ފާނަ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭނެއް އެކުލަވާލައިފި

އދ. މަހިބަދޫގައި ކޮށިތަކުގައި ބޮޑުކުރާ ފާނަތައް ބާލިދީއަކަށް ނަގާފައި -- ސަން ފޮޓޯ

ދިވެހިރާއްޖޭގައި ފާނައިގެ މަސްވެރިކަން ބަލަހައްޓައި މެނޭޖުކުރާނެ ގޮތްތައް ކަނޑައަޅާ އުސޫލެއް ފިޝަރީޒް މިނިސްޓްރީއިން އެކުލަވާލައި ގެޒެޓްކޮށްފިއެވެ.

ދިވެހިރާއްޖޭގައި ފާނަ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން އެކުލަވާލާފައިވަނީ މަސްވެރިކަމުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން، އެ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ)ގެ ހަވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ މަސްވެރިކަން ރާވައި، ހިންގައި އަދި ބެލެހެއްޓުމުގެ ބަޔަށް އަމާޒުކޮށެވެ.

އެ ޕްލޭންގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ކުރާ ފާނައިގެ މަސްވެރިކަން ރާވައި ހިންގުމުގެ އިންތިޒާމެއް ގާއިމުކޮށް ޒިންމާދަރުގޮތުގައި ފާނަ މަސްވެރިކަން ބަލަހައްޓައި ފާނައިގެ ބާވަތްތަކަށް އަސަރުކޮށްފާނެ ހަރަކާތްތައް މެނޭޖްކުރުންކަމުގައި އެ ޕްލޭނުގައި ބުނެފައިވެއެވެ. އޭގެއިތުރުން އެ ޕްލޭންގެ ބޭނުމަކީ ފާނައިގެ މަސްވެރިކަމުގެ ފައިދާ ދިވެހީންނަށް ގިނަ ދުވަހު ލިބޭނެ ގޮތެއް ހަމަޖެއްސުން ކަމުގައި ފާހަގަކޮށްފައިވެއެވެ.

އަލަށް އެކުލަވާލި ޕްލޭންގެ ދަށުން ރާއްޖޭގައި މެނޭޖުކުރާނެ ބާވަތަކީ އެޕިނެފެލިނޭ ސަބް ފެމިލީގެ ޕާސިފޮމެސް އޯޑަރުގެ ސެރަނިޑޭއެވެ.

ދިވެހިރާއްޖޭގައި ހިންގާ، ފާނައިގެ ބާވަތްތަކަށް އަސަރުކޮށްފާނެ އެންމެހައި ހަރަކާތްތަކަށް އެ ޕްލޭންގެ ދަށުން ހިނގާނެއެވެ. އޭގެ ތެރޭގައި ފާނަ މަސްވެރިކަން ކުރުމާއި އޭގެ މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުމާއި އެކުއަކަލްޗާ ކުރުމާއި ޕްރޮސެސް ކުރުމާއި ގަނެވިއްކުމުގެ އިތުރުން ދިވެހިރާއްޖެއިން ފާނައިގެ އުފެއްދުންތައް އެކްސްޕޯޓު ކުރުން ހިމެނެއެވެ.

އަދި އެ ޕްލޭންގެ ދާއިރާގައި ހިމެނޭ ހަރަކާތެއް ނުވަތަ އެފަދަ ހަރަކާތަކާ ގުޅުންހުރި ހަރަކާތެއް ހިންގާ މީހުންނަށާއި އުޅަނދުފަހަރަށާއި ޕްރޮސެސް ކުރާ އަދި އެކްސްޕޯޓު ކުރާ ތަންތަނަށްވެސް އެ ޕްލޭން ހިނގާނެ ކަމަށް ޕްލޭންގައި ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް