މާލެ ސަރަހައްދުގެ ބަހުގެ ހިދުމަތް އަންނަ އަހަރު އެމްޓީސީސީ އިން ދޭން ފަށަނީ

މާލޭ ސަރަހައްދުގައި ދުއްވާ ބަހެއް -- ފޮޓޯ:އެމްޕީއެލް

ސަރުކާރުގެ ވިސްނުމަކީ މާލެ ސަރަހައްދުގައިދޭ ބަހުގެ ހިދުމަތް އެމްޓީސީސީ މެދުވެރިވެގެން ދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޓީސީސީ އަށް 40 އަހަރު ފުރުމާ ގުޅިގެން ދެއްވި ވީޑީއޯ މެސެޖުގައި ރައީސް ވިދާޅުވީ ރާއްޖޭގައި މިހާރުވެސް އެންމެ ގޮންޖެހުން ބޮޑު އަސާސީ ހިދުމަތަކީ ދަތުރުފަތުރުގެ ހިދުމަތް ކަމަށެވެ.

މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރަަށްވެސް ހެޔޮ ބަދަލެއް އަންނަން ޖެހޭކަމަށް ގަބޫލު ކުރައްވާ ކަމަށާއި މާލެ، ހުޅުމާލެެ އަދި ހުޅުލެއަށް ބަހުގެ ހިދުމަތް ދިނުމުގައި އެމްޓީސީސީ އާއި އެމްޕީއެލް މިހާރު ހަރަކާތްތެރިވާއިރު، އެމްޓީސީސީ އަކީ ދަތުރުފަތުރަށް ހާއްސަ ކުންފުންޏަކަށް ވުމުން މި ސަރަހައްދުގެ ބަހުގެ ހިދުމަތް އެމްޓީސީސީ އިން ފޯރުކޮށްދޭން ފެށުމަކީ ސަރުކާރުގެ ވިސްނުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެކަމާ ބެހޭ ގޮތުން މިހާރު ކުރިއަށްދާ މަޝްވަރާތައް ނިމި، މިފެށޭ އަހަރުގެ ކުރީކޮޅު، މާތްﷲގެ އިރާދަފުޅާއެކު، އެމްޓީސީސީ އިން އެމަސައްކަތާ ހަވާލުވެ، އިތުބާރު ހުރި ރަނގަޅު ހިދުމަތްތަކެއް ދޭން ފަށާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން،" ރައީސް ވިދާޅުވިއެވެ.

މީގެ ކުރިންވެސް ސަރުކާރުން ވަނީ މާލެ ސަރަހައްދުގެ ބަހުގެ ހިދުމަތް އެމްޕީއެލްގެ ގްރޭޓާ މާލެ ޓްރާންސްޕޯޓު ލިންކުން ނަގައި އެމްޓީސީސީ އަށް ބަދަލުކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެކަން ކުރިއަށް ނުގޮސް މަޑުޖެހިފައި އޮތީ އެވެ.

ރައީސްގެ މެސެޖުގައި އިތުރަށް ވިދާޅުވީ ކަނޑުދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ބަދަލުތައް ގެނައުމުގެ ވިސްނުން ކަމަށާއި އަންނަ އަހަރު ފަށާނެ އެންމެ މުހިއްމު އެއް މަޝްރޫއަކީ އެއީ ކަމަށެވެ. އެކަން ކުރާނެ ގޮތުގެ ޕްލޭންތައް ޕްލޭނިން މިނިސްޓްރީ އާއި ޓްރާންސްޕޯޓު މިނިސްޓްރީ އިން މިހާރު އެކުލަވާލާފައި ވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އެއް ވިސްނުމަކީ، މިމަޝްރޫއު، އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔުން. މިކަމުގެ މަޝްވަރާތައް، ޕްލޭނިން މިނިސްޓްރީން ވަރަށް އަވަހަށް އެމްޓީސީސީ އާ އެކީގައި ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުން. އަޅުގަނޑުގެ އުއްމީދަކީ މިކުންފުނީގެ ތަޖުރިބާއާ އެކީ، މި މަޝްރޫއަކީ ކާމިޔާބު މަޝްރޫއަކަށް ވެގެން ދިއުން،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ މެސެޖުގައި އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ގިނަ ހިދުމަތްތައް އެމްޓީސީސީ އިން ފޯރުކޮށްދެމުން ދާ ކަމަށެވެ. އަދި ކޮވިޑް19ގެ ބަލިމަޑުކަމާއެކުވެސް މި އަހަރަކީ އެމްޓީސީސީގެ ތާރީހުގައި ކާމިޔާބު ފައިދާ ބޮޑު އަހަރެއް ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ކޮވިޑް19 އާއި އެކު ކުރިމަތިވި އިގްތިސޯދީ ހުރަސްތަކާއެކު ވެސް އެމްޓީސީސީ އިން އެ ކުންފުނީގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ނަމޫނާ ދައްކާފައިވާ ކަމަށެވެ.

އަދި އެ ކުންފުނިން މި އަހަރު ނިންމާލާނީ ކުންފުނީގެ ތާރީހުަގއިވެސް އެންމެ ކާމިޔާބު އަހަރުގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.

މިއާއެކު އަންނަ އަހަރު ކުރިއަށްގެންދާ ގިނަ މަޝްރޫއުތަކެއް އެކުންފުންޏަ ހަވާލުކޮށްގެން ކުރިއަށް ގެންދާނެ ކަމަށާއި ކުންފުންޏާ ހަވާލުކުރާ މަޝްރޫއުތައް ތާރީހަށް ނިންމާ، އެމްޓީސީސީ އަށް އޮތް އިތުބާރު އެ ކުންފުނިން ދަމަހައްޓާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް