ދިލިޕް ކުމާރާއި ރާޖް ކަޕޫރު ދިރިއުޅުނު ގެ ޕާކިސްތާން ސަރުކާރުން ގަންނަނީ

ރާޖް ކަޕޫރު ޕާކިސްތާނުގައި ދިރިއުޅުނު ގެ--

ބޮލީވުޑްގެ އެންމެ ކުރީގެ މަޝްހޫރު ލެޖެންޑުންކަމަށްވާ ދިލިޕް ކުމާރާއި ރާޖް ކަޕޫރު ދިރިއުޅުނު ގެ ޕާކިސްތާން ސަރުކާރުން ގަންނަން ނިންމައިފި އެވެ.

އެ ދެ ތަރިންވެސް އުފަންވެފައިވަނީ ޕާކިސްތާނުގެ ޕިޝާވަރުގަ އެވެ. ނަމަވެސް އެ ދެ ތަރިންވެސް ވަކި ހިސާބަކުން ދިރިއުޅުން އިންޑިއާގެ މުމްބާއީއަށް ބަދަލުކުރި އެވެ.

ޕާކިސްތާނުގެ ކޭޕީކޭ ޑިސްޓްރިކްޓް ސަރުކާރުން އެ ދެ ގޭގެ މާކެޓް އަގުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 15-8 މިލިއަން ރުޕީސްއާ ދެމެދުގެ އަގެކެވެ. އެތަން 24 މިލިއަން ރުޕީސްއަށް ގަންނަންވެސް ކޭޕީކޭ އެޑްމިނިސްޓްރޭޝަނުން ތިބީ ތައްޔާރަށެވެ.

އެ ދެ ގެ ގަންނަން މަރުކަޒީ ސަރުކާރުން ނިންމީ އެ ގޭގެ މިހާރުގެ ވެރިން އެ ގެތައް ތަޅާލަން އުޅެން ފެށުމުން އާންމުންގެ ނުރުހުން އެކަމަށް އަމާޒުވާން ފެށުމުންނެވެ.

ރާކް ކަޕޫރަކީ ބޮލީވުޑްގެ މަޝްހޫރު ކަރީނާ ކަޕޫރާއި ރަންބީރު ކަޕޫރުގެ ކާފަވެސްމެ އެވެ.

ކޭޕީކޭގެ އާކިއޮލޮޖިކަލް ޑިޕާޓްމަންޓުން ބުނީ އެގެތައް ސަރުކާރަށް ނެގުމަށްފަހު، އެ ތަންތަން މަރާމާތުކޮށް ދާރުލްއާސާރަކަށް ހަދަން ނިންމާފައިވާ ކަމަށެވެ.

ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކެއްގެ އާއިލާތައް އުފަންވެފައިވަނީ ޕިޝާވަރުގަ އެވެ. ޝާހުރުކް ހާންގެ ބައްޕަ ނިސްބަތްވަނީވެސް ޕިޝާވަރަށެެވެ.

ދުނިޔޭގެ މަޝްހޫރު ބައެއް ފަރާތްތައް ދިރިއުޅުނު ގެތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދާރުސްއާސާރަށް ބަދަލުކޮށްފައިވެ އެވެ. -- ޕާކިސްތާން ޓްރިބިއުން--

comment ކޮމެންޓް