ޔާމީން ޖަލަށްލީ ދުވަހު އަޅުގަނޑަށް ރޮވުނު: މަޖިލިސް ރައީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލީ ދުވަހު ރޮވުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ޕާޓީގެ ރައީސްކަން ކުރައްވަމުން ގެންދަވާ ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ޖަލައްލީ ދުވަހު ބައެއް ފަރަތްތަކުން އުފާފާޅު ކުރި ކަމަށާއި އެހެން ނަމަވެސް ރައީސް ޔާމީން ޖަލަށްލީ ދުވަހު އެމަނިކުފާނުވީ ދެރަ ކަމަށެވެ.

"އަޅުގަނޑު ޖަލަލުމަށްފަހު، ހަވާއެރުވުމާއި ލަގިރި ޖެހުމާއި ލަވަ ކިޔުމާއި މާ ޖެހުމާއި މި ހުރިހާ ކަމެއް [ކުރި]. އެހެން ނަމަވެސް ރައީސް ޔާމީން ޖަލަށްލީ ދުވަހު އަޅުގަނޑު ވީ ދެރަ. އަޅުގަނޑަށް ރޮވުނު، އަޅުގަނޑު އެދޭ ގޮތެއް ނޫން އެއީ." ރައީސް ޔާމީނާ އެންމެ ވާދަވެރި ލީޑަރު، ރައީސް ނަޝީދު ވިދާޅުވި އެވެ.

"ރައީސް ޔާމީން ޖަލުގައި އިންނަވަން ޖެހުމަކީ އަޅުގަނޑު އުފާފާޅުކުރުމުން، ހަވާއަރުވަމުން ދުވާ ކަމެއް ނޫން،"

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު އެދެނީ ރައީސް ޔާމީނަށް އިންސާފު ލިބުން ކަމަށާއި ޝަރުއީ ހުރިހާ މަރުހަލާއެއް އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަން ކަށަވަރުވާ ކަމަށެވެ.

ރައީސް ކަން ކުރައްވާފައި ތިބި ފަރާތްތައް ޖަލަށްލުމުގެ ސަގާފަތް ހުއްޓެން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދުވެސް ރައީސް ނަޝީދު ތަކުރާރު ކުރެއްވި އެވެ. އަދި އެ ވާހަކަތައް މިއަދުވެސް ކޮންމެވެސް ވަރަކަށް ތިލަކޮށްދެއްވި އެވެ.

"ރައީސް ޔާމީން ހައްޔަރު ކޮށްފައި އެވަނީ އަޅުގަނޑާ ކުޑަކޮށްވެސް ގުޅިގެންނެއް ނޫން. އަޅުގަނޑު ދައްކަމުން ދިޔަ ވާހަކަ އަކީ ވެރިން ހައްޔަރު ކުރާ ސަގާފްތް ދޫކޮށްލުމުގެ ސަގާފަތް ރައީސް ޔާމީނަށްވެސް ލިބުނޭ. އަޅުގަނޑަށްވެސް ލިބުނޭ. އަޅުގަނޑު ހިތްވަރުކޮށްގެން އެކަން ކުރަމުން ގެންދިޔައިން. ރައީސް ޔާމީން އެކަން ކުރެއްވިނަމަ، މިއަދު ހަގީގަތް އޮތީ ވަރަށް ތަފާތުކޮށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ޔާމީން ޖަލުގައި މިހާރު ހުންނެވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން ލިބުނު އެއް މިލިއަން ޑޮލަރު އެކަންޓަށް ވަތް މައްސަލައިގައި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެގެންނެވެ. އެ މައްސަލަ މިހާރު އޮތީ، ހައި ކޯޓުގެ އިސްތިއުނާފު މަރުހަލާގަ އެވެ.

comment ކޮމެންޓް