ނިހާންގެ މައްސަލަ ޕީޖީއަށް ފޮނުވައިފި

އަހްމަދު ނިހާން ހުސައިން މަނިކު --- ސަން ފޮޓޯ/ އަހްމަދު ސައީދު

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލާގައި ތުހުމަތު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު "ސަން" އަށް ވިދާޅުވީ އެ މައްސަލަ ހުށަހެޅުނުތާ ދެ ދުވަހެއް ވަރު ވެދާނެ ކަމަށެވެ.

ޝަމީމް ވިދާޅުވީ މިހާރު ކުރިއަށްދަނީ އެ މައްސަލައިގައި އިތުރަށް ސާފުކުރަންޖެހޭ ކުދިކުދި ކަންތައްތައް ފުލުހުންގެ ފަރާތުން ސާފުކުރުމުގެ މަސައްކަތް ކަމަށެވެ.

"ނިހާންގެ މައްސަލާގައި ހަފްތާއެއްގެ ތެރޭގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމޭނެ،" ޝަމީމް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން ނިހާންގެ މައްޗަށް ތުހުމަތުކޮށް ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން އޭނާ ރާއްޖެއިން ފުރުން ވަނީ މަނާކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެސެޓް ރިކަވަރީ ކޮމިޝަނަށް ނިހާން ވަނީ ހާޒިރުކޮށްފަ އެވެ. އެކަން އެކޮމިޝަނުން ކަށަވަރުކޮށްދިން ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ވެރިކަން ބަދަލުވެ، ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ލިބުނު ނާކާމިޔާބަށްފަހު ނިހާން ވަނީ ޕީޕީއެމްއިން ވަކިވެ، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.

އެމްއެމްޕީއާރުސީގެ 3.4 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާއިން އޭރުގެ މަޖިލިސް މެމްބަރުނަށް ލިބުނު ކަމަށް ތުހުމަތު ކުރެވެއެވެ. އޭގެ ތެރޭގައި ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރުންވެސް ހިމެނެއެވެ.

އެ ހިޔާނާތާ ގުޅިގެން މިހާތަނަށް ދައުވާއެއްކޮށް ހުކުމްކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއީލްގެ މައްޗަށެވެ.

comment ކޮމެންޓް