ދުނިޔޭގެ ޓޫރިޒަމް ވަނީ 1990ގެ ހާލަތަށް ވެއްޓިފައި: ރިޕޯޓް

ފަތުރުވެރިންތަކެއް ވީއައިއޭގައި --- ސަން ފޮޓޯ: ފަޔާޒު މޫސާ

ކޮވިޑް19ގެ ބަލިމަޑުކަމާއެކު ދުނިޔޭގެ ޓޫރިޒަމް ސިނާއަތް، 1990 ގައި އެ ސިާއަތް އޮތް ހާލަތަށް ސޮއްސާލާފައިވާކަމަށް އދގެ ޓޫރިޒަމް އާއި ބެހޭ ޖަމްއިއްޔާ (ޔޫއެންޑަބްލިއުޓީއޯ) އިން ބުނެފި އެވެ.

އެ ޖަމްއިއްޔާ އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް، ދަތުރުފަތުރު ހުއްޓުމަކަށް އައުމުގެ ސަބަބުން މިއަހަރުގެ ފުރަތަމަ 10 މަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު 900 މިލިއަން މަދުވެފައިވާ ކަމަށެވެ. އެއީ 72 ޕަސެންޓުގެ ދަށްވުމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ޔޫއެންޑަބްލިއުޓީއޯ އިން ބުނީ ބަލިމަޑުކަމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރީ އޭޝިއާ ޕެސިފިކް ގައުމުތަކުގެ ފަތުރުވެރިކަމަށް ކަމަށެވެ. އެވްރެޖުކޮށް އެންމެ ގިނަ ފަތުރުވެރިން އަހަރެއްގެ މައްޗަށް އޭޝިއާ ޕެސިފިކްގެ ގައުމުތަކަސް ދަތުރުކުރާއިރު، މިއަހރު ތެރޭ މި ސަރަހައްދުގެ ޓޫރިޒަމް 82 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ބުނެފައިވެއެވެ. އަދި މިޑްލްސް އީސްޓުގެ ޓޫރިޒަމް73 ޕަސެންޓް، އެފްރިކާ ސަރަހައްދާއި ޔޫރަޕުގެ ޓޫރިޒަމް ސިނާއަތް 6 ޕަސެންޓް އަދި އެމެރިކާ ރީޖަންހެ ޓޫރިޒަމް ސިނާއަތް 68 ޕަސެންޓް ދަށްވެފައިވާކަމަށް ބުނެފައިވެ އެވެ.

ބައެއް ސަރަހައްދުތައް މަޑުމަޑުން ހުޅުވާލަން ފެށުމާއެކު ކޮންމެވެސް ވަރެއްގެ ކުރިއެެރުން އައިސްފައިވާ ކަމަށާއި އެގޮތުން ހޫނު މޫސުމާ ދިމާކޮށް ޔޫރަޕާއި އެމެރިކާ ސަރަހައްދުގައި ދަތުރުފަތުރަށް ދިން ލުއިތަކާއެކު އެ ސަރަހައްދުގެ ފަތުރުވެރިކަން އެ ދުވަސްވަރު ކުޑަކޮށް ކުރިއަށް ޖެހުނު ކަމަށް ޔޫއެންޑަބްލިއުޓީއޯ އިން ބުނެފައި ވެއެވެ.

ކޮވިޑާއެކު އައި ހީނަރުކަމުގެ ސަބަބުން ދުނިޔޭގެ ޓޫރިޒަމް އަށް 935 ބިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކޮށް އެ ޖަމްއިއްޔާ އިން ބުނީ އެއީ 2008-2009 ގައި ދުނިޔެއަށް ކުރިމަތިވި ފައިނޭންޝިއަލް ކްރައިސިސް އަށްވުރެ 10 ގުނަ ބޮޑު ގެއްލުމެއް ކަމަށެވެ.

މިހާރު ހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް އެ ޖަމްއިއްޔާ އިން ބުނީ މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރުގެ ނިޔަލަށް އިންޓަނޭޝަނަލް އެރައިވަލްސް އެވްރެޖުކޮށް 70-75 ޕަސެންޓް ދަށަށް ދާނެ ކަމަށެވެ. އެއީ 1990 ގައި ޓޫރިޒަމް ސިނާއަތުގެ އިންޓަނޭޝަނަލް އެރައިވަލްސް ހުރި މިންވަރު ކަމަށް ބުންޏެވެ.

މީގެ މާނައަކީ އިންޓަނޭޝަނަލް ޓޫރިސްޓް އެރައިވަލްސް ގައި އެއް ބިލިއަން މީހުންގެ ދަށްވުމެއް އަންނާނެ ކަން ކަމަށާއި، ދުނިޔޭގެ ޖީޑީޕީ އަށް ދެ ޓްރިއަލް ޑޮލަރުގެ ގެއްލުމެއް އަދި އިންޓަނޭޝަނަލް ޓޫރިޒަމަށް 11 ޓްރިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އެ ޖަމްއިއްޔާ އިން ބުންޏެވެ.

އެ ޖަމްއިއްޔާ އިން ލަފާކުރާ ގޮތުގައި އަންނަ އހަަރުގެ މެދެއްހަިއ ހިސާބުގައި ދުނިޔޭގެ ޓޫރިޒަމް މަޑުމަޑުން ކޮޅަށް ޖެހެން ފަށާނެ އެވެ. ނަމަވެސް 2019 ނިމުނު އިރު ހުރި ހިސާބަށް ދާން އަދި ދެއަހަރާއި ބައި ނަގާނެ ލަމަށް ލަފާކޮށްފައި ވެއެވެ.

comment ކޮމެންޓް