ކޯވިޑުގައި މަރުވާ ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލުމުގެ މައްސަލަ

ކޯގަންނު ގަބުރުސްތާނު -- ފޮޓޯ: ޒަމްހީނާ (ވޯޑްޕްރެސް)

އަނެއްކާވެސް ބޮޑު ބަހުސެކެވެ. އާއްމުކޮށް ކުރެވޭ ބަހުސްތަކާ ތަފާތު ބަހުސެކެވެ. އަވައްޓެރި ސްރީ ލަންކާގައި ކޯވިޑް-19ގެ ސަބަބުން މަރު ވާ މުސްލިމުން ރާއްޖޭގައި ވަޅުލުމުގެ ފުރުޞަތު ދިނުމާ ބެހޭގޮތުން އުފެދިފައި ވާ ބަހުސެވެ.

އެންމެ ފުރަތަމަ ވެސް މި ކަމުގައި އޮޅުންތަކެއް ނުވަތަ އޮޅުވައިލުންތަކެއް ހިމެނޭ ކަމަށް ޝައްކު ކުރެވޭ ސަބަބަކީ، މި ކަމާ ގުޅޭ ޚަބަރުތައް ފެތުރިގެން އައި ގޮތެވެ. ލަންކާގެ މީޑިޔާއިން ފެނުނު ލިޔުންތަކުގައި އޮތީ، ކޯވިޑް-19 ޖެހިގެން މަރު ވާ ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލައިދޭނެ ކަމަށް ބުނެ ދިވެހި ސަރުކާރުން ލަންކާގެ ކަމާބެހޭ ފަރާތްތަކަށް ހުށައަޅައިފައި ވާ ކަމުގައެވެ. އެޔަށްފަހު، ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ހާމަ ކުރި މަޢުލޫމާތުތަކުން އެނގެނީ، އެއީ ލަންކާއިން ދިވެހި ސަރުކާރަށް ހުށައެޅި ކަމެއް ކަމާއި، އެކަމާ މެދު ދިވެހި ސަރުކާރުން އަދި ގޮތެއް ނުވެސް ނިންމާކަމެވެ. ދެން އިވިގެން ދިޔަ އެއް ވާހަކަޔަކީ، ލަންކާ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ދިވެހި ސަރުކާރަށް އެކަން ހުށައެޅީ އެ ގައުމުގެ ކެބިނެޓުގައި މައްސަލަޔާ މެދު މަޝްވަރާ ވެސް ނުކޮށް ކަމުގެ ވާހަކައެވެ.

މި ހިސާބުން ވެސް ކުޑައިކޮށް މަޑު ޖައްސައިލައި، މި ވާނުވާއެއް ބަލައިލާން އެބަޖެހެއެވެ. މިއީ ކިހިނެއް ވެގެން، ކޮން މަޤުޞަދެއްގައި، ކޮން ބަޔަކު ކުރާން އުޅޭ ކަމެއްކަން ތަންކޮޅެއް ރަނގަޅަށް ދެނެގަންނާން އެބަޖެހެއެވެ.

ލަންކާގައި މި މައްސަލައިގެ ފަސްމަންޒަރު އޮތް ގޮތަށް ބަލައިލާ އިރު، އެ ގައުމުގެ ސަރުކާރުން އެ ޤައުމުގައި ވަރަށް ބައިމަދު ދެ މައިނޯރިޓީ ކަމުގައި ވާ މުސްލިމުންނާއި ނަޞާރާއިންގެ ރުހުމާ ޚިލާފަށް، ކޯވިޑް-19ގައި އެމީހުންގެ ތެރެއިން މަރު ވާ މީހުން ވެސް ގަދަކަމުން އަންދަމުން ގެންދާގެންދިޔުން، އެއީ ފާހަގަ ކޮށްލެވޭ އެންމެ މުހިއްމު އެއް ކަންތަކެވެ. ލަންކާއަކީ ބުޑިސްޓް ނުވަތަ ބޫދީ ޤައުމެކެވެ. ޤައުމުގެ އާބާދީގެ 70 އިންސައްތަޔަށް ވުރެ ގިނައީ ބޫދީންނެވެ. ޤައުމުގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގެ 9 ވަނަ މާއްދާގައި ބުނަނީ، ލަންކާގެ މައިގަނޑު ރަސްމީ ދީނަކީ ބޫދިއްޔަތު ކަމަށާއި، ބޫދިއްޔަތަށް ޚާއްޞަ މަޤާމަކާއި ޙައިޘިއްޔަތެއް ދެވޭނެ ކަމަށާއި، ބޫދިއްޔަތު ރައްކައުތެރިކޮށް ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއް ކަމުގައެވެ. ބޫދީންނަށް ފަހު ލަންކާގައި އެންމެ ބައިގިނަ ޖަމާޢަތަކީ ހިންދޫންނެވެ. އެއީ އާބާދީގެ 12 އިންސައްތައެވެ. މި ދެ ޖަމާޢަތަކީ ވެސް، މަރު ވާ މީހުންނަށް ފަހުގެ އިޙުތިރާމު އަދާ ކުރުމުގައި، އެމީހުންގެ ޤަބުރުތައް އެންދުމުގެ ސަގާފަތެއް ގެންގުޅޭ ދެ ޖަމާޢަތެވެ. ނަމަވެސް ލަންކާގެ އާބާދީގެ 10 ވަރަކަށް އިންސައްތަ ކަމުގައި ވާ މުސްލިމުންނާއި، އާބާދީގެ ގާތްގަނޑަކަށް 8 އިންސައްތަ ކަމުގައި ހިމެނޭ ނަޞާރާއިންގެ ދީނީ އަދި ސަގާފީ ހަމަތަކާއި ޤަވާޢިދުތައް، މަރު ވާ މީހުންގެ ހަށިތައް އެންދުން މަނާ ކުރެއެވެ. ކަން މިހެން އޮތް ކަމުގައި ވިޔަސް، ލަންކާ ސަރުކާރުން ވަނީ ކޯވިޑް-19 އާ ގުޅިގެން، އެ ޤައުމުގައި މަރު ވާ ހުރިހައި އެންމެންގެ ހަށިގަނޑުތައް ވެސް، ބޫދީ އަދި ހިންދޫ ދީނުގެ ސަގާފަތާއި ހަމަތަކާ އެއްގޮތަށް އެންދުމަށް ނިންމައިފައެވެ. މިއަދާ ހަމަޔަށް ލަންކާ ސަރުކާރުން ގެންދަނީ މުސްލިމުންނާއި ނަޞާރާއިންގެ ދެކޮޅުހެދުންތަކާއި، އިޙުތިޖާޖުތަކާއި، އާދޭހަށް ބީރު ކަންފަތެއް ދީ، ބަލީގައި މަރު ވާ މުސްލިމުންނާއި ނަޞާރާއިންގެ ހަށިތައް ވެސް އަންދަމުންނެވެ.

ލަންކާ ސަރުކާރުން މި ކަމުގައި ޢަމަލު ކުރަމުން ގެންދާ ގޮތް ރަނގަޅޭ ބުނެވޭނެ އެއްވެސް ސަބަބެއް ނެތެވެ. އެންމެ ފުރަތަމަ ކަމަކަށް، ކޯވިޑް-19 ގައި މަރު ވާ މީހުންގެ ހަށިގަނޑުތައް ވަޅު ލުމަކީ އެއްވެސް ކަހަލަ ޞިއްޙީ މައްސަލައެއް، ނުރައްކަލެއް، ނުވަތަ ޚުޠޫރަތްތެރިކަމެއް އޮތް ކަމެއް ނޫނެވެ. ކޯވިޑް-19 އާ ބެހޭގޮތުން ވޯރލްޑް ހެލްތު އޯރގަނައިޒޭޝަނުން އެކުލަވައިލައިފައި ވާ އިރުޝާދުތަކަށް ބެލިޔަސް، އަދި ކަމާބެހޭ އެހެން އެއްވެސް ފަރާތަކުން ހަދައި ތަންފީޛު ކުރާ ގައިޑްލައިނެއް ފަދަ އެއްޗެއްގައި ވެސް، ބަލީގައި މަރު ވާ މީހުންގެ ހަށިތައް ވަޅުލައިގެން ނުވާނެޔޭ ބުނެފައެއް ނެތެވެ. ދެވަނަ ކަމަކަށް، ލަންކާޔަކީ ބިމުގެ ސައިޒާއި އާބާދީއަށް ބަލާ އިރު، ބިމުގެ ދަތިކަން އެއްވެސް މިންވަރަކަށް ތަޙައްމަލު ކުރާން ޖެހިފައި ނުވާ ޤައުމެކެވެ. ލަންކާގެ ފަރުބަދަމަތީގެ ހިސާބުތަކާއި ޖަންގަލިތަކުގައި ވެސް، މީހުން ދިރިއުޅޭ ހިސާބުތަކާ އެތައް ސަތޭކަ މޭލެއްގެ ދުރުގައި ޤަބުރުސްތާނުތައް ބިނާ ކުރެވޭނެ ޖާގަ އެބައޮތެވެ. ތިންވަނަ ކަމަކަށް، މި އުޅެނިއްޔަކީ ލަންކާޔަށް މެނޭޖު ނުކުރެވޭ ވަރަށް، އެއް ފަހަރާ އެތައް މިލިޔަން ބަޔަކު މަރު ވެގެން، އަވަސް ގޮތަކުން އެމީހުން ވަޅުލުމުގެ ޟަރޫރަތެއް ފަދަ ކަމެއް ވެސް ދިމާ ވެގެންނެއް ނޫނެވެ. މީގެ އިތުރު ނުކުތާތައް ވެސް ފާހަގަ ކުރެވިދާނެއެވެ. ޔަގީނުން ވެސް އެނގޭ ކަމަކީ، ލަންކާގައި ކޯވިޑް-19 ޖެހިގެން މަރު ވާ މުސްލިމުން ނުވަތަ ނަޞާރާއިން، އެ ގައުމުގައި ވަޅު ލާން، އެ ގައުމުގެ ބޫދީ ސަރުކާރުން އިންކާރު ކުރާން ޖެހޭ އެއްވެސް ހަރުދަނާ އަސާސެއް ނެތް ކަމެވެ.

ވީއިރު، މުސްލިމުންގެ ދީނީ ހަމަތަކާ ޚިލާފަށް، މުސްލިމުންނާއި ނަޞާރާއިން ކުރެ މަރުވާ މީހުންގެ ހަށިގަނޑުތައް ވެސް އަންދަމުން ގެންދާގެންދިޔުމަކީ ލަންކާ ސަރުކާރުން މުސްލިމުން އަދި ނަޞާރާއިންގެ އަސާސީ ޙައްޤުތަކަކަށް އަރައިގަންނަ އަރައިގަތުމެކެވެ. މުސްލިމުންނާއި ނަޞާރާއިންގެ ދީނީ ޙައިޘިއްޔަތާއި އައިޑެންޓިޓީގެ ޙުރުމަތަށް އަރައިގަންނަ އަރައިގަތުމެކެވެ. އެ ޤައުމުގެ ރައްޔިތުންގެ ޙައިޘިއްޔަތުގައި ތިބި މުސްލިމުން އަދި ނަޞާރާއިންނަށް ދައުލަތުގެ ފަރާތުން ފޯރުކޮށްދިނުން އިންސާނީ އުޞޫލުތަކުގެ ދަށުން ލާޒިމު ވެގެންވާ ރައްކައުތެރިކަން ވެސް ނުދީ ހިންގާ ވަރަށް ދަށު ދަރަޖައިގެ އަދި ލާއިންސާނީ ޢަމަލެއް މެއެވެ.

މި ދެންނެވި ފަސްމަންޒަރުގައި، ލަންކާ ސަރުކާރުން އެ ޤައުމުގައި ކޯވިޑް-19 ޖެހިގެން މަރު ވާ މުސްލިމުން ދިވެހިރާއްޖޭގައި ވަޅުލައިދޭށޭ ބުނުމަކީ، އަވައްޓެރިޔަކު އެދުނު އިޚްލާޞްތެރި އެދުމެއް ކަމުގައި ބެލެވޭނެ ގޮތެއް އަޅުގަނޑަކަށް ނުފެނެއެވެ. ދިވެހިރާއްޖޭގައި ބިން ނެތް ވާހަކަ ނުދައްކަމާ ހިންގަވާށެވެ. ދިވެހިރާއްޖެޔަކީ ލަންކާޔަށް ވުރެ ބިމުގެ ގޮތުން ތަނަވަސް ޤައުމެއް ކަމުގައި ވީ ނަމަހީވެސް، އަޅުގަނޑު ހިތުން ލަންކާ ސަރުކާރުގެ މި އެދުމާ މެދު އަޅުގަނޑުމެން ފުންކޮށް ވިސްނާން ޖެހެއެވެ. އަޅުގަނޑަށް ފެންނަ ފެނުމުގައި، ލަންކާއިން ކޮށްގެން މި އުޅޭ ކަމަކީ، ބައްޕަޔަކު އޭނާގެ ދަރިއެއްގެ ގައިގައި ތަޅައި އަނިޔާ ކުރުންމަތީ ހުރެގެން، އަވައްޓެރިޔާއަށް ގޮވައިލައިފައި "އަހަރެން އަހަރެންގެ ދަރިފުޅުގެ ގައިގައި ވަރަށް ގިނައިން ތަޅައި އަނިޔާ ކުރަމޭ، އެހެންވީމާ އޭނާޔަށް މި ގޭގައި އުޅެވޭކަށެއް ނެތޭ، އޭނާ ތިޔަ ގޭގައި ބަހައްޓައިދޭށޭ" ބުނުން ފަދަ ކަމެކެވެ. މިއީ ހަމަ ބުއްދިޔަށް ބަލައިގަނެވޭ ކަހަލަ ވާހަކައެއްތޯއެވެ؟ މިއީ އިޚްލާޞްތެރި ވާހަކައެއް ކަމުގައި ޤަބޫލު ކުރެވިދާނެތޯއެވެ؟ މިއީ މީހަކު އޭނާގެ އަވައްޓެރިޔާގެ ކިބައިން އެދޭ ބާވަތުގެ ކަންކަންތޯއެވެ؟

މި ކަމުގައި ގޮތެއް ނިންމާ އިރު، އެންމެ މުހިއްމީ ލަންކާގެ މުސްލިމުންގެ ބަހެވެ. ލަންކާޔަކީ އަޅުގަނޑުމެންގެ އަވައްޓެރިއެކެވެ. ޒަމާން ވީ ރަޙްމަތްތެރި ޤައުމެކެވެ. ވީމާ އަޅުގަނޑުމެންނަށް ލަންކާ ވަރަށް މުހިއްމެވެ. ބޫދީ ވިޔަސް، ހިންދޫ ވިޔަސް، ނަޞާރާ ވިޔަސް، އަވައްޓެރިޔާ ވާނީ އަވައްޓެރިޔާއަށެވެ. ޚުދު އިސްލާމް ދީން ވެސް އަޅުގަނޑުމެންނަށް ލާޒިމު ކުރަނީ އަވައްޓެރީންނަށް ކަމޭހިތައި، އެމީހުންނާ އެކު ހެޔޮ ގޮތުގައި އަދި ބަދަހި ގޮތެއްގައި އެކުވެރިކަން ބޭއްވުމަށެވެ. ނަމަވެސް އަޅުގަނޑުމެން ދެފުށަށް ނުކެނޑި، މުނާފިޤުކަމެއް ނެތި، ސީދާސީދާ ގޮތެއްގައި ލަންކާޔަށް ވެސް އަދި އެހެން އެންމެންނަށް ވެސް އަންގާން ޖެހޭ ކަމަކީ، އަޅުގަނޑުމެންނަށް އެންމެ މުހިއްމު ވާނީ މުސްލިމުންކަމެވެ. މުސްލިމުންނަކީ އަޅުގަނޑުމެންގެ އަޚުން އަދި އުޚްތުންނެވެ. ރަޙްމަތްތެރިޔާ އަންނާނީ އަޚާޔާއި އުޚްތާޔަށް ފަހުގައެވެ. ވީމާ، ލަންކާ ސަރުކާރުން ވެސް އެ ޤައުމުގެ މުސްލިމް ރައްޔިތުންނާ މެދު ދެރަ ގޮތެއް ހަދަނީވިއްޔާ، އަޅުގަނޑުމެން އިސްކަން ދޭން ވާނީ އެ މައްސަލަޔާ މެދު އަޅުގަނޑުމެންގެ އިޢުތިރާޟު ލަންކާގެ ސަރުކާރަށް ސާފު ކޮށްދިނުމަށެވެ. ލަންކާގެ މުސްލިމުންނަށް ލަންކާގެ ސަރުކާރުން އިހާނެތިކަމެއް ކުރަނީ ނަމަ، އަޅުގަނޑުމެންނަށް އެކަމާ މެދު ބަސް ބުނެވޭން ވާނެއެވެ. އެކަން އެހެން ކުރާ ނަމަ، ރަޙްމަތްތެރިކަމުގެ ގުޅުމަށް ބުރޫ އަރާނެ ވާހަކަ ވެސް ބުނެވޭން ވާނެއެވެ. އަޅުގަނޑުމެންގެ އުޚްތާ މީހަކާ އިނދެގެން ގޮސް އެ ގޭގައި އިންދައި، އެ ގޭގެ މީހުން އެ އުޚްތާޔަށް އަނިޔާ ކުރާ ނަމަ، އަޅުގަނޑުމެންނަށް މުހިއްމު ވާނީ އެ ގޭގެ އެހެން މީހުން، ނުވަތަ އެ ގޭގެ ވެރިމީހާގެ، ނުވަތަ އެ ގޭ މީހުން އަޅުގަނޑުމެންގެ ފިހާރައިން ކުރާ ވިޔަފާރިން ނުވަތަ އަޅުގަނޑުމެން އެގޭ ފިހާރައިން ކުރާ ވިޔަފާރީގެ ފައިދާތޯއެވެ؟ ނޫނެކެވެ! ޝައްކެއް ނެތް ގޮތުގައި އަޅުގަނޑުމެންނަށް މުހިއްމު ވާނީ އަޅުގަނޑުމެންގެ އުޚްތާއެވެ. މިއީ ލަންކާ ވެސް، އިންޑިޔާ ވެސް، އަދި ރާއްޖޭގެ އެކުވެރި، އަވައްޓެރި އެހެން ޤައުމުތައް ވެސް ދަންނާން ޖެހޭނެ ޙަޤީޤަތެވެ. ދިވެހި ކޮންމެ ސަރުކާރަކުން ވެސް، އަވައްޓެރީންނާއި ރަޙުމަތްތެރީންނަށް ފިސާރި ސާފުކޮށް ބުނެދީފައި އޮންނާން ވާނެ ކަމެއް މެއެވެ.

މީގެ އިތުރުން، މި ޒަމާނުގެ ބައިނަލްއަޤްވާމީ ޤާނޫނުތަކުން ޙިމާޔަތް ކޮށްދޭ އިންސާނީ ޙައްޤުތަކަށް ބަލައިލިޔަސް، ލަންކާއިން ކޯވިޑް-19 ގައި މަރު ވާ މުސްލިމުން، އެމީހުންގެ ދީނީ ހަމަތަކާ ޚިލާފަށް އަންދަމުން ގެންދާގެންދިޔުމަކީ އިންސާނިއްޔަތާ ޚިލާފު ޢަމަލެއް ކަމުގައި މެނުވީ ނުބެލެވޭނެއެވެ. އަދި އެފަދައިން މަރު ވާ މުސްލިމެއްގެ ހަށިގަނޑު ވަޅުލެވޭނީ އެހެން ޤައުމެއްގައި ކަމަށް ކަނޑައެޅުމަކީ، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ރޫޙާއި މަޤްޞަދާ މުޅީން އަރައިރުން ވާ ގޮތުގައި، ރައްޔިތުންގެ ތެރެއިން އެއް ބަޔަކާ މެދު އިސްތިބްދާދީ އަދި ޒުލްމުވެރި ގޮތުގައި ގެންގުޅޭ ތަފާތު ކުރުމަކާއި އިމްތިޔާޒެކެވެ.

އަނެއްކާވެސް ތަކުރާރު ކޮށްލާނަމެވެ. މި ކަމުގައި ގޮތެއް ނިންމާ އިރު، އެންމެ މުހިއްމީ ލަންކާގެ މުސްލިމުންގެ ބަހެވެ. އެމީހުން އެދެނީ އެމީހުން ކުރެ ކޯވިޑް-19 ގައި މަރު ވާ މީހުން ރާއްޖޭގައި ވަޅުލައިދިނުން ކަމުގައި ވަނީ ނަމަ، އަދި އެކަމަށް އެދި އެމީހުންގެ ފަރާތުން އަޅުގަނޑުމެންނާ ހަމަޔަށް އެދުމުގެ އަތެއް ދިއް ކޮށްލައިފި ނަމަ، ސުވާލެއް ކަލާމެއް ނެތި އެކަން ކޮށްދޭން ވީއެވެ. ރާއްޖޭގެ ފަޅުރަށެއް ދެ ރަށެއް "ޤަބުރުސްތާނު ރަށްތަކެއްގެ" ގޮތުގައި ތަރައްޤީ ކޮށްގެން، ދިވެހީން ވެސް އެ ތަންތަނުގައި ވަޅުލެވޭ ގޮތަށް އިންތިޒާމު ކޮށްގެން، ޖާގަ ހުރި މިންވަރަކުން އެކަން ކޮށްދޭން ވީއެވެ.

ނަމަވެސް އެކަމަށް އެދެނީ އިސްވެ ދެންނެވުނު ގޮތުގެ މަތީން ލަންކާ ސަރުކާރުން ކަމުގައި ވަނީ ނަމަ، އަދި އެއީ ލަންކާގެ މުސްލިމުން އެދޭ ކަމެއް ކަމުގައި ނުވަނީ ނަމަ، އެކަން ކުރާން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އެފަދަ ޙާލަތެއްގައި އެކަން ކުރުމީ ގޯހެއް ކަމުގައި މެނުވީ ނުފެނެއެވެ. ދެން، އެކި ގޮތްގޮތުން ލިބޭ މަޢުލޫމާތަށް ބަލާ އިރު، ކޯވިޑް-19 ގައި މަރު ވާ އެމީހުންގެ މީހުން ރާއްޖޭގައި ވަޅު ލުމަކީ ލަންކާގެ މުސްލިމުން އެދޭ ގޮތެއް ނޫނެވެ. އެއާ ޚިލާފަށް، ލަންކާ މުސްލިމުން އެއް އަޑަކުން އެދެމުން ދަނީ، އެމީހުންގެ އަމިއްލަ ވަޒަނުގައި، އެމީހުން ކުރެ މަރު ވާ މީހުން ވަޅުލުމުގެ ހުއްދަ ލަންކާގެ ސަރުކާރުން ދިނުމަށެވެ. ކޯވިޑް-19 ޖެހިގެން މަރު ވާ މީހުން އެންދުން ވަގުތުން ވަގުތަށް ހުއްޓައިލުމަށެވެ. މުސްލިމުންގެ މި އެދުމަށް ފުރަގަސް ދީ، މަރު ވާ މުސްލިމުންގެ ހަށިގަނޑުތައް ލަންކާއިން ބޭރަށް ފޮނުވާން ފެށުމަކީ، ލަންކާގައި މަރު ވާ މުސްލިމުން ވެސް ވަޅުލުން މަނާ ކޮށް، ބޫދީންނާއި ހިންދޫންނެކޭ އެއްގޮތަށް އަންދާން މަޖުބޫރު ކުރުމަށް ކުރާ މަސައްކަތެއްގެ ފެށުން ކަމުގައި ވެސް މުސްލިމުންގެ ބައެއް ފަރާތްތަކުން ދެކެއެވެ. ކަނޑައެޅިގެން ސާފު ވާ ކަމަކީ، މިއީ ލަންކާ ސަރުކާރުން މުސްލިމުންނާ މެދު ކުރާ ވަރަށް އިހާނެތިކަމެއް ކަމެވެ. ތިމާގެ ޢާއިލާގެ މެންބަރަކު މަރު ވީމާ، ތިމާޔަށް ޒިޔާރަތް ވެސް ކޮށްނުލެވޭ ހިސާބެއްގައި އެ މީހަކު ވަޅުލާން ރުހޭނީ ކާކުތޯއެވެ؟

މި މައްސަލަޔާ ގުޅޭގޮތުން، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރަށް "ސްރީ ލަންކާ މުސްލިމް ކޮންގްރެސް"ގެ ލީޑަރު ރައޫފް ޙަކީމް ފޮނުއްވެވި ސިޓީފުޅުން ވެސް، ކޯވިޑް-19 ޖެހިގެން މަރު ވާ މުސްލިމުން ރާއްޖޭގައި ނުވަތަ އެހެން ވިޔަސް ބޭރުގެ ޤައުމެއްގައި ވަޅުލާން ވެގެން ޤައުމުން ބޭރު ކޮށްލުމުގެ ބަދަލުގައި، މުސްލިމުން އެދޭ ގޮތަކީ ލަންކާގައި އެމީހުން ވަޅުލެވޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުންކަން ވަރަށް ސާފެވެ.

ވީމާ، މި މައްސަލައިގައި ދިވެހި ސަރުކާރުން ގޮތެއް ނިންމުމުގައި ބުރަ ވާންވީ އުޞޫލުތައް ވަރަށް ސާފެވެ. މި މައްސަލައިގައި އަޚްލާޤީ ގޮތުންނާއި އުޞޫލީ ގޮތުން އަޅުގަނޑުމެން ޢަމަލު ކުރާން ވީ ގޮތް ވަރަށް ސާފެވެ. ހަމައެކަނި އޮތް ސުވާލަކީ، ދިވެހި ސަރުކާރުގެ ކިބައިގައި އަޚްލާޤީ އަދި އުޞޫލީ ގޮތުން ކަން ކުރާން އޮތް މަގުން ކަން ކުރުމުގެ ހިތްވަރާއި ނަޒާހަތްތެރިކަން އެބަހުރިތޯ މިއެވެ.

comment ކޮމެންޓް