ފަތުރުވެރިން އިތުރުވާން ފެށުމުން އުުރީދޫއިން އެއާޕޯޓްގެ އިންޓަނެޓް ސްޕީޑް މަތިކޮށްފި

ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އައި 100،000 ވަނަ ފަތުރުވެރިޔާ --- ފޮޓޯ :އެމްއޭސީއެލް

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވާލިފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާތީ އުރީދޫއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ދޭ އިންޓަނެޓްގެ ސްޕީޑް މަތިކޮށްފިއެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ޚާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފަތުރުވެރިން އަންނަލެއް އިތުރުވާތީ އިންޓަނެޓް ސްޕީޑް މިހާރު ތިންގުނަ އިތުރުކޮށްފައިވާ ކަމަށެވެ. އަދި އެގޮތަށް ހަމަަޖެއްސީ ފަތުރުވެރިންނަށް ވީހާވެސް ފުރިހަމަކޮށް ހިދުމަތްދިނުމުގެ ގޮތުންކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ބޯޑަރު މާޗް 27 ގައި ބަންދުކުރުމަށް ފަހު އަލުން ހުޅުވާލީ ޖުލައި 15ވަނަ ދުވަހުގަ އެވެ. އޭގެ ފަހުން މިހާތަނަށް ލައްކައަކަށް ވުރެ ގިނަ ފަތުުރުވެރިން ރާއްޖެ ވަނީ އައިސްފައެވެ.

ރާއްޖެއަށް މިވަގުތު 20 އިންޓަނޭޝަނަލް އެއާލައިނަކުން ދަތުރުކުރާއިރު ބައެއް އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާ އެއާކްރާފްޓުތައް އަޕްގްރޭޑުކޮށް، ދަތުރުތައް އިތުރުކޮށްފައިވެއެވެ. އިއްޔެގެ ނިޔަލަށް 501،674 ފަތުރުވެރިން މިއަހަރު ތެރޭ ރާއްޖެ އައިސްފައި ވެއެވެ. މިމަހު އެކަނިވެސް 40،000 ފަތުރުވެރިން އައިސްފައިވެއެވެ.

comment ކޮމެންޓް