އެސްޓީއޯއަށް 56: ދަތި އަހަރެއް ނަމަވެސް ހިދުމަތުގައި ނަމޫނާ

އެސްޓީއޯ--

މިއަދަކީ އެސްޓީއޯގެ 56 ވަނަ އަހަރީ ދުވަހެވެ. މިއަހަރުގެ ބޮޑު ބައި ކޮވިޑް19 ޕެންޑެމިކްގައި ވޭތުވެގެންދިޔައިރު، އެސްޓީއޯއިން އާންމުންނަށް ދޭ ހިދުމަތްތަކަށް ހީނަރުކަމެއް އަޔަނުދީ، ބަދަލުތަކެއް ގެނެސްގެން މެދުކެނޑުމެއްނެތި ހިދުމަތްތައް ވަނީ ފޯރުކޮށްދީފަ އެވެ.

ޕެންޑެމިކްއާ ކުރިމަތިލިއިރު އާންމުން އެންމެ ކަންބޮޑުވި އެއް ކަމަކީ ކާޑުގެ ދަތިކަމާ ކުރިމަތިވުމެވެ. އެހެން ނަމަވެސް ކާޑުގެ ސަޕްލައި ދެމެހެއްޓުމަށާއި ރައްޔިތުންގެ ފުޑް ސެކިއުރިޓީ ކަށަވަރު ކުރުމަށްޓަކައި އެސްޓީއޯއިން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފަ އެވެ. މާލެ ލޮކްޑައުން ކުރުމާއެކު އެސްޓީއޯ ޑެލިވަރީގެ ސިސްޓަމް ވަރުގަދަކޮށް ކާޑުގެ ބާވަތްތަކާއި ބިސް ފަދަ ތަކެތި ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފެށި އެވެ.

އޭޕްރީލް 22، 2020: އެސްޓިއޯ ކާޑު ކުދަނުން، ކާޑުގެ ބާވަތްތައް ލޮރީއަށް އެރުވުމުގެ މަސައްކަތް ކުރިއަށް ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ސަރަހައްދުގައި ޑެލިވަރީގެ ހިދުމަތް ދިނުމުގައި އެސްޓީއޯގެ 13 ވެހިކަލެއްގައި 88 ފަރާތެއް ވަނީ ހަރަކާތްތެރިވެފަ އެވެ. އެއީ މާލެ، ވިލިމާލެ، ހުޅުމާލެ އަދި އޮޑިދޯނިފަހަރު ހިމެނޭ ގޮތަށް ހަތަރު ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އަދި އަތޮޅުތެރޭގައި ކާޑުގެ ދަތިކަން ހުރިތޯ ގަވާއިދުން މޮނީޓަރު ކުރުމަށްޓަކައި ކައުންސިލްތަކާ ގުޅިގެން އެސްޓީއޯއިން މަސައްކަތް ކުރި އެވެ.

މާލެ ލޮކްޑައުން ކުރި ދުވަހަކީ އެސްޓީއޯ ސުޕަމާޓެއް ވަރަށް ބާރުބޮޑުވި ދުވަހެކެވެ. ލޮކްޑައުން ހާލަތަށް ތައްޔާރުވުމުގެ ގޮތުން އޭގެ ހަފުތާއެއްހާ ދުވަސް ކުރިން އެސްޓީއޯއިން ވަނީ އޮންލައިންކޮށް ބާޒާރުކޮށްލެވޭ އެސްޓީއޯ އީސްޓޯރުގެ ހިދުމަތް ފަށާފަ އެވެ.

ލޮކްޑައުން ވަގުތު ފަށަން ކައިރިވެފައިވަނިކޮށް އިއްޔެ އެސްޓީއޯ ސުޕަމާކެޓަށް ވިޔަފާރިކުރަން ދިޔަ މީހުންގެ ކިޔު، އެ ފިހާރައިން ބޭރަށް ދަމާލާފައި-- ސަން ފޮޓޯ/ އައިޝަތު ފަރީޙާ އަބްދުﷲ

އިޖުތިމާއީ ގައިދުރުކަން ޕްރޮމޯޓުކޮށް ފިހާރައަށް ނުގޮސް ގޭގައި ތިބެގެން ވިޔަފާރި ކުރެވޭނެ ގޮތް ތަނަވަސްކޮށްދިނުމަށް ފެށި އީސްޓޯރުގެ ހިދުމަތަށް ބާރުބޮޑުވީ ލޮކްޑައުން ކުރުމާއެކުގަ އެވެ. އެހެން ނަމަވެސް ސިފައިންގެ އެހީތެރިކަމާއެކު އެސްޓީއޯއިން ވަނީ ޑެލިވަރީގައި ދިމާވި މައްސަލަތައް ހައްލުކޮށް، އާންމުންނަށް ބޭނުންވާ ހިދުމަތް ފޯރުކޮށްދީފަ އެވެ.

މީގެ އިތުރުން އާންމުންނަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުމަށްޓަކައި ވެސް އެސްޓީއޯއިން މުހިންމު ފިޔަވަޅުތަކެއް ވަނި އަޅާފަ އެވެ. އެގޮތުން ލޮކްޑައުން ހާލަތުގައި ކޮންމެހެން ބޭނުންވާ ބޭސްތައް ގެއާ ހަމައަށް ގެންގޮސްދޭ ގޮތަށް ހިދުމަތަަށް ބަދަލުގެނަ އެވެ. އަދި ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކުން ބޭނުންކުރާ ބޭސް ރާއްޖެއިން ނުލިބޭ ހާލަތްތަކުގައި އެ ބޭސް ގެނެސްދޭނެ އިންތިޒާމުވެސް އެސްޓީއޯއިން ވަނީ ހަމަޖައްސައިދީފަ އެވެ.

އެސްޓީއޯ ހެންވޭރު ފާމަސީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕެންޑެމިކްގައި ދިން ހިދުމަތްތަކުގެ އިތުރުން މިއަހަރު އެސްޓީއޯއިން ކުރި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރާއްޖޭގައި ގެއްލިފައި އޮތް ޝިޕިން އިންޑަސްޓްރީ އަލުން ވުޖޫދު ކުރުމެވެ. އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި މޯލްޑިވްސް ސްޓޭޓް ޝިޕިން އުފައްދައިގެން އެ ހިދުމަތް ފެށީ ދިވެހި ވިޔަފާރިވެރިންނަށް އިތުބާރު ހިފޭ، ޝިޕިން ލައިނަކަށް ވުމުގެ އަޒުމުގަ އެވެ.

އޭޕްރީލް 5، 2020: ރާއްޖޭގައި އަލަށް އުފެއްދި ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ފުރަތަމަ ބޯޓު ރާއްޖެ ގެނެސް، ރާއްޖޭގެ އާ ޝިޕިން ލައިން އިފްތިތާހްކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާންމުންގެ ވިޔަފާރިތަކަށް ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ވެސް މިއަހަރުގެ ތެރޭގައި އެސްޓީއޯއިން ވަނީ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ފުރިޖުކޮށްގެން ވިއްކާ އެއްގަމު މަހާއި ކުކުޅު އަދި އިލެކްޓްރޯނިކްސްގެ ބައެއް ސާމާނުތައް އެތެރެކުރުން އެސްޓީއޯއިން ވަނީ ހުއްޓާލާފަ އެވެ. އަދި ފަހުން އެސްޓީއޯގެ ފިހާރަތަކުން އެތަކެތި ވިއްކަނީ ލޯކަލް އިމްޕޯޓަރުންނާއި ވިޔަފާރިވެރިން އަތުން ގަނެގެންނެވެ. މިކަމުގެ ސަބަބުން އެސްޓީއޯގެ ފަރާތުން ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދައްޗެއް ކުރިމަތިނުވެ، އެ ވިޔަފާރިތަކަށް ރަނގަޅު މާކެޓެއް ވެސް ހޯދައިދެވުނެވެ.

އެސްޓީއޯ ސުޕަމާޓް -- ސަން ފޮޓޯ

އެސްޓީއޯގެ މާލީ އުސްއަލިތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ އަދި ސާފު ފައިދާގެ ގޮތުގައި 114 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ލޮކްޑައުންއާ ދިމާވި ދެވަނަ ކުއާޓަރުގައި ލިބުނީ 1.2 ބިލިއަން ރުފިޔާގެ އާމްދަނީއަކާއި 105 މިލިއަން ރުފިޔާގެ ސާފު ފައިދާއެކެވެ. އަދި ތިންވަނަ ކުއާޓަރުގައި 1.5 ބިލިއަން ރުފިޔާ އާމްދަނީއަށް ލިބުނުއިރު، ސާފު ފައިދާގެ ގޮތުގައި 100 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

comment ކޮމެންޓް