މޫސަ މަރާލި މައްސަލަ ބޭރުކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި

އޮކްޓޯބަރ 1، 2019: ދިވެހިރާއްޖޭގެ ހައި ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގޭންގު މާރާމާރީއެއްގައި ވ. ކެޔޮދޫ ދޭލިޔާގެ މޫސާ އަހުމަދު ފަތުހީ މަރާލި މައްސަލައާ ގުޅިގެން ދައުލަތުން އދ. މާމިގިލި، ސޭޑީ ގްރޫވް، ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ދައުވާ އުފުލީ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ކަމަށް ބުނެ ޝަރީއަތުގެ ކުރިން އެ މައްސަލަ ބޭރުކޮށްލަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

މޫސަ މަރުވެފައި ވަނީ މާފަންނު އައިޓަމްސް ފިހާރަ ކައިރީގައި ސައްމާހު އާއި އިތުރު ބަޔަކު 23 ސެޕްޓޭމްބަރު 2017 ވަނަ ދުވަހުގެ ރޭ 11:00 އެހާކަންހާއިރު ހިންގި ގޭންގު މާރާމަރީއެއްގެ ތެރެއިން ދިން ހަމަލާތަކާ ގުޅިގެންނެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި ސައްމާހު ވަނީ ދިގުމިނުގައި ހަތް އިންޗު ހުރި ވަޅިއަކުން މޫސައަށް ހަމަލާދީފަ އެވެ. އޭނާގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ.

މޫސަ މަރާލި މައްސަލައިގެ ތުހުމަތުގައި ސައްމާހު ހައްޔަރު ކުރީ 9 އޮކްޓޯބަރު 2017ގަ އެވެ. ނަމަވެސް، އޭނާއަށް ދައުވާ ކުރީ، ދައުވާ ހުށަހެޅުމުގެ މުއްދަތު ފަހަނައަޅައިދިޔަފަހުން 5 ޑިސެމްބަރު 2017ގައި ކަމަށް ބުނެ ސައްމާހުގެ ފަރާތުން ވަނީ ޝަރީއަތް ފެށުމުގެ ކުރިން އިޖުރާއީ ނުކުތާއެއް ނަގާފަ އެވެ. ކްރިމިނަލް ކޯޓުން އެ ނުކުތާއާ އެއްކޮޅަށް ނިންމައި، އޭނާގެ މައްސަލަ ކޯޓުން ބޭރުކޮށްލީ އެވެ. އެ ފަހުން ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

އެ މައްސަލައިގައި ހަތަރު ފަހަރު މަތިން ދައުވާ ކުރުމުގެ މުއްދަތު ޕީޖީއަށް އިތުރުކޮށްދީފައިވެ އެވެ. އެއީ ފުރަތަމަ ފަހަރު 15 ދުވަސް، ދެ ވަނަ ފަހަރު 10 ދުވަސް، ތިން ވަނަ ފަހަރު 15 ދުވަސް އަދި ހަތަރު ވަނަ ފަހަރު ހަތް ދުވަހެވެ. މުޅި ޖުމްލަ 47 ދުވަސް އިތުރުކޮށްދީފައިވެ އެވެ.

އެ މައްސަލައިގައި ހައިކޯޓުގައި އުފެދުނު ސުވާލަކީ ދައުވާ ކުރުމުގެ މުއްދަތު ގުނާނެ ގޮތަކާ މެދު އެވެ.

ދައުވާ ކުރުމަށް އެކަށީގެންވާ ހެކި ލިބިފައިވާ ނަމަ 15 ދުވަހުގެ ތެރޭގައި ދައުވާ އުފުލަން ވާނެ ކަމަށް ބިރުދެއްކުމާއި ތޫނު ހަތިޔާރު ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ)ގައިވެ އެވެ. އެ މާއްދާގައި އެހެން އޮތަސް، އަދުލު އިންސާފު ގާއިމުކުރުމަށާއި، މުޖުތަމައުގެ އަމަން އާންމު ރައްކާތެރިކުރުމަށްޓަކައި އެ މުއްދަތުތައް ކޮންމެހެން އިތުރުކުރަންޖެހިއްޖެ ހާލަތެއްގައި، އެކަމަށް އެކަށީގެންވާ އެންމެ ކުރު މުއްދަތަކަށް ދައުވާ ކުރުމުގެ މުއްދަތު އިތުރު ކުރެވިދާނެ ކަމަށް ހަމަ އެ މާއްދާގެ (ނ)ގައި އޮވެ އެވެ. އެކަށީގެންވާ ކުރު މުއްދަތަކީ މީގެ ކުރިން ހައިކޯޓުން ނިންމާފައިވާ ގޮތުގައި 30 ދުވަހެވެ.

އޭގެ އިތުރުން، ޖިނާއީ މައްސަލަތަކުގައި ހައްޔަރުކޮށް މީހަކު ބަންދުގައި ބަހައްޓާތާ 30 ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ދައުވާ ކުރަން ޖެހޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ހ)ގައި ވެ އެވެ. އެ މާއްދާގައި އެެހެން އޮތަސް، ހަމަ 94 ވަނަ މާއްދާގެ (ށ)ގައި ވަނީ ބަންދު ކުރާ މީހާ ކުރި ކުށަކީ ޖިނާއީ ބޮޑު ކުށަކަށްވެފައި، 30 ދުވަހުގެ ތެރޭގައި ތަހުގީގު ފުރިހަމަ ނުކުރެވޭނެނަމަ ދައުވާ ކުރުމަށް އިތުރު 30 ދުވަސް ދެވިދާނެ ކަމަށް ވެ އެވެ. ޖުމްލަ 60 ދުވަހެވެ.

ސައްމާހު މައްސަލައިގައި ހައިކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީގެ ރައުޔުގައި ފާހަގަކުރެއްވީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން 15 ދުވަހުގެ މުއްދަތެއް ދައުވާ ކުރަން ދިނުމަށް ފަހު އިތުރަށް 30 ދުވަސް ދިނުމުން، އާންމު އިޖުރާއަތުގެ ދަށުން ބޮޑު ކުށެއްގައި ހައްޔަރު ކުރާ މީހުންނަށް ދައުވާ ކުރަން ލިބޭ މުއްދަތަށް ވުރެ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުވާ ކުރަން ކުރު މުއްދަތެއް ލިބޭ ކަމެވެ.

އެއީ އެ ގާނޫނުގެ މަގުސަދު ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެ ރައުޔުގައިވެ އެވެ. އެހެންވެ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ (ރ)ގައި ބަޔާންކޮށްފައިވާ 30 މުއްދަތުގެ އިތުރުން، އިތުރު ކުރުމަށް ލިބޭ 30 ދުވަހުގެ މުއްދަތު ހިމަނައިގެން 60 ދުވަހުގެ މުއްދަތެއް ދައުވާ ކުރުމަށް އިތުރުކުރެވިދާނެ ކަމަށް ދެކޭ ކަމަށް އެ ރައުޔުގައިވެ އެވެ.

އެގޮތަށް މުއްދަތު ގުނާއިރު، ސައްމާހުއަށް ދައުވާ ކުރީ ޕީޖީއަށް ލިބިގެންވާ މުއްދަތުގެ ތެރޭގައި ކަމުން އެ މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމް ބާތިލު ކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް އެ ރައުޔުގައިވެ އެވެ.

އެހެން ނަމަވެސް، ދެން އެ މައްސަލަ ބެއްލެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ހަސަން ޝަފީއު ނިންމެވީ އެއާ ހިލާފަށް ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށެވެ.

ފަނޑިޔާރު މުހައްމަދު ފައިސަލްގެ ރައުޔުގައި ވަނީ އެ މައްސަލައިގައި ދައުވާ ކުރާ މުއްދަތު ގުނަން ޖެހޭނީ ބިރުދެއްކުމާއި ތޫނު ހަތިޔާރު ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އެ ގާނޫނުގެ ދަށުން ހައްޔަރު ކުރާ މީހުންނަށް ދައުވާ ކުރުމުގައި ޖިނާއި އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ ދަށުން މުއްދަތު ގުނާ ކަމުގައިވާނަމަ ބިރުދެއްކުމާއި ތޫނު ހަތިޔާރު ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ބޭނުން ގެއްލިގެން ހިނގައިދާނެ ކަމަށް އެ ރައުޔުގައިވެ އެވެ.

ބިރުދެއްކުމާއި ތޫނު ހަތިޔާރު ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ލިބޭ 15 ދުވަހުގެ މުއްދަތަށް ވުރެ އިތުރަށް ދައުވާ ކުރަން ލިބޭނީ 30 ދުވަސް ކަމަށާއި، ދައުވާ ކުރީ އެ މުއްދަތުތައް ފަހަނައަޅައިދިޔަ ފަހުން ކަމަށް އެ ރައުޔުގައިވެ އެވެ.

ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔުގައިވެސް ވަނީ ބަލަން ޖެހޭނީ ބިރުދެއްކުމާއި ތޫނު ހަތިޔާރު ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ 17 ވަނަ މާއްދާއަށް ކަމަށެވެ. ނަމަވެސް، އެ މާއްދާގައި ޕީޖީއަށް ދައުވާ ކުރުމަށް އިތުރު ކުރެވޭނެ މުއްދަތު ސީދާ ބަޔާންކޮށްފައި ނުވާތީ، ދެން ބަލަން ޖެހޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތަކީ އެ އެކަށީގެންވާ ކުރު މުއްދަތު ކަމަށް އެ ރައުޔުގައިވެ އެވެ.

ސައްމާހަށް ދައުވާ ކުރީ އެ މުއްދަތުތައް ފަހަނައަޅައިދިޔަ ފަހުން ކަމަށްވާތީ ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އެ ރައުޔުގައިވެ އެވެ.

comment ކޮމެންޓް