ރައީސް ޔާމީންގެ ވަކީލުންގެ ބައްދަލުވުންތައް އަލުން ފަށައިފި

ރައީސް ޔާމީންގެ ވަކީލުން -- ފޮޓޯ/ ޑރ. ޖަމީލް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއެކު ވަކީލުންގެ ބައްދަލުވުންތައް އަލުން ފެށިފައިވާކަމަށް، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

މި މަހުގެ ހަ ވަނަ ދުވަހުގައި ވަނީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުގެ ދައުވާތަކާ ގުޅޭ އިބްތިދާއީ އަޑުއެހުން ކުރިއަށް ގެންގޮސްފައެވެ. އެއީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި ދެ ދައުވާއެކެވެ.

ނަމަވެސް އެ އަޑުއެހުމަށްފަހު ރައީސް ޔާމީން އާ ބައްދަލުނުކުރެވޭތީ ވަކީލުންގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެމަނިކުފާނަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުމަށާއި ކޮށްފައިވާ ތުހުމަތުތަކަށް ޖަވާބުދާރީވުމަށްޓަކައި ދުސްތޫރީގޮތުން ލިބެންޖެހޭ އެންމެހާ ހައްގުތަށް ފުރިހަމައަށް ލިބޭނެގޮތް ކަށަވަރުކޮށްދިނުމަށް ވެސް ވަނީ ގޮވާލައިފައެވެ.

ޖަމީލް މިއަދު ވިދާޅުވީ ގާނޫނީ ވަކީލުންނާ ބައްދަލުވުންވެސް ރައީސް ޔާމީނަށް އޮތީ ހަނގުރާމައެއް ކުރުން ފަދަ ކަމަކަށްވެފައި ކަމަށެވެ.

"މި މަހު 6 ގައި ކޯޓު އަޑުއެހުމަށްފަހު ސަރުކާރުން ކުރިމަތިކުރި ޣައިރުޤާނޫނީ ހުރަސްތަކަށްފަހު މިއަދު ވަނީ އަލުން ބައްދަލުވުންތައް ފެށިފައި. މިވަރު ވީމާ ޑިމޮކްރެސީގެ ނަމަށްވެސް ހުތުރު،" ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ލިބިދޭ ދުސްތޫރީ ހައްގު ކަމަށްވާ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމުގެ ހައްގު ނިގުޅައިގަތުމަށް ތަކުރާރުކޮށް ހޯމް މިނިސްޓްރީއިން މަސައްކަތްކޮށްފައިވާ ކަމަށް ވަނީ ވަކީލުން ތުހުމަތުކުރެއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ، އެމަނިކުފާނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު އެވެ.

comment ކޮމެންޓް