ފްލައިން ސްކޫލުން ދަރިވަރުން ވަކިކުރަން ފޮނުވި ނޯޓިސްތައް ބާތިލް ކުރަން އަންގައިފި

އައްޑޫ ފްލައިން ސްކޫލުގައި ބޭނުންކުރާ ބޯޓުތަކެއް--ފޮޓޯ: އައްޑޫ ލައިވް

އައްޑޫ ސިޓީ ގައި ހިންގާ އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް ގައި ކިޔަވަމުން ދިޔަ ދަރިވަރުންގެ ތެރެއިން ކޯހުން ވަކިކުރަން ނޯޓިސް ފޮނުވި ދަރިވަރުންނަށް ފޮނުވާފައިވާ ނޯޓިސްތައް ބާތިލް ކުރަން އަންގައިފިއެވެ.

ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން މިއަދު ވަނީ އޭއޭއޭގެ ހާލަތާ ގުޅޭގޮތުން ނޫސްބަޔާނެއް ނެރެފައެވެ. 13 ނުކުތާއެއް ފާހަގަކޮށް ނެރުނު އެ ބަޔާނުގައި ބުނީ އޭއޭއޭ އާ ގުޅޭގޮތުން 2019 ވަނަ އަހަރުގެ އޮކްޓޯބަރުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށް ޝަކުވާ ހުށަހެޅުމާއެކު ކަމާ ގުޅޭ އޮޑިޓްތަކާއި ތަހުގީގުތަކުގެ އަލީގައި މައްސަލަތަކަށް ހައްލު ހޯދަން ފަށާފައިވާ ކަމަށެވެ.

ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކޯސް ނުނިމި ދިގުލައި ގޮސްފައިވާ ކަމަށާއި ދަރިވަރުންގެ ހައްގުތައް އޭއޭއޭ އިން ކަށަވަރުކޮށް ނުދޭކަމަށް ބުނެ ދަރިވަރުން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ.

ކޯސް ނިންމުން ދިގުލައި ދިޔުމުގައި އޭއޭއޭގެ އިހުމާލު އޮތްނަމަވެސް ދަރިވަރުން ކޯހުން ވަކިކުރާ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ. އެކަމަށް ހައްލު ހޯދައި ދެއްވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާވެސް ވަނީ ވިދާޅުވެފައެވެ.

އޭއޭއޭގެ ހާލަތާ ގުޅޭގޮތުން މިއަދު ދެ މިނިސްޓްރީ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު މިއަހަރުގެ ސެޕްޓެމްބަރުގައި އޮންސައިޓް އޮޑިޓެއް ކުރިއަށް ގެންދިޔަ ކަމަށެވެ.

ސިވިލް އޭވިއޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ބުނީ މިހާތަނަށް އޭއޭއޭ އިން ވަކިކުރަން ނޯޓިސް ފޮނުވާފައިވާ ހުރިހާ ދަރިވަރުންގެ ނޯޓިސް ބާތިލް ކުރަން އޭއޭއޭ އަށް އަންގާފައިވާނެ ކަމަށާއި އެގޮތަށް އޭއޭއޭ އިން އަމަލު ނުކުރާނަމަ، އެކަން ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށް ރިޕޯޓު ކުރަން އެދޭ ކަމަށެވެ.

މީގެ އިތުރުން ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނެގުމަކީ ރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފު ކަމަކަށްވާތީ އެކަމާ ގުޅޭ އުސޫލުތައް އިސްލާހު ކުރަންވެސް ވަނީ އަންގައިފައެވެ.

މީގެ އިތުރުން ނަސްލީ ތަފާތުކުރުން ގެންގުޅޭނަމަ އެކަން އެންގުމަށް ވެސް ސިވިލް އޭވިއޭޝަނުން ވަނީ ދަރިވަރުންނަށް އިލްތިމާސް ކޮށްފައެވެ.

ސިވިލް އޭވިއޭޝަނުން ބުނީ ދަރިވަރުންގެ ތަމްރީނުތައް ޝެޑިއުލް ކުރެވެމުންދާ ގޮތާއި ތާވަލް އާންމުކުރަން އޭއޭއޭ އަށް އަންގާފައިވާނެ ކަމަށެވެ.

އަދި ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ޕްލިމިނަރީ އެސެސްމެންޓަށް ރިއާޔަތް ކުރާއިރު، އެންމެ އިންސާފުވެރި ގޮތަކީ ކޮންމެ ދަރިވަރެއްގެ ކޭސްވެސް ވަކިވަކިން ބަލައި، ކޮންމެ ކުއްޖަކަށްވެސް ދިމާވެފައިވާ މައްސަލަތަކާއި ހާލަތުގެ ދަރަޖަ ދެނެގަނެ، އެކުއްޖާގެ ހަލަތާ ގުޅޭ ހައްލުތައް ހޯއިދެމުން ގެންދިޔުން ކަމަށް ސިވިލް އޭވިއޭޝަނުން ބުންޏެވެ.

ދަރިވަރުންނާއި އިންސްޓްރަކްޓަރުންގެ ރޭޝިއޯ 6:1 އަށް ޖެއްސުމަށް ނަގާފައިވާ ފައިންޑިން ލެވެލް އެކެއްގެ ދަރަޖައަށް މައްޗަށް ޖެއްސި ކަމަށާއި މެއިންޓެނެންސް އެޕްރޫވަލްގެ ދެ އޮޑިޓެއް ނޮވެމްބަރުގައި ކުރި އިރު އެ އޮޑިޓާ ގުޅިގެން މެއިންޓެނަންސް ދާއިރާގެ ލެވެލް އެކެއްގެ ފައިންޑިން ތަކުގެ ސަބަބުން މަތިންދާބޯޓެއް ގްރައުންޑް ކުރަން ޖެހުނު ކަމަށް އެ ބަޔާނުގައި ފާހަގަ ކުރިއެވެ.

އަދި ދަރިވަރުންގެ ފްލައިން އަވާސް ހަމަކުރުމަށް ބޭނުންވާ އަދަދަށް މަތިންދާބޯޓުތައް ފްލައިން ކޮންޑިޝަން އަށް ގެންދިޔުމަށް އެންގިފައިވާ ކަމަށާއި މަތިންދާބޯޓުތައް މަރާމާތުކޮށް ބެލެހެއްޓުމާއި އިންޖިނިއަރިން މަސައްކަތްތައް ހައްލު ކުރުމަށް މެއިންޓެނަންސް އެންޑް ކާމޯ މެނޭޖަރުގެ އެޕްރޫވަލް ވިތްޑްރޯކޮށް،އާ މެނޭޖަރެއް އައްޔަނު ކުރަން އެންގި ކަމަށާއި ޑިސެމްބަރު ތިނެއްގައި އާ މެނޭޖަރަށް އެޕްރޫވަލް ދީފައިވާ ކަމަށް އެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

އޭއޭއޭގެ ކޮލެޓީ މެނޭޖަރުގެ ވަޒީފާ އަކީ ޕާޓް ޓައިމް ވަޒީފާ އަކަށް ވާތީ، ފުލްޓައިމް މެނޭޖަރަކު އައްޔަނު ކުރަން އެންގި ކަމަށާއި އޭނާގެ މަސްއޫލިއްޔަތުގެ ތެރޭގައި ސޭފްޓީ މެނޭޖުމެންޓާ ގުޅުންހުރި ކަންތައްވެސް ހިމަނަން އެންގިކަމަށް ބުނެފައިވެއެވެ. އެ މަގާމަށް އައްޔަނު ކުރުމަށް އޭއޭއޭ އިން ބޭނުންވާ މެނޭޖަރުގެ އެޕްލިކޭޝަން މިމަހުގެ 13 ގައި ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށް ލިބިފައިވާ ކަމަށާއި އަދި އޭއޭއޭގެ ހެޑް އޮފް ޓްރެއިނިން 15 ޑިސެމްބަރުގެ ކުރިން ސްކޫލަށް ހާޒިރުވެ ހުރުމަށް އެންގި އެންގުމާއެކު މިމަހުގެ ނުވަޔެއްގައި އޭނާ ރާއްޖެ އައިސްފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ސެޕްޓެމްބަރު މަހު ކުރި އޮޑިޓަށްފަހު އޭއޭއޭ އަށް އެއްވެސް ކުއްޖަކު އަލަށް އެންރޯލު ނުކުުރުމަށްވެސް އަންގާފައިވާނެ ކަމަށާއި އެންގުމާ ހިލާފަށް އެއްވެސް ކުއްޖަކަށް އެޑްމިޝަން ދިން ކަމެއް ފާހަގަ ނުވާ ކަމަށް ބުނެފައިވެއެވެ. ސިވިލް އޭވިއޭޝަނާއި ހަޔާ އެޑިއުކޭޝަން އިން ނެރުނު ބަޔާނުގައި ބުނީ އޭއޭއޭގެ ކޯސްތަކަށް ބިދޭސީ ދަރިވަރުން އެޑްމިޓު ކުރުން މަނާކޮށްފައިވާ ކަމަށާއި އެކަމަށް ހުއްދަ ދިނުމަށްފަހު އަންގާނެކަން އިމިގްރޭޝަނަށްވެސް އަންގާފައިވާނެ ކަމަށެވެ. އޭއޭއޭގެ ކޯސްތަކަށް އިތުރު އިންސްޓްރަކްޓަރުން އައްޔަނު ކުރަންވެސް އަންގާފައިވާނެ ކަމަށާއި ދަރިވަރުންނާއި އިންސްޓްރަކްޓަރުންގެ ރޭޝިއޯ ގަވައިދަށް ފެއްތުމަށް ކުރާ މަސައްކަތްތައް ރޫޓިން މަސައްކަތެއްގެ ގޮތުގައި ސިވިލް އޭޝިއޭޝަނުން ބަލަމުންދާ ކަމަށްވެސް ބުނެފައި ވެއެވެ.

އެ ބަޔާނުގައި ބުނީ މެއިންޓެނަންސް ދާއިރާ އަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެންވެސް ފިޔަވަޅު އަޅާފައިވާނެ ކަމަށެވެ. އެގޮތުން ސްކޫލުގެ މަތިންދާބޯޓުތައް ބޭނުންކޮށްގެން ހިންގޭނެ އިތުރު އެއްވެސް ހަރަކާތެއް ނުހިންގުމަށް އަންގާފައިވާނެ ކަމަށާއި ދަރިވަރުންގެ ޓްރެއިނިން އަށް އަސަރުކުރާގޮތަށް މެއިންޓެނަންސް ދާއިރާ އަށް މިހާރު ދިމާވެފައިވާ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް އެޕްރޫވްޑް އޯގަނަައިޒޭޝަން ތަކުގެ މެނުއަލްތައް ބަދަލު ކުރަން އަންގާފައިވާނެ ކަމަށް ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނީ މެއިންޓެނަންސަ ދާއިރާގެ ގަވައިދުތަކާ އޭއޭއޭ އިން ހިލާފުވެފައިވާތީ، އޮތޯރިޓީގެ އެންފޯސްމެންޓް މެނުއަލްގައިވާގޮޮތަށް، އެތަން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އަދި މެއިންޓެނަންސް އަށް ބޭނުންވާ ސްޕެއާ އާއި މެޓީރިއަލްގެނައުމުގެ މަސައްލަތްވެސް ސިވިލް އޭވިއޭޝަނުން މިހާރު ރޫޓިންކޮށް ބަލަމުންދާ ކަމަށް ބުންޏެވެ.

އެ ބަޔާނުގައި ބުނީ އެކަށީގެންވާ ޓައިމްލައިނެއްގައި މަތިންދާބޯޓުތައް ސާވިސަބްލް ނުކުރެވޭ ހާލަތެއް ދިމާވެއްޖެނަމަވެސް، ދަރިވަރުންގެ ތަންރީނުތަކަށް ބޭނުންވާ މިންވަަރަށް ސްކޫލުން ޓެމްޕަރަރީކޮށް ލީޒްކޮށްގެންވިޔަސް ނުވަތަ އެހެން އިންތިޒާމެއްގެ ދަށުން ވިޔަސް، ކޮމްޕެލެކްސް މަތިންދާބޯޓު ގެންނަން ޖެހޭނެކަން އަންގާފައިވާނެ ކަމަށެވެ.

އޭއޭއޭ އިން މެއިންޓެނަންސް ސްކޫލެއް ހަދަން ސިވިލް އޭވިއޭޝަނުގެ ހުއްދަ އަށް އެދުނު ކަމަށާއި ނަމަވެސް ޕައިލެޓް ޓްރެއިންގެ މައްސަލަތައް ހައްލު ނުކުރެވެނީސް އިތުރު ހުއްދައެއް ނުދޭން 2019 ވަނަ އަހަަރު ނިންމާފައިވަ ކަމަށް ސިވިލް އޭވިއޭޝަނުން ބުނެފައިވެއެވެ.

މީގެ އިތުރުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އެންގުންތަކަށް އޭއޭއޭ އިން އަމަލު ކުރޭތޯ ބެލުމަށް އިންސްޕެކްޓަރަކު ފްލައިން ސްކޫލުަގއި މަޑުކޮށް ދުވަހުން ދުވަހަށް ލާތަލު ބަލައި އޮތޯރިޓީ އަށް ރިޕޯޓު ކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ބަޔާނުގައި ބުނީ އޭއޭއޭ އާއި ގުޅިގެން ނިކުތްފަދަަ މައްސަލަތައް ކުރިއަށްް އޮތްތަނުގައި ނުނިކުންނާނެ ގޮތަކަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ސަރުކާރުގެ މަތީފެންވަރުގައި، ސިވިލް އޭވިއޭޝަނުގެ ޓެކްނިކަލް އޮފީނިއަންތަކުގެ އަލީގައި މަޝްވަރާ ކުރާނެ ކަމަށެވެ.

comment ކޮމެންޓް