބައްޔާ އެކު ޓީސީން އައު އަޒުމަކާ އެކު ކުޅެ މިރޭ ވަނީ ތިން ޕޮއިންޓް ހޯދައިފަ އެވެ.

މިފަހަރުގެ ލީގުގައި މިހާތަނަށް ބޭރު ކުޅުންތެރިން ނުލައި ކުޅުނު ހަމަ އެކަނި ޓީމަކީ އީގަލްސް އެވެ. މިރޭ ކުޅުނު މެޗުގައި ޓީސީއާއި އީގަލްސްގެ ޓީމުގެ ފަރާތުން ވެސް ވަރުބަލިކަން ފެނުނު އިރު، އީގަލްސް އިން ނުކުތީ އަނިޔާގައި ހުރި އަހުމަދު ރިޒުވާން (ރިޒޭ) ޓީމުގައި ނުހިމަނަ އެވެ. ދެޓީމުގެ ފުރަތަމަ އެގާރައިގައި ގިނައިން ހިމެނުނީ ޒުވާން ކުޅުންތެރިންނެވެ.

އެޓޭކިންގް ފުޓުބޯޅައެއް ކުޅުނު ޓީސީން ވަރުގަދައަށް މެޗު ފެށި އިރު، އެ ޓީމުން ވަނީ އެ ޓީމުގެ ކެޕްޓަން މުހައްމަދު އައްޒާމް ބޭނުން ކޮށްގެން ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 15 ވަނަ މިނަޓު އައްޒާމް ވަނީ ރީތި ގޯލެއް އީގަލްސްގެ ގޯލަށް އަމާޒުކޮށްލައި ޓީސީއަށް ލީޑު ނަގައިދީފަ އެވެ.

ކުރިން ބީޖީ ސްޕޯޓްސްގެ ފަހަތަށް ކުޅުނު އައްޒާމް ޓީސީއަށް ގުޅުނު ފަހުން ފަހަތަށް، މެދުތެރެއަށް އަދި ކުރިއަށް ވެސް ކުޅެފައިވާ އިރު، އައްޒާމް ކަހަލަ ކުޅުންތެރިއަކު ހުރުމަކީ ޓީމަށް ލިބޭނެ ހިތްވަރެއް ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ވަނީ ފާހަގަ ކޮށްފަ އެވެ.

އައްޒާމުގެ ގޯލަށްފަހު އީގަލްސްއިން ޓީމު ކުރިއަށް ޖައްސައިގެން ކުޅުނު އިރު، އެ ޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ. އެހެން ނަމަވެސް ޓީސީން މެޗުގައި ހިތްވަރާ އެކު ކުޅެ އީގަލްސްގެ ހަމަލާތައް ދިފާއުކުރުމުގައި ދެމިއޮތް އިރު، އެ ޓީމުގެ ފަހަތަށް ކުޅެމުން އައި އަލީ ޝާމިސްއަށް ވަނީ ދެ ރީންދޫ ކާޑު ހަމަވެގެން ރަތް ކާޑު ދައްކާފަ އެވެ.

އެހެން ނަމަވެސް ލިބުނު ކައުންޓާ އެޓޭކެއްގައި ޓީސީން ވަނީ އިތުރު ގޯލެއް ޖަހައި އުންމީދު ދަމަހައްޓައިފަ އެވެ. އެ ގޯލަކީ ބެންޗުން ކުޅެން އެރި ޒަޔާން ނަސީރު ޖަހައިދިން ގޯލެކެވެ. ޓީސީގެ އިބްރާހީމް ސާވީ ފޮނުވާލި ހަމަލާ އީގަލްސްގެ ކީޕަރު ސިނާހު މުހައްމަދު އަތުގައި ޖެހިފައި ނުކުތް ވަގުތު ޒަޔާން އެ ބޯޅަށް ގޯލަށް ފޮނުވާލީ ބޮލުންނެވެ.

comment ކޮމެންޓް