ބަލިމަޑުކަމުގެ ތެރޭ ކުރި ޗުއްޓީ ދަތުރުގައި ބޮޑު ސަޕްރައިޒެއް

މިއަހަރު ރާއްޖެ އައި 500،000 ވަނަ ފަތުރުވެރިޔާ މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19ގެ ބަލިމަޑުކަމާއެކު މުޅި ދުނިޔޭގެ ދަތުރުފަތުރު ހުއްޓުމަކަށް އައެވެ. އެތައް ލައްކަ ބަޔެއްގެ ޗުއްޓީ ޕްލޭންތައް ކެންސަލްކޮށް ލަސްކުރަން ޖެހުނެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދުނިޔޭގެ ދަތުރުފަތުރުގެ ސިނާއަތަށާއި ޓޫރިޒަމް ސިނާއަތަށް އައި ހުއްޓުން މަޑުމަޑުން ނިމުމަކަށް އަންނަމުންދާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން އެމީހުންގެ ޗުއްޓީ ހޭދަކުރުމަށް ދަތުުރުތައް ދަނީ ހަދަމުންނެވެ.

ގާތްގަނޑަކަށް ހަތަރު މަހެއްހައިދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކޮށް ފަތުރުވެރިން ގެނައުން ހުއްޓާލާފައި އޮތެވެ. މާޗު މަހުގެ 27 ގައި ބޯޑަރު ބަންދުކުރި އިރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އުޅެނީ ތިން ލައްކައިގަ އެވެ. ދުނިޔޭގެ ހުރިހާ ހިސާބަކަށް ފެތުރުނު ކޮވިޑު ރޯގާ އާއެކު ރާއްޖެވެސް ބަންދުކޮށްފައި އޮތުމަށްފަހު ހުޅުވާލީ ޖުލައި 15ގައެވެ. އެދުވަހުން ފެށިގެން މިމަހުގެ 12 އާއި ހަމައަށް އެއް ލައްކަ ޓޫރިސްޓުން އައިސްފިއެވެ. އެއީ ބޯޑަރު ހުޅުވާލުމަށްފަހު ގެންނަން އަމާޒުހިފި ޓޫރިސްޓު އެރައިވަލް ޓާގެޓެވެ.

މި ބަލިމަޑުކަމުގެ ސަބަބުން ޓޫރިސްޓުން އަންނަ މިންވަރު ބޮޑުތަނުން ދަށަށް ދިޔައިރު ރާއްޖެއިން އަމާޒުކުރީ މި އަހަރުގެ ނިޔަލަށް ފަސް ލައްކަ ޓޫރިސްޓުން ގެނައުމަށެވެ. މިއަދަކީ އެ އަމާޒަށް ވާސިލްވި ދުވަހެވެ. 2020 ވަނަ އަހަރުގެ އެއްލައްކަ ވަނަ ފަތުރުވެރިޔާ ރާއްޖެ އައީ މިއަދުއެވެ.

ފަސް ލައްކަ ވަނަ ޓޫރިސްޓުގެ ޝަރަފާއެކު ޖަރުމަނުވިލާތުގެ ކާސްޓިން މެޑެލައިން ނީޓްކާ އަށް ލިބުނީ ބޮޑު ސަޕްރައިޒެކެވެ. އޭނާގެ ބައިވެރިޔާ އާއެކު މިއަދު މެންދުރު ކުރިން ރާއްޖެ އައީ އެމިރޭޓްސްގެ ފްލައިޓެއްގަ އެވެ. އިމިގްރޭޝަން ކްލިއާކޮށް އެރައިވަލްސް ޓާމިނަލުން ބޭރަށް ނިކުތުމާއެކު ކާސްޓިން އަށް ހޫނު މަރުހަބާއެއް ކިޔެވެ. ޓޫރިސްޓު އެރައިވަލް ޓާގެޓް ހާސިލްވުމުގެ އުފަލާއި 500،000 ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވައިފަ އެވެ.

ހާއްސަ ހަދިޔާތަކާއެކު ކާސްޓިން އަށް މިއަދު ލިބުނީ ބަޔާންކޮށްދޭން ނޭނގޭ ފަދަ އުފާވެރިކަމެކެވެ. މީޑިއާޔާ ވާހަކަ ދައްކަމުން ކާސްޓިން ބުނީ ރާއްޖެ އައުމާއެކު އޭނާ އަށް ކީ ހޫނު މަރުހަބާއިން ބަސް ހުއްޓުން ކަމަށެވެ.

"މިއީ އަހަރެން ރާއްޖެ އައި ފުރަތަމަ ފަހަރު ފުރަތަމަވެސް ރާއްޖެއިން ލިބެނު މެހުމާން ދާރީ އާއި ކީ ހޫނު މަރުހަބާ އިންް މިތަނަށް ހިތް ދެވިއްޖެ،" ކާސްޓިން ބުންޏެވެ.

ކާސްޓިން އާއި އޭނާގެ ބައިވެރިޔާ ރާއްޖޭގައި 10 ދުވަސްވަންދެން ޗުއްޓީ ހޭދަކުރާނެ އެވެ. އެމީހުން ތިބޭނީ ނ. އަތޮޅު ރޮބިންސަން ކްލަބްގަ އެވެ.

"ހަމަ ގައިމުވެސް އަލުން ރާއްޖެ އަންނަ ބޭނުންވާ ވަރުގެ ހޫނު މަރުހަބާއެއް އަހަރެމެންނަށް ކިޔައިފި. މިއީ ރާއްޖެ އައި ފުރަތަމަ ފަހަރު. ރާއްޖޭގެ ރީތިކަމާޢި ހިމޭންކަމުގައި ޗުއްޓީ ހޭދަކޮށްލަން އަހަރެމެން އައީ. ރާއްޖެ އަކީ ޗުއްޓީ ހޭދަކޮށްލަން އެންމެ ރަނގަޅު މަންޒިލް މިފަދަ ބަަލިމަޑުކަމެއްގައި ވެސް ރާއްޖެ އަކީ ރައްކާތެރި މަންޒިލެއް. ރާއްޖެ ދެކެ ލޯބި ވެވިއްޖެ،" ކާސްޓިންގެ ބައިވެރިޔާ ބުންޏެވެ.

އެ ދެމީހުންގެ ޕްލޭނަކީ އަންނަ އަހަރުގެ ކްރިސްމަސް އާއި ދިމާކޮށްވެސް ރާއްޖެ އަށް ޗުއްޓީ އަށް އައުމެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭ ރާއްޖެ އަންނަ ފަތުރުވެރިންގެ ރައްކާތެރިކަމަށް އަދި ރާއްޖެއަށް ދަތުުރުކުރާއިރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ކާސްޓިން އާއި އޭނާގެ ބައިވެރިޔާ ވަނީ ތައުރީފްކޮށްފަ އެވެ. އެމީހުން ބުނީ އެ ފިޔަވަޅުތަކަކީ މުހިއްމު ފިޔަވަޅުތަކެއް ކަމަށާއި، ނަމަވެސް ފަސިންޖަރުންނަށް ކުރަން އުނދަގު ކަންތައް ނޫން ކަމަށެވެ.

"ޖަރުމަނުގެ ރައްޔިތުންނަށް ރާއްޖެއަކީ ވަރަށް މަގުބޫލު މަންޒިލެއް މިއީ އަހަރެންގެ ޑްރީމް ޑެސްޓިނޭޝަން،" ކާސްޓިން ބުންޏެވެ.

ފަސް ލައްކަ ވަނަ ފަތުރުވެރިޔާ އަށް ކޮކޯ ބޮޑުހިތި ރިސޯޓުގެ ފަރާތުން ވަނީ ކޮމްޕްލިމެންޓްރީ ޗުއްޓީ ދަތުރެއް ދީފަ އެވެ. މީގެ އިތުރުން އެލައިޑް އިންޝުއަރެންސްގެ ފަރާތުން ކޮމްޕްލިމެންޓްރީ އިންޝުއަރެންސް ޕެކޭޖެއް ދީފައިވާއިރު ޓޫރިޒަމް މިނިސްޓްރީ، އެމްއޭސީއެލް، އެމްއެމްޕީއާރުސީ އަދި އުރީދޫ މޯލްޑިވްސް އާއި މޯލްޑިވްސް އިމިގްރޭޝަނުންވެސް ވަނީ ފަސް ލައްކަ ވަނަ ޓޫރިސްޓަށް ހާއްސަ ހަދިޔާ ދީފަ އެވެ.

comment ކޮމެންޓް