ނަތަންޔާހޫއަށް ކޮވިޑް ވެކްސިން ދީ، އިސްރާއީލުގައި ވެކްސިން ޕްރޮގްރާމް ފަށައިފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވެކްސިން ޖަހަނީ -- ފޮޓޯ: އޭއެފްޕީ

ތެލްއަވީވް (ޑިސެމްބަރު 20): އިސްރާއީލުގެ ރައްޔިތުންނަށް ކޮވިޑް-19 ވެކްސިން ދިނުމުގެ ޕްރޮގްރާމް އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ފައްޓަވާ ދެއްވައިފި އެވެ.

އެމެރިކާގެ ފައިޒާއާއި ޖަރުމަނުގެ ބަޔޯއެންޓެކްއިން އުފެއްދި ކޮވިޑް ވެކްސިން ނަތަންޔާހޫއާއި ހެލްތު މިނިސްޓަރު ޔޫލީ އެޑެލްސްޓައިންގެ ގަޔަށް ޖަހާ މަންޒަރު އިސްރާއީލުގެ ޓީވީތަކުން އިއްޔެ ވަނީ ލައިވްކޮށް ދައްކާފަ އެވެ.

"އަޅުގަނޑު އެދުނީ އަޅުގަނޑަށާއި ހެލްތު މިނިސްޓަރު ޔޫލީ އެޑެލްސްޓައިންއަށް ވެކްސިން ފުރަތަމަ ދޭން، އެއީ އެންމެންނަށް ވެކްސިން ޖަހަން ހިތްވަރު ދިނުމަށް،" ނަތަންޔާހޫ ވިދާޅުވި އެވެ.

ވެކްސިން ޕްރޮގްރާމް ފައްޓަވާ ދެއްވަމުން ނަތަންޔާހޫ ވިދާޅުވި ގޮތުގައި ދެން އެގައުމުގެ ރައްޔިތުންނަށް ވަރަށް އަވަހަށް ވިޔަފާރިތައް ހުޅުވާ، އެނބުރި މަސައްކަތަށް ދެވޭނެ އެވެ.

އިސްރާއީލްގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެގައުމުގައި ވެކްސިން ދޭން ފަށާނީ 10 ހޮސްޕިޓަލަކާއި ވެކްސިން ސެންޓަރުތަކުގަ އެވެ. އަދި ފުރަތަމަ ވެކްސިން ދޭނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށެވެ.

އިސްރާއީލުން ވަނީ ފައިޒާގެ އަށް މިލިއަން ޑޯޒްއާއި މޮޑާނާގެ ތިން މިލިއަން ޑޯޒްގެ ވެކްސިން ހޯދަން އެއްބަސްވުންތައް ހަދާފަ އެވެ. އަދި އޭގެ ފުރަތަމަ ޑޯޒްތައް މިދިޔަ ހަފްތާގައި ލިބިފައިވާ އިރު އެގައުމުން ރާވާފައި ވަނީ ކޮންމެ ދުވަހަކު 60،000 މީހުންނަށް ވެކްސިން ދޭށެވެ.

އިސްރާއީލުން ގަވާއިދާ ހިލާފަށް ހިފާފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އެގައުމުގެ ރައްޔިތުނަށްވެސް އެ ވެކްސިން ޕްރޮގްރާމްގެ ދަށުން ވެކްސިން ޖަހާނެ އެވެ. ނަމަވެސް އެ ސަރަހައްދުގައި ދިރިއުޅޭ 2.5 މިލިއަން ފަލަސްތީނުގެ ރައްޔިތުންނަށް އެގައުމުން ވެކްސިން ނުދޭނެ އެވެ. އަދި އެމީހުންނަށް ވެކްސިން ދޭނީ ފަލަސްތީނުގެ ސަރުކާރަށް ވެކްސިން ލިބުމުންނެވެ.

ފަލަސްތީން އޮތޯރިޓީން ވެކްސިން ހޯދަން ހަމަޖެހިފައި ވަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިސްވެ އޮވެގެން ކުރިއަށްގެންދާ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށެވެ. އެ ހަރަކާތުގައި ބައިވެރިވާ ގައުމުތަކަށް އެގައުމެއްގެ އާބާދީގެ 20 ޕަސެންޓު މީހުންނަށް ދެވޭ ވަރަށް ވެކްސިން ލިބޭނެ އެވެ.

އިސްރާއިލުން މިހާތަނަށް 370،000 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 3،057 މީހަކު ވަނީ މަރުވެފަ އެވެ. އަދި ފަލަސްތީނުން 121،000 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 1,117 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް