އުރީދޫ އިން މާލެއަށް 5ޖީ ހިދުމަތް ތައާރަފުކޮށްފި

އުރީދޫ އިން ރާއްޖެއަށް 5ޖީ ހިދުމަތް ތައާރަފު ކުރުން---- ފޮޓޯ: އުރީދޫ

އުރީދޫ މޯލްޑިވްސްއިން މާލެއަށް 5ޖީ ހިދުމަތް ތައާރަފުކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ލޯންޗުކޮށްދެެއްވީ ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.

އުދީދޫގެ 5ޖީ ހިދުމަތަކީ ކޮމާޝަލީ ބޭނުން ކުރެވޭގޮތަށް ތައާރަފު ކުރި ފުރަތަމަ 5ޖީ ހިދުމަތެވެ.

މި ހިދުމަތާއެކު އިންޓަނެޓް އަދި ސެލިޔުލާ ހިދުމަތް މިހާރަށްވުރެ ފަސޭހަ ކަމާއެކުު، އަވަސްކަމާއެކު ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި އެމްޑީ ނަޖީބްހާން ވިދާޅުވީ ކޮވިޑް19ގެ ހާލަތާއެކު އޮންލައިންކޮށް ހޯދާ ހިދުމަތްތައް ގިނަވި ކަމަށާއި އިންޓަނެޓް ބޭނުންކުރާ މިންވަރު އިތުރުވިކަމަށެވެ.

އުރީދޫ އިން މަސައްކަތް ކުރާނީ އަބަދުވެސް ކަސްޓަމަރުންނަށް އެންމެ ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. 5ޖީގެ ހިދުމަތަކީ 4ޖީ އަށްވުރެ 10 ގުނަ އަވަސް ޓެކްނޮލަޖީ އެކެވެ.

"5ޖީ އާއެކު އަހަރެމެންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އަންނާނެ،" ނަޖީބް ހާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާލޭގެ ބައެއް ސަރަހައްދުތަކަށް މިހާރު މި ހިދުމަތް ލިބޭނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މި ހިދުމަތް ލިބޭނެ އިތުރު ޑިވައިސްތައް ތައާރަފު ކުރާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތު ގައި އުރީދޫ އިން ވަނީ ރާއްޖެއަށް ފުރަތަމަ ފަހަރަށް 5ޖީ ބްރޯޑްބޭންޑު ހިދުމަތްވެސް ތައާރަފުކޮށްފައެވެ. މި ހިދުމަތް ތައާރަފުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ.

comment ކޮމެންޓް