ފޮނުވި ފަސް ވެންޓިލޭޓަރު ރަނގަޅު، ބާކީ 60 ވެންޓިލޭޓަރު ލިބޭނެއިރެއް އަދި ނޭނގެ

ވެންޓިލޭޓަރު މެޝިނެއް

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއިން ރާއްޖެ ގެންނަ ޖެހޭ ބާކީ ވެންޓިލޭޓަރުގެ ތެރެއިން ފަހުން ގެނައި ފަސް ވެންޓިލޭޓަރު ރަނގަޅު ކަމަށާއި ބާކީ 60 ވެންޓިލޭޓަރު ލިބޭނެ ތާރީހެއް ނޭނގޭ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.

މިދިޔަ މެއި މަހު ދުބާއިގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލު ކުރީ 75 ވެންޓިލޭޓަރު ގެންނާށެވެ. އެންމެ ފުރަތަމަ އެ ކުންފުނިން ފޮނުވީ 10 ވެންޓިލޭޓަރެވެ. އަދި ފަސް ވެންޓިލޭޓަރު މި ހަފްތާ ތެރޭ އޭޑީކޭ މެދުވެރިކޮށް ވަނީ ފޮނުވާފަ އެވެ.

ހެލްތް މިނިސްޓްރީގެ ކޮމިޝަނާ އޮފް ކޮލިޓީ އެސުއަރެންސް ތަސްލީމާ އުސްމާން މިއަދު "ސަން"އަށް ވިދާޅުވީ، ފަހުން ގެނައި ފަސް ވެންޓިލޭޓަރު ހެލްތުގެ ސްޕެސިފިކޭޝަނަށް ފެތޭތޯ އިއްޔެ މިނިސްޓްރީގެ ޓީމަކުން ޗެކް ކުރި ކަމަށާއި އެ ފަސް ވެންޓިލޭޓަރަކީވެސް އެއްބަސްވެފައިވާ ޑްރެގާ ބްރޭންޑްގެ ވެންޓިލޭޓަރުތައް ކަމަށެވެ. ނަމަވެސް އަދިވެސް އެއާއެކު ގެންނަ ޖެހޭ ދެ އާލަތެއް ނެތުމުން ވެންޓިލޭޓަރުތަކާ މިނިސްޓްރީން އަދި ހަވާލުވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ވެންޓިލޭޓަރުތަކަކީވެސް ހުރީ މަސައްކަތް ކުރާ ހާލަތުގައި. އެހެން ނަމަވެސް އެއާއެކު ލިބެންޖެހޭ ދެ އެސެސޮރީ އެއް ނެތް ލިބިފައި. މިހާރު ވަނީ އެގްޒެކުއުޓާސް ޖެނެލްއާ ވާހަކަ ދައްކާފައި އެ ދެ އެސސިރީވެސް ހޯދަން. އެހެންވެ އަޅުގަނޑުމެން އަދި ނުއެއް ގެންނަން ވެންޓިލޭޓަރުތައް،" ތަސްލީމާ ވިދާޅުވި އެވެ.

އެ ދެ އާލާތްވެސް 10 ވަރަކަށް ދުވަސް ތެރޭ ލިބޭނެ ކަމަށް އެގްޒެކިއުޓާސްއިން މިހާރު އަންގާފައިވާ ކަމަށްވެސް ތަސްލީމާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިހާރުވެސް ބޭނުންވެއްޖެ ނަމަ ވެންޓިލޭޓަރުތައް ނެގޭނެ. އެހެން ނަމަވެސް ދެ އެސެސޮރީ މަދުވާތީވެ، ހަވާޅު ނުވަނީ. އަނެއްހެން ވެންޓިލޭޓަރުތައް ރަނގަޅު،" ތަސްލިމާ ވިދާޅުވި އެވެ.

ބާކީ ނުލިބިހުރި 60 ވެންޓިލޭޓަރުތައް ހޯދުމަށް އަނެއްކާވެސް އެ ކުންފުންނަށް ދަންނަވާފައިވާނެ ކަމަށާއި ނަމަވެސް އަދި ވަކި ތާރީހެއް ނުލިބޭ ކަމަށް ތަސްލީމާ ވިދާޅުވި އެވެ.

ވެންޓިލޭޓަރުތައް ގަންނަން ދުބާއީ ކުންފުންޏަށް ހަވާލުކުރި މައްސަލައިގައި އޭޑީކޭއިން މީގެ ކުރިން ބަޔާނެއް ނެރެ ނުރުހުން ފާޅުކުރަމުން ބުނެފައި ވަނީ އެގްޒެކިއުޓާސް ޓްރޭޑިން އަށް "ޑްރެގާ ބްރޭންޑުގެ" ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ، އެ އަށް ވުރެ ހެޔޮ އަގެއްގައި އެ އެއްޗެހި ގެނެސްދޭން ހެލްތް މިނިސްޓްރީގައި އެދިފައިވަނިކޮށް ކަމަށެވެ.

ކޮވިޑް އެންމެ ބޮޑަށް ފެތުރުނު ދުވަސްވަރު ދުބާއީ ކުންފުންޏާ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލު ކުރީ 34 މިލިއަން ރުފިޔާއަށެވެ. އަދި އެގޮތަށް އެއްބަސްވީ ގެރެންޓީއެއް ނެތި، އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދިނުމަށްފަހު އެވެ.

އެއީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަމެއް ކަމަށް އޮޑިޓް ރިޕޯޓުގައިވެސް ވަނީ ފާހަގަ ކޮށްފަ އެެވެ. އަދި އެ މައްސަލަ އޭސީސީން ތަހުގީގުކޮށް، ހެލްތް މިނިސްޓަރު އަމީން އާއި އެ މިނިސްޓްރީގެ ބައެއް އެހެން އިސްވެރިންނަށް ދައުވާ ކުރަންވެސް ފޮނުވި އެވެ. އެހެން ނަމަވެސް އެމައްސަލައިގައި އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ނެތް ކަމަށް ބުނެ ޕީޖީން ނިންމާފައިވަނީ ދައުވާ ނުކުރުމަށެވެ.

https://sun.mv/146809

comment ކޮމެންޓް