ލަންކާއިން ގަބުރު ގެނައުން، ސަރުކާރުން ކޮނުނު ކަށްވަޅެއްތަ؟

ކޮވިޑް19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންގެ ހަށިތައް ރާއްޖެ ގެނެސް ވަޅުލުމާ ގުޅޭ ބަހުސް މި ވަނީ ބައިނަލްއަގުވާމީ މުޖުތަމައުގައި ވެސް އޮތް ހޫނު މައްސަލައަކަށްވެފަ އެވެ. މިއީ ކޮންތާކު، ކާކު އުފަންކުރުވި ހިޔާލެއް ކަމެއް ވެސް ނޭނގެ އެވެ. ނަމަވެސް އެނގެން އޮތް ހަގީގަތަކީ، ލަންކާ މުސްލިމުންގެ ހަށިތައް އެ ގައުމުގެ ސަރުކާރުން އަންދަމުން ދާ މައްސަލައިގައި ހޫނުގަނޑުގެ ތެރެއަށް ރާއްޖެ ފުންމާލާފައިވާ ކަމެވެ. އަމިއްލަ އިސްނެގުމަށް ކަމެއް ނުވަތަ ދައުވަތަކަށް ކަމެއް ވެސް އަދި ސާފެއް ނުވެ އެވެ.

މިކަމެއް ފެންމަތިވެގެން އައީ މިދިޔަ ހޯމަ ދުވަހު ލަންކާގެ ނޫސްތަކުގައި ޝާއިއުކުރި ހަބަރަކާއެކު އެވެ. ލަންކާގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ޑރ. ހެމަންތާ ހެރާތު އާ ހަވާލާދީ ލަންކާގެ ޑެއިލީމިރާގައި ބުނެފައި ވަނީ، ބަލީގައި މަރުވާ ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލައިދޭނެ ކަމަށް ބުނެ ލަންކާ ސަރުކާރަށް ހުށަހެޅުމެއް ފޮނުވީ ދިވެހި ހާރިޖިއްޔާއިން ކަމަށެވެ.

އެކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން އޭރު އެއްޗެއް ނުބުންޏެވެ. މިނިސްޓްރީން ދިޔައީ ލަންކާގެ މީޑިއާއިން ހާމަކުރި މައުލޫމާތާ ގުޅޭ ގޮތުން ބަޔާނެއް ތައްޔާރުކުރަމުންނެވެ. ދިވެހި މީޑިއާތަކަށް އެ ހަބަރު ތިލަވިތާ އިރުކޮޅެއްގެ ތެރޭ ފޮރިން މިނިސްޓްރީން ބަޔާން ނެރުނެވެ. ނަމަވެސް އެ ބަޔާނުގައި އޮތީ ތަފާތު ވާހަކައެކެވެ.

ދިވެހި ސަރުކާރުން ބުނީ ކޮވިޑް19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގައި ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ސިޓީފުޅެއް ފޮނުއްވީ ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ކަމަށެވެ. ލަންކާ ކެބިނެޓުގައި އެފަދަ މަޝްވަރާއެއް ކޮށްފައި ނުވާއިރު، އެފަދަ ސިޓީފުޅެއް ފޮނުއްވިކަން ކެބިނެޓަކަށް ނޭނގެ އެވެ.

ދިވެހި ސަރުކާރުން ބުނާގޮތުން ރާއްޖެއިން އަމިއްލައަށް މައްސަލައިގެ ތެރެއަށް ވަނީކީ ނޫނެވެ. ލަންކާއިން އެދުމުން އެކަމަށް އެހީތެރިވެވޭނެ ގޮތެއް އޮތްތޯ ބަލަނީ އެވެ. ހަގީގަތަކީ ކޮބައިކަމެއް ނޭނގެ އެވެ.

މި ބަހުސްގެ ދެކޮޅަށް ބަލާއިރު ލަންކާގައި މުސްލިމުން ވަޅުނުލެވިގެން ރާއްޖެ ގެންނަން ޖެހުނީ ކޮން ސަބަބަކާ ހުރެތޯ ބަލާލުން މުހިންމެވެ. ލަންކާއިން ކޮވިޑުގައި މަރުވާ މީހުންގެ ހަށިގަނޑު އަންދަން ނިންމީ މިދިޔަ އޭޕްރިލް މަހު އެވެ. އެއީ އެ ބަލީގައި މަރުވާ މީހުން ވަޅުލުމުން ބިމުގެ ފެން ފަށަލަ ތަޣައްޔަރުވެ، ވައިރަސް ފެތުރިދާނެ ކަމަށް އެގައުމުގެ ނުފޫޒުގަދަ ބުދިސްޓު ހާމުދުރުން ތުހުމަތު ކުރުމުންނެވެ.

އެ ގަވާއިދުގެ ދަށުން ލަންކާގައި ކޮވިޑު ޖެހިގެން މަރުވާ މުސްލިމުންނާއި ކްރިސްޓިއަނުންގެ ހަށިގަނޑުވެސް އަންދާތީ ސަރުކާރަށް ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ. އަދި ބަލީގައި މަރުވާ ބައެއް މުސްލިމުންގެ އާއިލާތަކުން ވަނީ އެ މީހުންގެ ހަށިގަނޑު އެންދުމުގައި ބައިވެރިވި ނުވުމުގެ ގޮތުން، މަރުވާ މީހުންގެ ހަށިގަނޑާ ހަވާލުވާން ދެކޮޅު ހަދާފަ އެވެ.

ދެ ސަރުކާރުން މިވަރުގެ ކަމެއް ކުރަން އުޅޭއިރު، ދެ ގައުމުގެ ރައްޔިތުންގެ ވިސްނުން މިކަމުގައި ހުރީ ކިހިނެތްތޯ ބަލާލުން ވެސް މުހިންމެވެ.

ރާއްޖޭގައި ލަންކާ މުސްލިމުން ވަޅުލަން އުޅޭ ހަބަރާއެކު ހިޔާލު ތަފާތުވުން އުފެދުނެވެ. ސަރުކާރުން ވިސްނައިދޭން މަސައްކަތް ކުރީ، އެއީ މުސްލިމުންނަށް އެހީތެރިވުން ކަމަށެވެ. އަދި އެ ރާގަށް ސިޔާސީ ލީޑަރުންނާއި ދީނީ އިލްމުވެރިން ވެސް ވަރަށް ބާރުލާފައި ވާހަކަދައްކަވަން ފެއްޓެވި އެވެ. އެބޭފުޅުން ވިދާޅުވަމުން ގެންދަވަނީ، މުސްލިމް ގައުމެއްގެ ހައިސިއްޔަތުން، ލަންކާގެ މުސްލިމުންނަށް އެހީވުމަކީ ވާޖިބެއް ކަމަށެވެ.

ނަމަވެސް މިކަމާ އެންމެ ފުރަތަމަ ވެސް ފާޅުގައި ދެކޮޅު ހެއްދެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. ރައީސް މަައުމޫން ވިދާޅުވީ އެއީ ދީނީގޮތުން ރާއްޖޭން ކޮށްދޭން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ކޮށްދީފިނަމަ އެކަންވާނީ ލަންކާ ސަރުކާރުން މުސްލިމުންނާ މެދު އަމަލުކުރަމުންދާގޮތަށް ކުރެވޭ ތާއީދަކަށް ކަމަށެވެ.

"ސްރީލަންކާގައި ކޯވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައިދިނުމުގެ ބަދަލުގައި އިސްލާމީ އުޚުއްވަތްތެރިކަމުގެ ރޫޙުގައި އެމީހުންގެ ހަށިތައް އަންދާނުލުމަށް ޝްރީލަންކާ ސަރުކާރުގައި ދެންނެވުން މާރަނގަޅުވާނެ ނޫންތޯ؟" މައުމޫން ސުވާލު އުފެއްދެވި އެވެ.

ތެދެކެވެ. މުސްލިމް ގައުމެއްގެ ހައިސިއްޔަތުން، ރާއްޖެއިން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ މުސްލިމުންނާ ދޭތެރޭ ލަންކާ ސަރުކާރުން އަމަލުކުރަމުން އަންނަ ލާއިންސާނީ ގޮތް ކުއްވެރިކޮށް، އެކަން ހުއްޓާލަން ޕްރެޝަރު ކުރުމެވެ. ލަންކާއަށް އުފަން މުސްލިމުން އިތުރަށް ނިކަމެތިކޮށް، އުފަން ފަސްގަނޑުގައި ވަޅުލުމުގެ ހައްގުން އެމީހުން މަހްރޫމް ކުރުމަށް އެއްބާރުލުން ދިނުމެއް ނޫނެވެ.

ލަންކާގެ މުސްލިމުން ވެސް ރާއްޖޭގައި އެމީހުންގެ ހަށިތައް ވަޅުލާކަށް ބޭނުމެއް ނޫނެވެ. މި ހަބަރާއެކު ލަންކާ މުސްލިމުން ވެސް އަންނަނީ އެމީހުން އެކަމާ ދެކޮޅުކަން ސޯޝަލް މީޑިއާގައި ހާމަކުރަމުންނެވެ.

އިސްލާމީ ގޮތަށް ޖަނާޒާގެ ކަންކަން ކުރިއަށް ގެންގޮސް ވަޅުލުމުގެ ހައްގު ހޯދައިދޭން ރާއްޖޭން "އެހީވާން" ތައްޔާރަށް އޮތީތީ ޝުކުރު އަދާކުރަމުން އެމީހުން ބުނަމުން އަންނަނީ، އެމީހުން މަރުވުމުން ބޭރު ފަސްގަނޑެއްގައި ވަޅުލާން ނޭދޭ ކަމަށެވެ. އަދި އެމީހުންނަކީ ވެސް ލަންކާ ރައްޔިތުންނަށް ވާއިރު، އަމިއްލަ ފަސްގަނޑުގައި އެމީހުންގެ ހައްގުތައް އަތުނުލެވޭނެ ކަމަށް ބުނެ އެ މީހުން އަންނަނީ އަޑުއުފުލަމުންނެވެ.

ސްރީލަންކާ މުސްލިމް ކޮންގްރެސްގެ ލީޑަރު ރައޫފް ހަކީމްވެސް ވަނީ މި މައްސަލައިގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި ދިވެހި އެމްބަސީއަށް ސިޓީއެއް ފޮނުއްވައިފަ އެވެ.

އެ ސިޓީގައި ރައޫފް ހަކީމް ވިދާޅުވީ އެމީހުން ބޭނުންވަނީ ލަންކާ ސަރުކާރުން ހަދައިގެން އުޅޭ ހަމަނުޖެހޭ އުސޫލު ނިމުމަކަށް ގެނައުމަށް ކަމަށެވެ. އެމީހުންގެ ގަބުރު އުފުލައިގެން ރާއްޖެ ގެނެސް ވަޅުލުމަކަށް ނޫނެވެ.

ދިވެހި ސަރުކާރުގެ ހުށަހެޅުމާ ގުޅިގެން އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ދީނީ މިނިވަންކަމާ ބެހޭ ހާއްސަ ރެޕެޓުއާ އަދި ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު ޑރ. އަހްމަދު ޝަހީދުވެސް ކަންބޮޑުވުން ފާޅުކުރައްވަމުން ވިދާޅުވީ ދެ ސަރުކާރުން ކުރާ މަޝްވަރާތަކަކީ ލަންކާގެ މުސްލިމުންގެ މަޝްވަރާއެއް ނެތި ކުރާ ކަމެއްކަން ދޭހަވާ ކަމަށެވެ. އަދި މިކަމުން ލަންކާގެ މުސްލިމުން އިތުރަށް ނިކަމެތިވެ އެކަހެރިވާ ކަމަށް ވިދާޅުވިއެވެ.

ލަންކާއިން މުސްލިމުންނާ ދޭތެރޭ ގެންގުޅޭ އަނިޔާވެރި ސިޔާސަތުގެ ތެރެއަށް ރާއްޖެ ވަދެފައި މިވަނީ ހުތުރު ގޮތަކަށެވެ. އަދި އެކަމުގެ ސަބަބުން "އިސްލާމޮފޯބިއާ" ނޫނީ އިސްލާމުންނާ އަދާވާތްތެރިވުމަށް ތާއީދުކޮށް އިންސާނީ ހައްގުތަކުން ބަޔަކު މަހްރޫމް ކުރުމަށް ތާއީދުކުރާ ކަމުގެ ތުހުމަތު ވެސް މިވަނީ ދިވެހި ސަރުކާރުގެ ބޮލުގައި އެޅިފަ އެވެ.

ލަންކާ މުސްލިމުންގެ ހަށިތައް ރާއްޖެ ގެނެސް ވަޅުލުމުގައި ފޮލޮވަރުން ގިނަ ސިޔާސީ ލީޑަރުން ދައްކާ ވާހަކަ ވެސް ދެކޮޅެއް ނުޖެހެ އެވެ. ލަންކާގައި ދިވެހިން ވަޅުލާފައިވާ ކަމަށް ބުނެ މިކަން ދިފާއުކުރަން އުޅުނު ނަމަވެސް މިއީ އަޅާކިޔޭވަރުގެ ވާހަކަތަކެއް ނޫން ކަމަށް ބުނުމުގެ ފުރުސަތު އެބަ އޮތެވެ.

އެހެންކަމުން ލަންކާ މުސްލިމުންގެ ހަށިތައް ރާއްޖެ ގެނައުމުގެ ފަހަތުގައި ނުބައި ނިޔަތެއް އޮތް ކަމުގެ ތުހުމަތު ވެސް ކުރެވެނީ އެހެންވެ އެވެ. އެއް ބަޔަކު ގަބޫލުކުރާ ގޮތުގައި ސަންދޯއް އުފުލުގެ ބަހަނާގައި އޮތީ ބޮޑު އަގެކެވެ. ބައެއް ސިޔާސީ ފަރާތްތަކުން މިކަން ނުކުރެވިގެން އުޅޭ އުޅުމުން ގައިމުވެސް އެފަދަ އެއްޗެއް ހީނުވެ ނުދާނެ އެވެ.

މިކަން މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވާއިރު، ރާއްޖެއަށް ލިބެނީ ރީތި ނަމެއް ނޫނެވެ. އެންމެން ވެސް މިހާރު ތިބީ މިހާރު ކުރިއަށްދާ މަޝްވަރާތައް ނިމޭނެ ގޮތެއް ބަލާށެވެ.

comment ކޮމެންޓް