ސްރީލަންކާގެ ރައީސް ރާޖަޕަކްސައާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

14:30


ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސައާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.


މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، މިދަތުރުފުޅު ކުރެއްވި ކަމަށްޓަކައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ރައީސް ރާޖަޕަކްސައަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވެ، ޝުކުރު އަދާކުރެއްވި އެވެ. ދިވެހިރާއްޖެއާއި ސްރީލަންކާއަކީ، ވަރަށް ޒަމާންވީ ގާތް ގުޅުމެއް އުފެދިފައިވާ ދެޤައުމު ކަމަށާއި، ދެޤައުމުގެ ރައްޔިތުންގެ މެދުގައިވެސް މިފަދަ ގާތް ގުޅުމެއް އޮންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި، މި ގުޅުން އިޤްތިޞާދީ ގޮތުންނާއި ޘަގާފީ ގޮތުން ފުޅާވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ސިޔާސީ މަސްރަޙް ގޯސްވެފައިވާ މިދަނޑިވަޅުގައި، ރައީސް ރާޖަޕަކްސަ ރާއްޖެއަށް ޒިޔާރަތްކުރެއްވުމުން އެކަމުން ދޭހަވަނީ، އެމަނިކުފާނު ރާއްޖެއާމެދު ބަހައްޓަވާ ގާތްކަން ކަމުގައި ވިދާޅުވި އެވެ.


ރައީސް ރާޖަޕަކްސަގެ ވާހަކަފުޅުގައި، ސްރީލަންކާގެ ރައްޔިތުން ދެކެނީ ދިވެހިންނަކީ ވަރަށް ގާތް ބައެއްގެ ގޮތުގައި ކަމަށާއި، ރާއްޖެއަށް މިހާރު ދިމާވެފައިމިވާ މައްސަލައިގައިވެސް ސްރީލަންކާއިން ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ވެދެއްވާނެ ކަމުގައި ވިދާޅުވި އެވެ.


މިބައްދަލުކޮށްލެއްވުމަށް ރައީސް ރާޖަޕަކްސަ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެން، ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވި އެވެ.


ރައީސް ރާޖަޕަކްސަ މިއަދު ވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމާ ވެސް މިއަދު ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް މައުމޫންގެ އަރިހުގައި ޑީއާރުޕީގެ ލީޑަރ އަހުމަދު ތަސްމީން އަލީގެ އިތުރުން ޑީއާރުޕީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވައިގެންނެވި އެވެ.


ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވިދާޅުވީ ރައީސް ރާޖަޕަކްސާގެ މިދަތުރުފުޅުގައި އުއްތަމަ ފަނޑިޔާރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ.


ޒުހެއިރު ވިދާޅުވީ ރައީސް މަހިންދަ ރާޖަޕަކްސާގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.


ސްރީލަންކާގެ ރައީސް މާލެ ވަޑައިގަތުމުން މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން މަރްޙަބާ ވިދާޅުވީ، ނައިބު ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކެވެ.


ރައީސް ރާޖަޕަކްސަ އަށް ރަސްމީ ގޮތުން މަރްހަބާ ދެންނެވުން އޮތީ، މާލޭ ރަސްމީ ފާލަމުގެ ކުރިމަތީގަ އެވެ. ރައީސް ރާޖަޕަކްސަ މާލެއަށް ފައިބާވަޑައިގަތުމާއެކު، ބިއުގަލް ކޯލެއް އެރުވުން އޮތެވެ. އަދި ރަސްމީ ފާލަމުން ރައީސް ރާޖަޕަކްސަ އަށް މަރްހަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު