ޔޫއޭއީގެ އެފްއޭ އާއި އިޒްރޭލުގެ އެފްއޭއިން އެމްއޯޔޫއެއްގައި ސޮއިކޮށްފި

އެމްއޯޔޫގައި ސޮއެކުރުމަށް ޑުބާއީގައި ބޭއްވި ރައްމިއްޔާތުގ ތެރެއިން ... ފޮޓޯ/ ފީފާ

ފުޓްބޯޅައިގެ އެކި ކަންކަމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަ ކުރުމަށް ޔުނައިޓަޑް އަރަބް އެމިރޭޓްސްގެ ފުޓްބޯޅަ އެސޯސިއެޝަން (ޔޫއޭއީއެފްއޭ) އާއި އިޒްރޭލުގެ ފުޓްބޯޅަ އެސޯސިއެޝަން (އައިއެފްއޭ)އިން އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމަށް ހޯމަ ދުވަހުގެ ރޭ ޑުބާއީގައި ބޭއްވި ރަސްމިއްޔާތެއްގައި ޔޫއޭއީއެފްއޭގެ ރައީސް ޝެއިޚް ރާޝިދް ބިން ހުމައިދް އަލް ނުއައިމީ އާއި އައިއެފްއޭގެ ރައީސް އޮރޭން ހާއްސަންގެ އިތުރުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯވެސް ވަނީ ބައިވެރި ވެފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފަދަ އެއްބަސްވުމެއްގެ ސޮއިކުރުމުގައި ބައިވެރި ވެވުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ފަޚްރެއް ކަމަށް ފީފާގެ ރައީސް ޖިއާނީ ވަނީ ވިދާޅުވެފައެވެ. އަދި އެ އެއްބަސްވުމަކީ ކުރިމަގަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށާއި، ފުޓްބޯޅައަކީ އެއްބައިވަންތަކަން އިތުރުކުރުވާ، ފަރުދުން އެއްބައިވަންތަ ކުރުވާ އެއްޗެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"މި އެއްބަސްވުމުގެ ސަބަބުން އަހަންނަށް ވަރަށް ބައިވަރު އުންމީދުތައް ކުރެވޭ. އިޒްރޭލާއި ޔޫއޭއީގެ އިތުރުން މުޅި އެއް ސަރަހައްދު ފުޓްބޯޅައިގެ ސަބަބުން އެއްބައިވަންތަ ކުރުވަން އެކިއެކި އިވެންޓުތަކާއި ތަންރީނުތަކުގެ އިތުރުން އެކި ކަންކަން ބޭއްވުމަށް ފީފާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އަހަރެން ވާނީ އެ ދެ ރައީސްއަށްވެސް ދީފައި،" ޖިއާނީ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތަށް ވަޑައިގެން އެ އެއްބަސްވުމަށް ތާއީދު ކުރެއްވި ކަމަށްޓަކައި ފީފާގެ ރައީސްއަށް ޝުކުރު ދަންނަވަމުން ޔޫއޭއީއެފްއޭގެ ރައީސް ވިދާޅުވީ ފުޓްބޯޅައަކީ ސުލްހަޔާއި އެއްބައިވަންތަކަމުގެ ބަހުރުވަ ކަމަށާއި، އެ އެއްބަސްވުމަކީ އިޒްރޭލާއި އެހެން ގައުމުތަކާއި އޮތް ގުޅުން ވަރުގަދަ ކުރުމަށް އެޅިގެންދާ މުހިން ފިޔަވަޅެއް ކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން މީގެ ދެ މަސް ކުރިން އެފަދަ އެއްބަސްވުމެއްގައި ސޮއިކުރުން ވެފައި އޮތީ ހުވަފެނަކަށް ކަމަށް ވިދާޅުވެ އައިއެފްއޭގެ ރައީސް ހާއްސަން ވަނީ އެކަން މިހާރު ހަގީގަތަކަށް ވެފައި ވާކަމަށް ވިދާޅުވެފައެވެ. އަދި އޭނާ ވަނީ އެ އެންމެހާ ބޭފުޅުންނަށް ޓެލް އަވީވްއަށް ވަޑައިގެން އެ ގުޅުން އިތުރަށް ވަރުގަދަ ކުރަން މަސައްކަތް ކުރުމަށް ދައުވަތު އަރުވާފައެވެ.

އެ އެއްބަސްވުމުގެ ދަށުން އިޒްރޭލާއި ޔޫއޭއީގެ ގައުމީ ޓީމުތަކާއި ކްލަބުތަކުގެ މެދުގައި ރަހުމަތްތެރިކަމުގެ މެޗުތަކެއް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. އަދި އެ ދެ ގައުމުގެ އެފްއޭގެ އިދާރީ އަދި ޓެކްނިކަލް މުއައްޒަފުންނަށް ގުޅިގެން ތަމްރީނުތައް ބޭއްވުމުގެ އިތުރުން، އެ ދެ ގައުމުގައި ފުޓްބޯޅަ ތަރައްގީ ކުރުމަށް ހަރަކާތްތަކެއް އިފްތިތާހު ކުރުމަށް އެ އެއްބަސްވުމުގެ ދަށުން ވަނީ ނިންމާފައެވެ.

comment ކޮމެންޓް