ފުރަތަމަ ޑިވިޝަންގެ ހުރިހާ ކުޅުންތެރިންގެ ކޮވިޑް ޓެސްޓް ނެގެޓިވް

ޑިސެމްބަރ 14، 2020: ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ ގްރީން ސްޓްރީޓް ބައްދަލުކުރި މެޗުގެ ތެރެއިން: 15 އަހަރު ފަހުން ވެލެންސިއާ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗުގައި އަލީ އަޝަފާގުގެ ގޯލުން ވެލެންސިއާ ވަނީ ފުރަތަމަ މެޗު ކާމިޔާބުކޮށް ލީގު ފެށުން ރަގަޅު ކޮއްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ކުރިއަށްދާ ދިވެހި ޕްރިމިއާ ލީގު ފެށުމުގެ ކުރިން އެޗްޕީއޭގެ އެންގުމާ އެއްގޮތަށް ހުރިހާ ޓީމެއްގެ ހުރިހާ ކުޅުންތެރިންނާއި، އޮފިޝަލުން ކޮވިޑަށް ޓެސްޓް ކުރުމަށްފަހު، އެ ހުރިހާ އެންމެންގެ ނަތީޖާ ނެގެޓިވް ވެފައިވާކަމަށް އެފްއޭއެމުން ބުނެފި އެވެ.

ކޮވިޑްގެ ސަބަބުން މިދިޔަ ފުޓުބޯޅަ ސީޒަން މިދިޔަ މާރޗް މަހު މެދުކަނޑާލި ގޮތަށް ގިނަ ދުވަސްތަކެއް ވޭތުވެ ދިޔަ އިރު، އައު ސީޒަން ފެށީ މި މަހުގެ އަށްވަނަ ދުވަހު އެވެ. ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާއާއި އީގަލްސް ބައްދަލު ކުރި މެޗުން ފުޓުބޯޅައިގެ އައު ސީޒަން ފެށި ނަމަވެސް މިފަހަރުގެ ސީޒަން ކުރީ ސީޒަންތަކެއް ވުރެން އެތައް ގޮތަކުން ވަނީ ތަފާތު ވެފަ އެވެ.

ކޮވިޑްގެ ސަބަބުން އައި ގޮންޖެހުންތަކާ އެކު، އެޗްޕީއޭއިން ހަމައެކަނި ކުރިއަށް ގެންދަން ހުއްދަ ދިން ކުޅިވަރު މުބާރާތް ކަމަށްވާ ދިވެހި ލީގުގެ ކުޅުން ފެށުމުގެ ކުރިން ގިނަ ކަންތައްތަކެއް ފުރިހަމަ ކުރުމަށް އެފްއޭއެމްއަށާއި ކުލަބުތަކަށް އެ އިދާރާއިން އޮތީ އަންގައިފަ އެވެ. އެއީ ލީގު މެޗުތަކަށް ސަޕޯޓަރުން ނުވެއްދުމާއި، ދަނޑަށް ވަންނަ އެންމެންގެ ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮތުމެވެ.

އެގޮތުން ސީޒަން ފެށުމުގެ ކުރިން ފުރަތަމަ ޑިވިޝަނުގައި ވާދަ ކުރާ އަށް ޓީމުގެ 223 ކުޅުންތެރިންނާއި، 66 އޮފިޝަލުންގެ އިތުރުން 16 ރެފްރީން ވަނީ ޓެސްޓް ކޮށްފަ އެވެ. އަދި އެފްއޭއެމްގެ އޮފިޝަލުންނާ އެކު ޖުމުލަ 320 ޓެސްޓެއް މިދިޔަ ހަފުތާގެ ކުރިން ކުރި އިރު، އެ ހުރިހާ ޓެސްޓެއްގެ ނަތީޖާ ނެގެޓިވްވެފައިވާކަމަށް އެފްއޭއެމުން މިއަދު ވަނީ ބުނެފަ އެވެ.

މި ފަހަރުގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ އަށް ޓީމަކީ މާޒިޔާ، ޓީސީ، އީގަލްސް، ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. ފުރަަތަމަ ޑިވިޝަނުގައި ވާދަކުރަމުން އައި ނިއު ރޭޑިއަންޓާއި ވިކްޓްރީ ސްޕޯޓްސް ކްލަބް އޮތީ މާލީ މައްސަލަތަކާ އެހެނިހެން ގިނަ ކަންތައްތައް ފުރިހަމަނުވާތީ ސަސްޕެންޑްކޮށްފަ އެވެ.

ދެން އެންމެ އަވަހަށް ލީގުގައި މެޗެއް އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު އެވެ. އެ މެޗުގައި ޔޫވީއާ ދެކޮޅަށް ވެލެންސިއާ ނުކުންނަ އިރު، އެރޭ ކުޅޭ މެޗުގައި ވާދަކުރާނީ މާޒިޔާާއާއި ގްރީންސްޓްރީޓެވެ.

comment ކޮމެންޓް