އެސްޓީއޯ ބަސް ޓާމިނަލާއި ޕާކު ސަރަހައްދު ހުޅުވައިފި

ކުރިން ވެސްޓް ޕާކު ހުރި ސަރަހައްދުގައި ތަރައްގީކުރި ޕާކު ސަރަހައްދު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިން ވެސްޓު ޕާކު ހުރި ސަރަހައްދުގައި ތަރައްގީކުރި އެސްޓީއޯ ބަސް ޓާމިނަލާއި ޕާކު ސަރަހައްދު ހުޅުވައިފި އެވެ.

މިރޭ ބޭއްވި ހަފްލާއެއްގައި އެސްޓީއޯ ބަސް ޓާމިނަލާއި ޕާކު ސަރަހައްދު ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ކުރިން ވެސްޓް ޕާކު ހުރި ސަރަހައްދުގައި ހުޅުވި އެސްޓީއޯ ބަސް ޓާމިނަލް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެސްޓީއޯ، ޔޫތު މިނިސްޓްރީ، މާލެ ސިޓީ ކައުންސިލް އަދި އާރުޑީސީ ގުޅިގެން ތަރައްގީކުރި ޕާކުގައި ކަސްރަތު ކުރަން ބޭނުންކުރާ މެޝިންތަކެއް ވެސް ވަނީ ބަހައްޓާފަ އެވެ.

ކުރިން ވެސްޓް ޕާކު ހުރި ސަރަހައްދުގައި ތަރައްގީކުރި ޕާކު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަސް ޓާމިނަލާއި ޕާކު ހުޅުވައިދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ އައު ބަސް ޓާމިނަލެއް ހުޅުވައި، ބަސް ރޫޓެއް އިތުރުވުމަކީ އާންމު ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، މާލޭގެ ތޮއްޖެހުމަށް ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

"ޕަބްލިކް ޓްރާންސްޕޯޓު އިތުރަށް ފުޅާކުރުމަކީ، ވައިގެ މަގުންނާއި ކަނޑުގެ މަގުންނާއި އެއްގަމު ދަތުރުފަތުރުގެ ނިޒާމު ވަރުގަދަ ކުރުމަކީ ސަރުކާރުން ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން ކުރާ ކަމެއް. އެގޮތުން މިއަދު ބަސް ރޫޓެއް އިތުރުވެގެންދާއިރު، އޭގެ ފަސޭހަކަން މުޅި މާލޭގައި، ވަކިން ހާއްސަކޮށް މާފަންނުގައި ދިރިއުޅޭ ފަރާތްތަކަށާއި ހުޅުމާލެއާއި އެއާޕޯޓަށް ލިބިގެންދާނެ،" ނައިބު ރައީސް ފައިސަލް ވިދާޅުވި އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަލަށް ހުޅުވި ޕާކު ސަރަހައްދާއި ބަސް ޓާމިނަލް ކައިރީގައި ސައިކަލު ޕާކު ކުރެވޭނެ ޖާގައެއްވެސް ވަނީ ތަރައްގީކޮށްފަ އެވެ.

އެ ހަފްލާގައި މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މާލޭގައި ޕާކު ކުރުމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށްޓަކައި މިފަދަ އެތައް ޕާކިން ސަރަހައްދުތަކެއް ތަރައްގީކޮށްފައިވާނެ ކަމަށެވެ.

"މިވީ ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި، ކޮވިޑުގެ މުއްދަތުގައި ދިމާވި ކަންކަން ކަނޑާލާފަ، ޕާކިންގެ ގޮތުގައި އެތައް ޖާގަ ހެދިއްޖެ. ގާތްގަނޑަކަށް 8000އަށް ވުރެ ގިނަ ޖާގަ އެކި އުޅަނދުފަހަރަށް ހެދިފައި މިހިރީ،" ޝިފާ ވިދާޅުވި އެވެ.

އެ ހަފްލާގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު ދެއްކެވި ވާހަކަފުޅުގައި ޕާކާއި ބަސް ޓާމިނަލްގެ މަސައްކަތް ކުރުމުގައި ނައިބު ރައީސް ފައިސަލް ނަސީމާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ލަފަޔާއި އިރުޝާދު ދެއްވި ކަމަށްޓަކައި އެ ދެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވި އެވެ. އަދި އެތަންތަން ފުރިހަމަކަމާއެކު ތަރައްގީ ކުރުކަމަށްޓަކައި އާރުޑީސީއާއި އެސްޓީއޯގެ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު-- ސަން ފޮޓޯ/ފަޔާޒު މޫސާ

comment ކޮމެންޓް