ކްރިސްމަސްއާ ދިމާކޮށް އިޓަލީވެސް ފުރަަބަންދަކަށް

އިޓަލީގެ މަގެއް--

ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން ކްރިސްމަސްއާ ދިމާކޮށް އިޓަލީވެސް ފުރަަބަންދު ކުރަން ނިންމައިފި އެވެ.

އެގޮތުން އިޓަލީން މިހާރު ވަނީ ބަންދާ ދިމާކޮށް "ރެޑް ޒޯން" ތަކެއް ކަނޑައަޅައި ކޮންމެހެން މުހިންމު ނޫން ފިހާރަތަކުގެ އިތުރުން ބާތާކާއި ރެސްޓޯރެންޓްފަދަ ތަންތަން ބަންދުކުރަން ނިންމައިފަ އެވެ.

ނަމަވެސް އިމެޖެންސީ ހާލަތުގައާއި ވަޒީފާއަށް ދެވޭނެ އެވެ. އަދި ކޮންމެވެސް ވަރަަކަށް ގޭގެއަށް ޒިޔާރަތް ކުރެވޭނެ އެވެ.

އިޓަލީގެ ބޮޑުވަޒީރު ގިއުސޭޕޭ ކޮންޓޭ ވިދާޅުވީ މިއީ ވަރަށް އުނދަގޫ ނިންމުމެއް ކަަމަށާއި ނަމަވެސް އެގޮތަށް ނިންމީ ތަޖުރިބާކާރުންގެ ލަފައާއެކު ކްރިސްމަސްއާ ދިމާކޮށް މާބޮޑަށް އަނެއްކާވެސް ބަލި ފެތުރިދާނެތީ ރައްކާތެރިވުމުގެ ގޮތުން ކަމަށެވެ.

އިޓަލީއަކީ މުޅި ޔޫރަޕްގައިވެސް ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން މަރުވި ގައުމެވެ. އެގައުމުން 68،000 އެއްހާ މީހުން އެ ބަލީގައި ވަނީ މަރުވެފަ އެވެ.

އިޓަލީން މިހާރު ދަނީ މިމަހު ފަހުކޮޅު ވެކްސިން ދޭންވެސް ތައްޔާރުވަމުންނެވެ.

ކްރިސްމަސްއާ ދިމާކޮށް ކޮވިޑް ފެތުރުން އިތުރުވާނެކަމަށް ބަލައިގެން ނެދެލެންޑްސް، ޖަރުމަނު އަދި އޮސްޓްރިއާ ވެސް މިހާރު ވަނީ ފުރަބަންދު ކުރަން ނިންމައިފަ އެވެ-- ބީބީސީ--

comment ކޮމެންޓް