ނަޝީދުގެ ބަރުލަމާނީ ހުވަފެނުގައި ޔާމީން!؟

ރާއްޖޭގެ ސިޔާސީ ވެރިންގެ ތެރެއިން ވަރަށް ސާފުކޮށް ސީދަލަށް ވާހަކަފުޅު ދައްކަވާ އެއްބޭފުޅަކީ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު ވަރަށް ފާޅުގައި އަބަދު ވެސް ވިދާޅުވާ އެއް ވާހަކައެއް އޮވެ އެވެ. އެއީ "ހެޔޮ ވެރިކަމަކަށް އޮތް ހަމައެކަނި ގޮތަކީ ބަރުލަމާނީ ނިޒާމެއް" ކަމެވެ. މިފަހުން ރައްޔިތުންގެ މަޖިލީހުން ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމްގެ ދެވަނަ އެޕިސޯޓްގައި ވެސް އެމަނިކުފާނު ރައްޔިތުންނަށް ވިސްނައިދެއްވަން މަސައްކަތް ކުރެއްވީ އެ ނިޒާމުގެ ފައިދާ އެވެ. ވިދާޅުވީ މަގާމުތައް ތަކުރާރު ނުވެ ރައްޔިތުންނާ ވީހާވެސް ކައިރިން ހަރަދު ކުޑަކޮށް، ސީދާ ރައްޔިތުންގެ ވިސްނުމާ އެކު ވެރިކަން ހިންގޭނެ ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ކަމަށެވެ. ދެން އެ ވާހަކަތަކަށް ފަހު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގެ ކުރިން އެކަމާ މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާކޮށް ގޮތްތަކަށް އެއްބަސްވެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެމަނިކުފާނުގެ މިހުރިހާ ވާހަކަފުޅުތަކުން ވެސް ޔަގީންވާ އެއްކަމަކީ ބަރުލަމާނީ ނިޒާމަކަށް އޮންނަ ވެރިކަމެއް ރާއްޖޭގައި ގާއިމްކުރުމަށް އެމަނިކުފާނު ފެންބޮވައިގެންފައި ހުންނެވިލެއް ބޮޑުކަމެވެ. އަދި ކުޑަ ނަމަވެސް ފުރުސަތެއް ލިބިއްޖެ ނަމަ އެމަނިކުފާނު އެ މަގުސަދު ހާސިލް ކުރައްވަން މަސައްކަތް ކުރައްވާނެ ކަމުގެ ފެހި ސިގްނަލް އެ ވާހަކަތަކުން ލިބެ އެވެ. އެކަމާ މެދު ޝައްކު ނުހިނގާ އަނެއް ކަމަކީ، މީގެ 13 އަހަރުކުރިން ބޭއްވި "ނިޒާމީ ވޯޓް"ގައި ރައީސް ނަޝީދު ކުރީގައި ހުންނަވާ އެމްޑީޕީއިން ތާއީދުކޮށް ކެމްޕޭން ކުރީ ބަރުލަމާނީ ނިޒާމަކަށް ގާނޫނު އަސާސީ ތަރުތީބު ކުރާށެވެ. އެހެން ނަމަވެސް، އެ ވޯޓުން އެމްޑީޕީއަށް ނާކާމިޔާބުވީ އެވެ. އެކަމަކު ރައީސް ނަޝީދާއި އެމްޑީޕީއިން އޭރުވެސް ތުހުމަތު ކުރީ އެ ވޯޓުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ އަސްލު ނިންމުމަކީ ބަރުލަމާނީ ނިޒާމެއްގެ މައްޗަށް އޮންނަ ވެރިކަމެއް ގާއިމް ކުރުން ކަމަށެވެ. މި ހުރިހާ ކަމަކުން ދޭހަވަނީ މިހާރު މި އޮތް ރިޔާސީ ނިޒާމަށް އެމްޑީޕީއިން ރުހޭނޭ ގޮތެއް ނެތް ކަމެވެ. އަދި ހާއްސަކޮށް ސިޔާސީ ބާރުވެރިކަމުގައި ރައީސް ނަޝީދު ހުންނެވިހާ ދުވަހަކު ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ފުރޮޅާލުމުގެ މަސައްކަތް އެމަނިކުފާނު ނުހުއްޓާނެ ކަމެވެ. އެކަމަށްޓަކައި ހުރިހާ ދޮރެއްގައި ވެސް އެމަނިކުފާނު ޓަކި ޖައްސަވާނެކަން ޔަގީނެވެ. އަންނަ ރިޔާސީ އިންތިހާބުގެ ކުރިން އެންމެ ހޫނުވާނެ އެއް މައްސަލައަކީ ވެސް މިއީ ކަމަށް ލަފާވެ އެވެ.

އެކަމަކު، ރައީސް ނަޝީދަށް އެ މަސައްކަތް ކާމިޔާބު ކުރެއްވޭނެ ހެއްޔެވެ؟ އެ ކަން ހާސިލް ކުރައްވަން އެމަނިކުފާނު ހިންގަވާ މަގާއި ޖައްސަވާ ހިސާބަކީ ކޮބައި ހެއްޔެވެ؟

ގާނޫނު އަސާސީ ދައްކާ މަގު

ބަރުލަމާނީ ނިޒާމު ނުވަތަ ޕާލިމަންޓްރީ ވެރިކަމުގެ ނިޒާމަކީ ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން ވެރިކަން ހިންގުން ތަރުތީބުވާ ވެރިކަމުގެ ނިޒާމެކެވެ. ވެރިކަން ހިންގުމާއި ގާނޫނު ހެދުމުގެ ބާރު ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ޖަމާވެ މަސްހުނިވެފައި އޮންނަ ވެރިކަމުގެ ނިޒާމެކެވެ.

މިހާރު އަމަލު ކުރާ ގާނޫނު އަސާސީގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް މުތުލަގަށް ލިޔެފައި ނެތް ނަމަވެސް، ގާނޫނު އަސާސީގައި ބާރުތައް ތަރުތީބުކޮށްފައި ވަނީ ނިޒާމީ ވޯޓުގައި ރައްޔިތުން އާބަސް ބުނި ގޮތަށް ރިޔާސީ ނިޒާމާ އެއް ތައްގަނޑަކަށެވެ. އެއީ ވެރިކަން ހިންގުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް، ގާނޫނު ހެދުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އަދި އަދުލު އިންސާފުގެ ބާރު ކޯޓުތަކަށެވެ. ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ފުރޮޅާލާ ނަމަ ގާނޫނު އަސާސީގެ މި މަފްހޫމުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހެ އެވެ. އެ ބަދަލުތައް ގެނެވޭނެ ގާނޫނީ މަގަކީ ގާނޫނު އަސާސީގެ އަސްލަށް ބަދަލުގެނައުމެވެ.

ގާނޫނު އަސާސީގެ 12 ވަނަ ބާބު، "ގާނޫނު އަސާސީ" އިސްލާހުކުރުމުގެ ބާބުގައިވާ ގޮތުން ގާނޫނު އަސާސީއަށް އެއްވެސް އިސްލާހެއް ގެނެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުން ފާސްކުރާ ގާނޫނަކުންނެވެ. ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބާރު މަޖިލީހަށް އޮތަސް އެއީ އިންތަކެއް ނެތި ދޫކޮށްލާފައިވާ ބާރެއް ނޫނެވެ. ގާނޫނު އަސާސީގެ 252 ވަނަ މާއްދާގެ ށ. އިން ސާފުވާ ގޮތުގައި ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބާއި ރައްޔިތުން މަޖިލީހުގެ އުމުރާއި ރިޔާސީ ދައުރު އަދި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތަށް ބަދަލު ގެންނަން މަޖިލީހުން ބިލެއް ފާސްކުރި ނަމަވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އެކަމާ މެދު ނަގައިގެން ނޫނީ އެ އިސްލާހު ރައީސްއަށް ތަސްދީގު ކުރެއްވުމުގެ ބާރެއް ލިބިގެނެއްނުވެ އެވެ.

އެހެން ކަމުން ގާނޫނީ ވާކީލުންގެ ނަޒަރުގައި ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަދަލުކުރާ ނަމަ ގާނޫނު އަސާސީގެ ބާރުތައް ބެހިގެންދާ ގޮތަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ އެވެ. އެއީ މުޅި ގާނޫނު އަސާސީ އޭގެ މައްޗަށް ބިނާވެފައިވާ އަސާސްތަކަށް ގެންނަން ޖެހޭ ބޮޑު ބަދަލެކެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ބާރު ހަނިކޮށް ބޮޑުވަޒީރުގެ މަގާމު އުފައްދައި ބޮޑު ވަޒީރުގެ ބާރުތައް ވެސް ގާނޫނު އަސާސީގައި ލިޔަން ޖެހޭތީ އެވެ. އަދި ރައްޔިތުން މަޖިލީހުގެ ބާރުތަކުގެ ބާބު ވެސް އަލުން ލިޔަން ޖެހެ އެވެ. އެހެންކަމުން ގާނޫނީ ވަކީލުން ވިދާޅުވަނީ، ގާނޫނު އަސާސީގެ ރޫހަކީ އެފަދަ ބޮޑު ބަދަލެއް ގެނައުމުގެ ކުރިން އެނބުރި ރައްޔިތުންގެ ކައިރިއަށް ގޮސް އެ މީހުންގެ އާ ބަހެއް ހޯދުމެވެ.

"ރައްޔިތުންނާ ހަމައިން ގާނޫނު އަސާސީ މި ފެށެނީ. އަނެއްކާ ގާނޫނު އަސާސީގައި ބާރުތައް ބެހޭ ގޮތް ކަނޑައެޅީ ސީދާ ރައްޔިތުން ރިޔާސީ ނިޒާމެއް ކަމަށް ކަނޑައެޅީމާ. އެހެންވެ އެކަމުގެ އަސްލަށް ރުޖޫއަވުމަކީ ރައްޔިތުން ކައިރީ އެހުން އެ ބަދަލު ގެންނަން. އެއީ ގާނޫނު އަސާސީގެ ރޫހު،" މައްސަލައިގެ ހައްސާސީކަމުން ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ފުރޮޅާލުމަށް ގާނޫނީ އިމުގެ ތެރެއިން ހިނގެން އޮތް އެންމެ ސާފު މަގަކީ ރައްޔިތުންގެ އާބަސް އެކަމަށް ހޯދުމެވެ. އަސްލު މައްސަލަ އުފަންވި ހިސާބަށް ސިޔާސީ ވެރިން އަނބުރާ ރުޖޫއަވެ އަދި އެއްފަހަރު ރައްޔިތުންގެ ބަހެއް އެކަމުގައި ހޯދުމެވެ. އަދި ރައްޔިތުން ނިންމާ ގޮތަށް އިހުތިރާމް ކުރުމެވެ. ރައީސް ނަޝީދަށް ވެސް އޮތް އެންމެ ތާހިރު ގޮތަކީ އެ މަގުން ހިންގެވުމެވެ. އެކަން ރައީސް ނަޝީދަށް ވެސް ވަރަށް ބޮޑަށް ސާފުވެ ވަޑައިގަންނަވާނެ އެވެ.

"މަޖިލީހުގެ ތެރެއިން އެކަމަށް ތާއީދު ލިބިލެއްވިޔަސް ކޮންމެވެސް ހިސާބަކުން އެބަ ޖެހޭ ރައްޔިތުން ކައިރިއަށް އެކަމުގެ އާބަސް ހޯދަން ދާން. ސިޔާސީ ޕާޓީތަކުގެ ތާއީދާ ނުލާ ރައްޔިތުން ކައިރިއަށް ގޮސް ވޯޓެއް ނަގަން އެއީ ވަރަށް އިމްޕޮސިބަލް ކަމަކަށް ވާނީ. އެހެންވެ ރައީސް ނަޝީދަށް ވެސް އެ މަސައްކަތުގައި [ބަރުލަމާނީ ވެރިކަމުގެ ނިޒާމެއް] ގެނައުމުގައި އިދިކޮޅު ސިޔާސީ މީހުންގެ ބައިވެރިވުން ވެސް ބޭނުންވާނެ ކަމަށް އަޅުގަނޑަށް ލަފާވަނީ،" އެމްޑީޕީގެ މަޖިލިސް މެންބަރަކު ނަން ނުޖަހާ ގޮތަށް ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ރައީސް ނަޝީދުގެ ހަމްދަރުދީ

މަނީ ލޯންޑަކުރެއްވިކަން ސާބިތުވެ ރައީސް ޔާމީން ހުންނެވީ ދިގު މުއްދަތުގައި ޖަލު ހުކުމެއް އިއްވައި ޖަލުގަ އެވެ. އެކަމާ ގުޅިގެން އެމަނިކުފާނު ލީޑަރުކަން ކުރައްވާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާތާ އެތައް ޒަމާނެއް ވެއްޖެ އެވެ. އެ ވާހަކަތަކަށް ވުރެ މިހާރު އެންމެ އަޑުގަދައީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސްކަން ކުރައްވާ ނަޝީދު ރައީސް ޔާމީން މިނިވަންކުރެއްވުމަށް ބާރު އަޅުއްވާ ދައްކަވާ ވާހަކަފުޅުތަކުގެ އަޑެވެ. އާސްކު ސްޕީކާ ޕްރޮގްރާމްގައި ޔާމީން ޖަލަށްލާފައި ހުންނަ މައްސަލައިގައި ރައީސް ނަޝީދު ވިދާޅުވީ "ކުރީގެ ވެރިން ޖަލަށްލުމުގެ ސަގާފަތް ނިމުމަކަށް އަންނަން" ޖެހޭ ކަމަށެވެ. އަދި "ބަދަލުހިފުމުގެ ރޫހު" ނައްތާލަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި މިދިޔަ ހުކުރު ދުވަހު އެމްޑީޕީގެ ހަރުގޭގައި ވާހަކަފުޅުދައްކަވަމުން ވެސް ރައީސް ނަޝީދު ވަނީ ރައީސް ޔާމީން މިނިވަންކުރަން އިތުރަށް ބާރުއަޅުއްވައި ވާހަކަ ދައްކަވައިފަ އެވެ. ވިދާޅުވީ؛ "ރައީސް ޔާމީން ޖަލުގައި ބެހެއްޓުމަށް އެމަނިކުފާނު ނޭދޭ" ކަމަށާއި "ޔާމީން ޖަލަށްލީ ދުވަހު ލޮލުން ކަރުނަ"އައި ކަމަށެވެ. މިހާރުގެ ހަގީގަތަކީ އިދިކޮޅު ސިޔާސީ ލީޑަރު މިނިވަންކުރެއްވުމަށް އެންމެ ބާރަށް ބަސްފުޅު ވިދާޅުވާ ބޭފުޅަކީ އެމަނިކުފާނާ ވާދަވެރި ރައީސް ނަޝީދު ކަމެވެ.

މިފަހަކަށް އައިސް ރައިސް ނަޝީދުގެ ހަމްދަރުދީ ރައީސް ޔާމީންގެ މައްޗަށް ބޮޑުވެގެން އުޅޭ އުޅުން، އެއްބަޔަކު ސިޔާސީ ގޮތުން ސިފަކުރަނީ މިއީ ރައީސް ނަޝީދުގެ ބަރުލަމާނީ ހުވަފެން ހަގީގަތަކަށް ހެދުމަށް އެމަނިކުފާނު ހިންގަވަން އޮތް މަގު ސާފު ކުރެއްވުމަށް ކުރައްވާ ކަމެއްގެ ގޮތުގަ އެވެ. އެގޮތަށް ވިދާޅުވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ރައީސް ނަޝީދު އުޅުއްވަނީ ބަރުލަމާނީ ނިޒާމަކަށް ރައީސް ޔާމީންގެ ތާއީދު ހޯއްދަވާށެވެ. ނޫން ނަމަ ނިޒާމުގެ ބަހުސް ފެއްޓުމަށް ހުއްޖަތެއް ހޯއްދަވާށެވެ. އަދި އެއީ "ޑީލެއް"ގެ ގޮތުގައި ސިފަކުރެ އެވެ. ސަބަބަކަށް ވަނީ ރައީސް ޔާމީންއަކީ ރައްޔިތުންތަކެއްގެ ތާއީދު އޮތް އިދިކޮޅު ލީޑަރަށް ވުމުން އެމަނިކުފާނުގެ ތާއީދު ވެރިކަމުގެ ނިޒާމު ބަދަލުކުރަން ކޮންމެހެން ބޭނުންވާނެތީ އެވެ. ނޫން ނަމަ އެއީ އަމާންކޮށް ހިނގާނެ ޕްރޮސެސްއަކަށް ނުވާނެ އެވެ.

އިދިކޮޅު ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އާދަމް ޝަރީފު އުމަރު ވިދާޅުވި ގޮތުގައި ރައްޔިތުންގެ ހައްގުތައް ހަނިވާ ގޮތަށް ރައީސް ޔާމީން މިނިވަން ކުރުމަށް ހަދާނޭ "ޑީލެއް" އިދިކޮޅުން ނޯންނާނެ އެވެ. އަދި މިފަހުން ރައީސް ނަޝީދު ދައްކަވަމުން އަންނަ ރައީސް ޔާމީން މިނިވަން ކުރެއްވުމުގެ ވާހަކަފުޅުތަކާ ގުޅޭ ގޮތުން މެންބަރު އާދަމް ޝަރީފް ވިދާޅުވީ، އެއީ ޑީލަކާ ގުޅުން ހުރި ވާހަކަތަކެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީން މިނިވަންކޮށް ހުންނެވި ނަމަ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި އެ ނޫން ވެސް ސިޔާސީ ކަންކަމުގައި ރައީސް ޔާމީން ސިޔާސީ އެކި ފިކުރުގެ ބޭފުޅުންނާ މަޝްވަރާ ކުރައްވާނެކަމަށް މެންބަރު އާދަމް ޝަރީފް ގަބޫލު ކުރައްވަ އެވެ.

"ރައީސް ޔާމީން ޖަލުގައި ބަހައްޓައިގެން އަޅުގަނޑުމެން ކުރާނެ މަޝްވަރާއެއް ނޯންނާނެ. އެހެން ނަމަވެސް އެމަނިކުފާނު މިނިވަންކޮށްފައި އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ލީޑަރު ރައީސް ޔާމީންގެ މަޝްވަރާގެ މަތިން ސިޔާސީ ކަންކަމުގައި މަޝްވަރާ ކުރެވޭނެ. އެއްވެސް ސިޔާސީ ކަމެއްގައި ބަރުލަމާނީ ނިޒާމުގެ ކަމެއްގައި ވެސް އަޅުގަނޑުމެން މަޝްވަރާ ނުކޮށެއް ނުބާއްވާނެ. އެއީ ހަމަ މަޝްވަރާ ކުރެވޭނެ ކަންކަން. އެކަމަކު އެއީ އަޅުގަނޑުމެންގެ ލީޑަރު ޖަލުގައި ބަހައްޓައިގެން އެކަން ނުކުރެވޭނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި ނިޒާމީ ވޯޓުގައި ވެސް ރައީސް ޔާމީން ލީޑަރަކަށް ހުންނެވި ޕީއޭއިން ތާއީދުކުރީ ބަރުލަމާނީ ވެރިކަމުގެ ނިޒާމަކަށެވެ. ރައީސް ޔާމީން ވެސް އޭރު ފާޅުގައި ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރެއްވި އެވެ. އެހެންވެ، އަދިވެސް އެމަނިކުފާނުގެ ވިސްނުން އެމަގަށް ހުރުން ގާތެވެ. ރައީސް ޔާމީން ވެރިކަމުގައި ހުންނެވި އިރުވެސް އަދި ވެރިކަމަށް ފަހުވެސް އެމަނިިކުފާނު ކުރައްވާ ޝަކުވާ އަކީ ގާނޫނު އަސާސީއަކީ ރައީސްއަކު ވެރިކަން ކުރަން އުނދަގޫ ކުރަން ހަދާފައި އޮތް އެއްޗެއް ކަމަށާއި ނިޒާމު މިހާރު އޮތް ގޮތަށް ބާއްވައިގެން ހަމަޖެހޭ ވެރިކަމެއް ރާއްޖެއަށް ނުހޯދޭނެ ކަމަށެވެ. މި ދެ ސަބަބާ ހުރެ ރައީސް ޔާމީންގެ ވިސްނުން ވެސް ބަރުލަމާނީ ނިޒާމަކަށް ބުރަވުމުގެ ފުރުސަތު އެބަ އޮތެވެ.

އެކަމަކު، ރައީސް ނަޝީދު ދެކޭ ބަރުލަމާނީ ހުވަފެނުގެ މަންޒަރަށް ރައީސް ޔާމީން ވެއްދެން އޮތީ އިދިކޮޅުގެ އެންމެ ބޮޑު އެދުން، ރައީސް ޔާމީން މިނިވަން ކުރެވިގެންނެވެ. އިވޭ އަޑުތަކާއި ވާހަކަތަކުގެ ރާގުން ރައީސް ނަޝީދުގެ ހަމްދަރުދީ ރައީސް ޔާމީންއަށް ބޮޑުވެގެން އުޅެނީ، ރައީސް ޔާމީން މިނިވަން ކުރެއްވުމަށް ޕްރެޝަރުތައް ކުރިމަތި ކުރުމަށް ކަމަށް ވުން ގާތެވެ. ރައީސް ނަޝީދު ރައީސް ޔާމީންއާ މެދު ބަހައްޓަވާ ހަމްދަރުދީގެ އަގަކީ އެއީ ކަމަށްވެދާނެ އެވެ.

ބަރުލަމާނީ ހުވަފެނުގެ "ވިލަން"

ސިޔާސީ މަސްރަހުގައި ކުޅިބައި އެތުރިފައިވާ ގޮތަށް ބަލާއިރު، ރައީސް ސޯލިހުގެ ބާރުވެރިކަން ނޫނީ އެމަނިކުފާނަށް ތަބާވާ އެކަށީގެންވާ އަދަދެއްގެ މެންބަރުން އެމްޑީޕީގެ ޕީޖީ ގުރޫޕްގައިވެސް އެބަތިއްބެވި އެވެ. ހުރިހާ ދިމާލަކުން ވެސް ރައީސް ސޯލިހުގެ ނުފޫޒު އެބަ އޮތެވެ.

އެހެންކަމަށްވުމާ އެކު ނިޒާމީ ބަހުސުގެ ތެރޭގައި ރައީސް ސޯލިހު ބުރަވާ ކޮޅެއް މުހިންމުވެ އެވެ. އަދި ރައީސް ނަޝީދުގެ ބަރުލަމާނީ ހުވަފެނުގައި ރައީސް ސޯލިހު އަކީ މުހިންމު ރޯލެއް ކުޅޭނެ ބޭފުޅެކެވެ. އެމަނިކުފާނު ނިންމަވާ އެންމެ ނިންމެވުމަކުން ބަރުލަމާނީ ހުވަފެނުގައި ސިއްކައަށް ވުން ގާތެވެ.

މިހާތަނަށް އެ މައްސަލައިގައި ރައީސް ސޯލިހު މާ ގިނަ ވާހަކަފުޅުތަކެއް ވިދާޅެއް ނުވެ އެވެ. އެމަނިކުފާނު ވިދާޅުވި ހަމައެކަނި ވާހަކަފުޅަކީ ބަރުލަމާނީ ނިޒާމުގެ ބަހުސަކީ ރައްޔިތުން ކައިރި މުސްތަގުބަލެއްގައި ބަސްބުނެފައިވާ ކަމެއް ކަމެވެ. އަދި ވިދާޅުވީ އެ ބަހުސުގައި ޖެހިގެން އުޅޭ ވަރަށް ވުރެ އެމަނިކުފާނު ކުރައްވަން ހުރި މަސައްކަތް ގިނަވެފައި ކުރަން ޖެހޭ ފިކުރުތައް ބޮޑުވެފައިވާ ކަމަށެވެ. މި ވާހަކަތަކުން ދޭހަވަނީ ނިޒާމު އެ ފުށްމިފުށަށް ޖެހުމަކީ އެ މަނިކުފާނު އެހާ ހިތްޕުޅާވާ ކަމެއް ނޫން ކަމެވެ. އެހެންވެ، ރައީސް ސޯލިހުއަކީ ނަޝީދުގެ ބަރުލަމާނީ ހުވަފެނުގެ "ވިލަންއަށް" ވުން ގާތެވެ.

ބަރުލަމާނީ ބަހުސްގައި ރައީސް ސޯލިހު ހުންނެވި ކޮޅެއް ސާފުނުވާއިރު، ރައީސް ނަޝީދަށް އޮތް ގޮތަކީ އިދިކޮޅު ފަރާތްތައް ބަރުލަމާނީ ބަހުސްގެ މަންޒަރުގެ ތެރެއަށް ވެއްދުމެވެ. އެބޭފުޅުންގެ ތާއީދު ހޯއްދަވައިގެން އެބޭފުޅުންނާ އެކު ބަރުލަމާނީ ވެރިކަމުގެ ނިޒާމެއް ގާއިމްކުރުމުގެ މަގުން ހިންގެވުމެވެ. ރައީސް ނަޝީދު މިހާރު ކުރައްވަނީ އެ މަސައްކަތަށް ވުން ގާތެވެ. ސިޔާސީ އުދަރެހުގެ އަޑާއި މަންޒަރާއި ކުލަ މިހާރު ފެންނަނީ އެފާޑުގެ ގޮތަކަށެވެ.

comment ކޮމެންޓް