ސިވިލް ސާވިސް މުވައްޒަފުން އައްޔަންކުރާ އުސޫލުތައް އިސްލާހުކޮށްފި

އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެލާނާގެ ބޭރުގައި --- ސަން ފޮޓޯ/ އަހްމަދު މުޖުތަބާ

ސިވިލް ސާވިސްގެ އިދާރާތަކުން ވަޒީފާތަކަށް މީހުން ހޯދުމާއި އައްޔަންކުރުމުގައި އަމަލުކުރަމުންދާ އުސޫލުތަކާއި މިންގަނޑުތައް އިސްލާހުކޮށް، ގައިޑްލައިންތައް އެކުލަވާލައި، އާންމުކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ އެ އިސްލާހުތައް ގެނެސްފައި ވަނީ ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޯދުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކޮށް، ވަޒީފާއަށް އައްޔަންކުރުމުގެ މަރުހަލާތައް އިތުރަށް ތަފްސީލުކޮށް ދިނުމުގެ ގޮތުން ކަމަށެވެ.

ގެނެސްފައިވާ އިސްލާހުތައް:

1. ސިވިލް ސާވިސްގެ އިދާރީ އަދި ފަންނީ މަގާމުތަކުގެ އަސާސީ ޝަރުތު (7 ވަނަ އިސްލާހު)

2. ސިވިލް ސާވިސްގެ މަގާމުތަކުގެ ތައުލީމީ ރޮނގު އަދި މަސައްކަތުގެ ދާއިރާ ކަނޑައަޅާނެގޮތުގެ އުސޫލު

3. ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 2021

4. ސިވިލް ސާވިސްގެ ވަޒީފާތަކަށް އެސެސްމަންޓް ތައްޔާރުކުރާނެގޮތުގެ ގައިޑްލައިން

ސީއެސްސީން ބުނީ އެ އުސޫލުތަކާއި، މިންގަނޑުތަކާއި، ގައިޑްލައިންތަކަށް އަމަލުކުރަން ފަށާނީ، 2021 ވަނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށެވެ.

އަދި މި ޑިސެންބަރު 23 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ސިވިލް ސާވިސްގެ ވަޒީފާތަކަށް އިއުލާނުކުރުން ހުއްޓާލުމަށާއި، 2021 ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން "ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 2021" އާ އެއްގޮތަށް އިދާރާތަކުން ސިވިލް ސާވިސްގެ ވަޒީފާތަކަށް އިއުލާނުކުރަމުން ގެންދާ ގޮތަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އަދި ޑިސެންބަރު 23 ވަނަ ދުވަހުގެ ނިޔަލަށް އިދާރާތަކުން ސިވިލް ސާވިސްގެ ވަޒީފާތަކަށް ކޮށްފައިވާ އިއުލާނުތަކަށް މުވައްޒަފުން ހޮވުމާއި އައްޔަންކުރުމުގެ މަރުހަލާތައް ކުރިއަށް ގެންދާނީ "ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 2018" އާ އެއްގޮތަށް ކަމަށެވެ.

އެހެންކަމުން ސިވިލް ސާވިސްގެ އިދާރާތަކުގެ މުވައްޒަފުން މިހާރު ޢާންމުކޮށްފައިވާ އުސޫލުތަކާއި، މިންގަނޑުތަކާއި، ގައިޑްލައިންތަކަށް ފުރިހަމައަށް އަހުލުވެރިވެ، އެކަންކަން މުވައްޒަފުންނަށް އޮޅުންފިލުވައިދީ، މުވައްޒަފުން އަހުލުވެރިކުރުވުމުގެ ގޮތުން ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓުން ހިންގާ ތަމްރީނުތަކުގައި ބައިވެރިވެ، އެއާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އެދިފަ އެވެ.

comment ކޮމެންޓް