އިންތިގާލީ އިންސާފު ގާނޫނުގެ ބޭނުމަކީ މައާފުކުރުމާއި ހަސަދަވެރިކަން ފިލުވާލުން: ނަޝީދު

ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ހަރުގޭގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

އިންތިގާލީ އިންސާފު ގާނޫނުގެ ބޭނުމަކީ ތެދު ހާމަކުރުމާއި މާފުކުރުމުގެ އިތުރުން ހަސަދަވެރިކަން ފިލުވާލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންތިގާލީ އިންސާފުގެ ބިލު ތަސްދީގު ކުރައްވައި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް ވަނީ އިއްޔެ އުފައްދަވާފައެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ، އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއުމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މުސްތަގިއްލު ގާނޫނީ ޝަހުސެކެވެ.

ރައީސް ނަޝީދު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އިންތިގާލީ އިންސާފުގެ ސިފަކޮށްފައިވާނީ ޓިނު ގޮޅިއަކުން ކަމަށެވެ.

"މީގެ ބޭނުމަކީ މައާފުކުރުން. ތެދު ހާމަކުރުން. އެކަކަށް އަނެކަކަށް ވީގޮތް އިނގުން. އަނެއްމީހާވެސް މައާފަށް އެދުން. އަޅުގަނޑުމެންގެ ތެރޭގައި ސުލްހަ މަސަލަސް ގާއިމުކުރުން. ރުޅިވެރިކަން ނައްތާލުން. ހަސަދަވެރިކަން ފިލުވާލުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިންތިގާލީ އިންސާފުގެ ނިޒާމަށް ރައްޔިތުން އަހުލުވެރިކުރުވައި، ތެދު ހާމަކޮށް މައާފުކުރުމުގެ ރޫހު އާލާކުރުމުގެ ގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގާނެ ކަމަށެވެ.

ސަރުކާރުގެ ބޭނުމަކީ ގައުމު މަސަލަސް ކުރުމާއި ގައުމުގެ ރައްޔިތުންގެ މެދުގައި ރުޅިވެރިކަން ނައްތާލުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިންތިގާލީ އިންސާފުގެ ބިލާއެކު އުފައްދާފައިވާ އޮމްބަޑްސްޕާސަންގެ އޮފީހުން ބަލާ މައްސަލައެއްގައި، ނިޒާމީ ގޮތެއްގައި ރޭވިގެން ހިންގާފައިވާ އަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ހައްގެއް ހިފެހެއްޓިއްޖެނަމަ އެ އަމަލުގެ ޝިކާރައަކަށްވި ފަރާތަށް ބަދަލު ލިބިދިނުމުގެ އިހްތިޔާރު އެ އޮފީހަށް މި ގާނޫނުގައި ލިބިދީފައިވެއެވެ.

އަދި ބަދަލުގެ ގޮތުގައި މާލީ ބަދަލާއި މާލީ ނޫން ބަދަލު ނަގައިދެވޭނެ ކަމަށް ގާނޫނުގައި ބުނެ އެވެ. މާލީ ބަދަލުގެ ގޮތުގައި އަނިޔާ ލިބުނު ފަރާތަށް ނަގައިދެވޭނީ ލިބުނު އަނިޔާގެ ސަބަބުން މާލީ ގެއްލުމެއް ލިބިފައިވާނަމަ އެ ލިބުނު ގެއްލުމުގެ ބަދެލެވެ.

އަދި ވަޒީފާއެއް އަދާކުރަމުން ދިޔަ މީހަކަށް ވެފައި، ލިބުނު އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން، ވަޒީފާ އަދާނުކުރެވިދިޔަ މުއްދަތަށް ލިބެންޖެހޭ މުސާރައާ އެއްވަރުގެ ބަދަލު، ނުވަތަ އެ އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން ވަޒީފާ އަދާނުކުރެވިދާނެ މުއްދަތަށް ލިބެންޖެހޭ މުސާރައާ އެއްވަރުގެ ބަދަލެއް ދެވިދާނެ ކަމަށް ގާނޫނު ބުނެއެވެ.

comment ކޮމެންޓް