މިދިޔަ މަހު ވީއައިއޭގެ ޖެޓް މޫވްމަންޓް 142 ޕަސެންޓް އިތުރު

ވީއައިއޭގައި ޕްރައިވެޓް ޖެޓުތަކެއް ޕާކުކޮށްފައި --- ފޮޓޯ: އެމްއޭސީއެލް

މިދިޔަ ނޮވެމްބަރު މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޖެޓް މޫވްމަންޓްސް، މިދިޔަ އަހަރުގެ ނޮވެމްބަރާ އަޅާބަލާއިރު 142 ޕަސެންޓް އިތުރު ވެއްޖެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްް ކޮމްޕެނީ (އެމްއޭސީއެލް) އިން "ސަން" އާ ހިއްސާކުރި ތަފާސްހިސާބަށް ބަލާއިރު މިދިޔަ އަހަރުގެ ނިވެމްބަރު މަހު ވީއައިއޭގައި ރެކޯޑު ކުރެވިފައިވަނީ 101 ޕްރައިވެޓް ޖެޓް މޫމަންޓެވެ. މި އަހަރުގެ ނޮވެމްބަރު މަހު 244 ޖެޓް މޫމަންޓްސް ރެކޯޑު ކުރެވިފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު 100 ޖެޓް މޫމަންޓް ރެކޯޑު ކުރެވިފައިވާއިރު މިއަހަރުގެ އޮކްޓޯބަރު މަހު ރެކޯޑު ކުރެވިފައިވަނީ 173 މޫމަންޓެވެ. މިއީ 73 ޕަސެންޓުގެ އިތުރުވުމެކެވެ.

އެމްއޭސީއެލް އިން ބުނީ މި ޑިސެމްބަރު މަހުގެ ތެރޭގައި ވީއައިއޭ އަށް ޖައްސާ ޖެޓުތަކުގެ އަދަދުވެސް އިތުރުވެފައިވާ ކަމަށެވެ.

ޖެޓު ޕާކު ކުރާނެ ޖާގަ ނެތި، އެހެން ތަންތަނަށް ޑައިވާޓު ކުރަންޖެހޭ ކަމަށް ބުނާ މައްސަލާގައި އެމްއޭސީއެލް އިން ބުނީ ބައެއް ފްލައިޓުތައް ޝެޑިއުލަށްވުރެ އަވަހަށް އަންނަ ކަމަށާއި އެގޮތަށް ގަޑިއެއްހައި އިރު ކުރިން އައުމުން ޕާކު ކުރާނެ ޖާގަ ނެތި، އެ ފްލައިޓުން މީހުން ހުސްކުރުމަށްފަހު ޕާކިން އަށް އެހެން އެއާޕޯޓަކަށް ޑައިވާޓު ކުރަންޖެހޭ ކަމަށެވެ.

ޕާކިން ޖާގަ އިތުރު ކުރުމަށް ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލް ކުރިމަތިން ތަރައްގީ ކުރާ ވެސްޓް އޭޕްރަން ތަރައްގީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ކޮންމެ އަހަރެއްގެވެސް ފިނި މޫސުމާއި އާއަހަރުގެ ޗުއްޓީ އާއި ދިމާކޮށް ރާއްޖެ އަންނަ ޕްރައިވެޓް ޖެޓުތަކުގެ އަދަދު އިތުުރުވެއެވެ. ވީއައިއޭގެ އިތުރުން އައްޑޫ އެއާޕޯޓާއި ދާލު އެއާޕޯޓު އަދި ކޫއްޑޫ އެއާޕޯޓާއިި މާފަރު އެއާޕޯޓަށްވެސް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓު މިދުވަސްވަރު ޖައްސައެވެ.

comment ކޮމެންޓް