ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުނުލާން އެގައުމުގެ 18 ޖަމިއްޔާއަކުން ގޮވާލައިފި

ލަންކާއިން ކޮވިޑުގައި މަރުވާ މީހުންގެ ހަށިގަނޑު އަންދަން ނިންމީ މިދިޔަ އޭޕްރިލް މަހު -- ފޮޓޯ: އަލްޖަޒީރާ

ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލާން އެއްބަސްނުވުމަށް އިނގިރޭސިިވިލާތުގައި ހަރަކާތްތެރިވާ ލަންކާގެ އިސްލާމީ 18 ޖަމިއްޔާއަކުން ރާއްޖޭގެ ސަރުކާރަށް ގޮވާލައިފި އެވެ.

އެ ޖަމިއްޔާތަކުން އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ފަރަހަނާޒް ފައިސަލްއަށް ފޮނުވި ސިޓީއެއްގައި އެފަދައިން ގޮވާލީ، ލަންކާގެ ރައީސް ގޯޓާބަޔާ ރާޖަޕަކްސަގެ އެދިލެއްވުމަކާ ގުޅިގެން ރާއްޖޭގައި ލަންކާގެ މުސްލިމުން ވަޅުލުމާ މެދު ވިސްނަމުންދާކަން އިއުލާން ކުރި ފަހުންނެވެ.

އެ 18 ޖަމިއްޔާގެ ތެރޭގައި ކޮލަމްބޯ ކޮމިއުނިޓީ ޔޫކޭ އާއި ކޮލަމްބޯ މުސްލިމް އެސޯސިއޭޝަން ޔޫކޭ އާއި ސްރީލަންކަން ލައިވްސް މެޓާ ޖަމިއްޔާ ހިމެނެ އެވެ.

އެ ޖަމްއިއްޔާތަކުން ފޮނުވި ސިޓީގައި ވަނީ ރާއްޖެއިން ލަންކާގެ މުސްލިމުންނަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައި ދިނުމަށް ވިސްނަމުންދާތީ އެކަމަށް ޝުކުރު އަދާކޮށްފަ އެވެ.

ނަމަވެސް ލަންކާއިން ކޮވިޑުގައި މަރުވާ މީހުންގެ ހަށިގަނޑު އަންދަން ނިންމާފައި ވަނީ، ބަލީގައި މަރުވާ މީހުން ވަޅުލުމުން ވައިރަސް ފެތުރޭ ކަމުގެ އެއްވެސް ސައިންޓިފިކް ހެއްކެއް ނެތި ކަމަށް ބުނެފަ އެވެ. އަދި ލަންކާގައި މަރުވާ އެގައުމުގެ މީހުންގެ ހަށިގަނޑު ބޭރު ގައުމަކަށް ފޮނުވާލުމަކީ ރައްޔިތުންނަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެގޮތަށް އަމަލު ކުރުމުން، މަރުވާ މީހާގެ އާއިލާއިން މަހާނަ ދޮށަށް ޒިޔާރަތް ކުރުން ފަދަ ސަގާފީ އަދި ދީނީ ހަރަކާތްތަކަށް ހުރަސް އެޅޭނެ ކަމަށް ވެސް ސިޓީގައ ިބުނެ އެވެ.

މީގެ އިތުރުން މުސްލިމުން ލަންކާގައި ދިރިއުޅޭތާ 2000އަށް ވުރެ ގިނަ އަހަރުވެފައިވީ ނަމަވެސް މުސްލިމުންނަކީ އެގައުމުގެ ބިމާ އެއްވެސް ގުޅުމެއް ނެތް، ބޭރު ބަޔެއް ކަމަށް ބުނާ ވާހަކަތަކަށް ރާއްޖޭގެ ނިންމުމުގެ ސަބަބުން ބާރު ލިބިދާނެ ކަމަށް އެ ޖަމިއްޔާތަކުން ފާހަގަ ކުރި އެވެ. އަދި މުސްލިމުންގެ ހަށިތައް ލަންކާއިން ބޭރަށް ގެންދަން އެހެން ގައުމަކުން ފުރުސަތު ދިނުމަކީ އެ މައްސަލަ ހައްލު ކުރުމަށް އެޅޭ ހުރަހެއް ކަމަށްވެސް ބުނެފައިވެ އެވެ.

އެ ޖަމްއިއްޔާތަކުން ސިފަ ކުރި ގޮތުގައި ލަންކާއިން މުސްލިމުންގެ ހަށިތައް އަންދަނީ "ފޮރުވިފައިވާ އެޖެންޑާއެއް އޮތް ސިޔާސީ ރޭވުމެއް"ގެ ދަށުންނެވެ. އެހެންކަމުން އެ ރޭވުމަށް އެއްބާރުލުން ނުދިނުމަށާއި އެކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ހިއްސާ ކުރުމަށް ސިޓީގައި އެދިފައިވެ އެވެ.

"ލަންކާގެ މުސްލިމުންނަށް ސިޔާސީ ގޮތުންނާއި ދީނީ ގޮތުން އޭގެ އަސަރުތައް ކުރާނެ ފަދަ ފޮރުވިފައިވާ އެޖެންޑާއެއް ހިމެނޭ ސިޔާސީ ރޭވުމަކަށް އެއްވެސް އެހީއެއް ދިނުމާ ބެހޭ ގޮތުން ދެވަނަ ވިސްނުމަކަށް ވަޑައިގެންނެވުމަށް ރައީސްގެ އަރިހުގައި އެދިވަޑައިގެން، އަޅުގަނޑުމެންގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާ ކުރެއްވުން އެދެން،" އެ ސިޓީގައިވެ އެވެ.

ލަންކާއިން ކޮވިޑުގައި މަރުވާ މީހުންގެ ހަށިގަނޑު އަންދަން ނިންމީ މިދިޔަ އޭޕްރިލް މަހުގަ އެވެ. އެއީ އެ ބަލީގައި މަރުވާ މީހުން ވަޅުލުމުން ބިމުގެ ފެން ފަށަލަ ތަޣައްޔަރުވެ، ވައިރަސް ފެތުރިދާނެ ކަމަށް އެގައުމުގެ ނުފޫޒު ގަދަ ބުޑިސްޓު ހާމުދުރުން ތުހުމަތު ކުރުމުންނެވެ.

ނަމަވެސް އެ ގަވާއިދުގެ ދަށުން މުސްލިމުންގެ ހަށިތައް އާއިލާގެ ނުރުހުމުގައި އަަންދާތީ ލަންކާގެ ސާރުކާރަށް ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ. އޭގެ ސަބަބުން ލަންކާގެ ޕަބްލިކް ހެލްތު އިންސްޕެކްޓާސް އެސޯސިއޭޝަނުގެ ސެކްރެޓަރީ އެމް ބަލަސޫރިޔާ ވަނީ ކޮވިޑުގައި މަރުވާ މުސްލިމުންގެ ހަށިގަނޑު މަޖުބޫރުން އެންދުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއްވެސް މީހަކު ހަވާލު ނުވާ ނުވަ މީހެއްގެ ހަށިގަނޑު ކޮލަމްބޯގެ މޯޗާރީގައި މިހާރު އެބަ އޮތް ކަމަށާއި އޭގެ ތެރޭގައި ގިނައީ މުސްލިމުންގެ ހަށިތައް ކަމަށް ވިދާޅުފަ އެވެ.

comment ކޮމެންޓް