އާޝާގެ އައިވީއެފް ދަތުރުން އުފަންވި ފާޓިލިޓީ ސަޕޯޓް ގްރޫޕް

އާޝާ އާއި އޭނާގެ ދަރިފުޅު-- ފޮޓޯ:އިންސްޓަގްރާމް

"އައިލެންޑް އައިވީއެފް މަމް" ގެ ނަމުގައި މީގެ ދެ އަހަރު ކުރިން އާޝާ ހުސެއިން އޭނާގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓެއް ތައްޔާރުކުރީ ދަރިއެއް ހޯދުމަށްޓަކައި އޭނާ އުފަލަންޖެހުނު ބުރަ އާއި ތަކުލީފު އޭނާ ފަދަ އެހެން އަންހެނުންނަށް ހިތްވަރެއްގެ ގޮތުގައި ކިޔައިދިނުމުގެ އުންމީދު ގައެވެ. ކައިވެންޏަށް 11 އަހަރުގައި އޭނާ ދުށް ފޮނި ހުވަފެންތައް ހަގީގަތަކަށްވެ މަންމައަކަށް ވުމުގެ ހެޔޮ ނަސީބު ލިބިއްޖެ އެވެ. އެެއާއެކު އޭނާގެ މިދަތުރުގައި ބައިވެރިވި އެތަށް ޒުވާން އަންހެނުންނަކަށް އާ ހިތްވަރަކާއި ޖޯޝެއް ލިބިއްޖެ އެވެ.

ދަރިމައިވުމުގެ މައްސަލަތައް ދިމާވެފައިވާ އެތަށް ދެމަފިރިންނެއް ރާއްޖޭގައި އެބަތިއްބެވެ. ނަމަވެސް ހިތާމައަކީ އެފަދަ ފަރާތްތަކަށް ދެވޭނެ މާބޮޑު ފަރުވާއެއް ރާއްޖޭގައި ނެތްކަމެވެ. ކިރިޔާވެސް ސާފު ޖަވާބެއް ހޯދުމަށްޓަކައި ގިނަ ދުވަސްތަކެއް ނުވަތަ އަހަރުތަކެއް ހޭދަކުރަންޖެހެ އެވެ. އާހިރުގައި އެންމެ ފަހު އުންމީދަކީ އައިވީއެފް އެއް ހެދުމެވެ. އަވަށްޓެރި ގައުމުތަކުގައި އެވްރެޖް ގޮތެއްގައި ހަމަ އެކަނި އައިވީއެފްގެ ޕްރޮސީޖާ ތަކަށް އެކަނިވެސް 6،000 އެއްހާ ޑޮލަރު ހޭދަވެ އެވެ. މާލީގޮތުންނާއި، ޖިސްމާނީ ގޮތުން އަދި ނަފްސާނީ ގޮތުންވެސް މިއީ ހިތްދަތި ތަޖުރިބާ އެކެވެ.

މިވީހާތަނަށް ގިނަބަޔަކަށް ހީވެފައި އޮންނަނީ މިފަދަ ވާހަކަތަކަކީ ގެތަކުގައި ސިއްރު ސިއްރުން ދައްކަންޖެހޭ ވާހަކަ ތަކެއް ކަމަށެވެ. އަނބިމީހާ ނުވަތަ ފިރިމީހާގެ ކިބައިގައި ދަރިން ހޯދުމަށް ދަތިވާފަދަ މައްސަލައެއް ހުރުމަކީ ލަދުގަންނަންޖެހޭ ނުކުޅެދުންތެރިކަމެއްގެ ގޮތުގަ އެވެ. އަދި އައިވީއެފް ފަދަ ބޮޑެތި ޕްރޮސީޖާތަކުން ދަރިން ހޯދުމަށް ގިނަ ބަޔަކު ފަސްޖެހެ އެވެ.

ފާޓިލިޓީ ސަޕޯޓް ގްރޫޕްގެ އެނިވާސަރީ ސެޝަންގެ ތެރެއިން -- ފޮޓޯ: ޓްވިޓާ

މި ހުރިހާ ކުށްހީތައް ފިލުވާދީ، މިފަދަ ފަރާތްތަކަށް ދިއްކޮށްލަދިން އެންމެ ބޮޑު އެހީއަކީ އާޝާ އިސްނަގައިގެން ކޯ ފައުންޑާ އިހުސާނާ އަލީ އަދި އެކްސްކޯ މެންބަރު މަރިޔަމް ޝާނީޒް އާއިއެކު ފެށި "ފާޓިލިޓީ ސަޕޯޓް ގްރޫޕް" އެވެ. ރަސްމީ ޖަމިއްޔާއަކަށް ވުމުގެ މަގުމަތީގައި އޮތް މި ކުޑަ ކޮމިއުނިޓީ އިން މިވަނީ ހޯމަ ދުވަހު ފަސްޓް ލޭޑީ ފަޒްނާ އަހުމަދު އާއި އެކު ހާއްސަ އެނިވާސަރީ ސެޝަން އެއް ބާއްވާފަ އެވެ.

ދަރިމައިވުމުގެ ދިމާވާ ދަތިތައް ނުވަތަ "އިންފާޓިލިޓީ" އާއި ގުޅޭގޮތުން (ޕިއާ ޓު ޕިއާ) ސެޝަންތަކެއް ރާއްޖޭގައި މުޅިން އަލަށް މި ކޮމިއުނިޓީ އިން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ފާޓިލިޓީ ސަޕޯޓް ގްރޫޕްގެ އެނިވާސަރީ ސެޝަންގައި ފަސްޓްލޭޑީ ފަޒްނާ ވާހަކަދައްކަވަނީ -- ފޮޓޯ: ޓްވިޓާ

އެ ދުވަހަށް އެއް އަހަރު ފުރުމުގެ ހާއްސަ މުނާސަބާގައި ބައިވެރިވެވަޑައިގެން ފަސްޓް ލޭޑީ ވަނީ ސަޕޯޓް ސެޝަންގެ ބައިވެރިން ދެއްކި ވާހަކަތައް އަޑުއެއްސަވާފަ އެވެ. އަދި ބައިވެރިންނާ ވާހަކަދައްކަވާ މިފަދަ ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީއެއް އޮތުމުގެ މުހިއްމު ކަމާއި، ދަރިމައިވުމުގެ މައްސަލަތައް ދިމާވާ މީހުންނަށް ބޭނުންވާ އެހީތެރިކަން އަދި އެއްބާރުލުން ދިނުމަށް އެދިލެއްވި އެވެ. އަދި މިކަމުގެ ސަބަބުން ނަފްސާނީ ގޮތުން ދިމާވާ ކަންކަމުގައި އެހެން މީހުންގެ ސަޕޯޓް ބޭނުންވާނެ ކަންވެސް އެކަމަނާ ފާހަގަކުރެއްވި އެވެ.

މި ސެޝަނުގައި ހީޓް ހެލްތް ސެންޓަރުގެ ސީއިީއޯ އައިޝަތު ޝިފާނާ ވަޖީހު ވަނީ މޯޓިވޭޝަނަލް ސްޕީކައެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެން ހަރަކާތްތެރިވެ އުޅުމާއި ދުޅަހެޔޮ ކާނާގެ މުހިއްމުކަމުގެ އިތުރުން އަމިއްލަ ދިރިއުޅުމުން މިސާލު ދައްކަވާ ބައިވެރިންނަށް ހިއްވަރު ދެއްވާފަ އެވެ.

ފާޓިލިޓީ ސަޕޯޓް ގްރޫޕްގެ އެނިވާސަރީ ސެޝަންގައި ޝިފާނާ ވާހަކަދައްކަނީ -- ފޮޓޯ: ޓްވިޓާ

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ އިން އެންމެ ފުރަތަަމަ މި ސެޝަންތައް ފެށީ ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ)ގެ އެހީއާ އެކު އެވެ. އެއަށްފަހު އަމިއްލަ ފަރާތްތަކުގެ ސްޕޮންސާ ލިބެމުން އަންނަ ކަމަށް އާޝާ ފާހަގަކުރި އެވެ.

"މި ސެޝަންތަކަކީ ދަރިމައިވުމާއި ގުޅޭގޮތުން ޕްރޮފެޝަނަލްސް ގެ ފަރާތުން ސައްހަ ތެދު މައުލޫމާތު ލިބި އަދި ދަރިމައިވުމާއި ގުޅޭގޮތުން ހިއްސާކުރަން އުނދަގޫ ވާހަކަތައްވެސް ހިއްސާކުރުމަށް އިތުރު ހިތްވަރު ލިބިގެންދާނެ،" އަޝާ ބުންޏެވެ.

ހަމައެޔާއެކު އާޝާ ފާހަގަކުރި ގޮތުގައި ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ އެންޖީއޯ އެއްގެ ގޮތުގައި ރަޖިސްޓަރީކޮށް އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށްވަނީ ގަސްތު ކޮށްފަ އެވެ.

"އެއް އަހަރު ތެރޭގައި ސަޕޯޓް ގުރޫޕްގެ ސެޝަންތަކެއް ކާމިޔާބު ކަމާއި އެކީ ބާއްވާފައި މިވަނީ. ފާޓިލިޓީ ސަޕޯޓް ގުރޫޕްގެ ފަރާތުން އިންފާރޓިލިޓީ ހުންނަ މީހުންނަށް ހިލޭ ކައުންސިލިންގ ހިދުމަތް ފޯރުކޮށްދިނުމަށް މިވަނީ ހުޅުވާލައިފަ. އަދި ރާއްޖޭގައި ފާޓިލިޓީ ރައިޓްސް ހޯދާދިނުމަށް ޕޮލިސީ ލެވެލްގައި ކުރަން ހުރި މަސައްކަތްތައް މި ޖަމިއްޔާއިން ކުރާނެ" އާޝާ ބުންޏެވެ.

މި ސެޝަންގެ ގިނަ ބައިވެރިން ފާހަގަކުރިގޮތުގައި ރާއްޖޭގައި ދަރިމައިވުމުގެ ސިއްހަތަށް ގިނަ ބަޔަކު ބޭސް ކުރާއިރު ރާއްޖެއިން ހާއްސަ ބޭސްތައް ލިބުމުގައި ބޮޑެތި ދަތިތަކެއް އެބަ ހުއްޓެވެ. އަދި ބޭސް ލިބެން ހުރި ނަމަވެސް ބައެއް ބޭސް އާސަންދައިން ކަވަރު ނުކުރުމަކީވެސް ދިމާވާ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ބައިވެރިން ފާހަގަ ކުރި އެވެ. އަދި ރާއްޖެއިން ބޭރުން ބޭސް ފަރުވާ ކުރުމަށް ދާންޖެހޭއިރު ވަޒީފާއިން ޗުއްޓީ ހޯދަން އުނދަގޫވުމާއި އެނބުރި އަންނަ އިރު ވަޒީފާގެ ގެރެންޓީ ނޯންނަކަންވެސް ބައިވެރިން ފާހަގަ ކުރި އެވެ.

ފާޓިލިޓީ ސަޕޯޓް ގްރޫޕްގެ އެނިވާސަރީ ސެޝަންގައި އާޝާ ވާހަކަދައްކަނީ -- ފޮޓޯ: ޓްވިޓާ

މީގެ އިތުރުން ދަރިމައިވުމަކީ ކޮންމެ މީހެއްގެ ވެސް އުންމީދުތަކާއި ގުޅިފައިވާ ކަމަކަށްވާއިރު، ހެދިބޮޑުވާއިރު ސްކޫލްތަކުގައި ޕީރިއަޑް ހެލްތު ކިޔައިދީ ކުޑައިރުއްސުރެ ވެސް މިފަދަ މައްސަލަތައް ހުންނަ ފަރާތްތައް ދެނެގަނެވި، މިކަމާއި ގުޅޭގޮތުން ކުދިންނާއި ބެލެނިވެރިން ހޭލުންތެރިކުރުމުގެ މުހިއްމުކަންވެސް ބައިވެރިން ފާހަގަކުރި އެވެ.

މި ސެޝަންގައި 21 ބައިވެރިންގެ އިތުުރުން ޒޫމް މެދުވެރިކޮށް ބައެއް ފަރާތުން ބައިވެރިވެފައިވެ އެވެ. އަދި ދަރިމައިވުމުގެ ކަންކަމާއި ގުޅޭގޮތުން މެންޓަލް ހެލްތް އެވެއާނަސް ގެ ހާއްސަ ސެޝަނެއްވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

ވޭތުވެ ދިޔަ އަހަރުތެރޭގައި ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ އިން ވަނީ ޖުމްލަ ހަ ސެޝަނެއް ބާއްވާފަ އެވެ. އަދި ކުރިއަށް އޮތްތާނގައި އެންޖީއޯއަކަށް ވުމުން އިތުރަށް ހޭލުންތެރި ޕްރޮގްރާމްތަކާއި މައުލޫމާތު ބަދަލުވުން އަދި ސެޝަންތައް ބޭއްވުމަށް ވަނީ ހަމަޖައްސާފަ އެވެ.

ފާޓިލިޓީ ސަޕޯޓު ގްރޫޕުގެ އަހަރީ ދުވަހާ ގުޅިގެން ބޭއްވި މި ސެޝަންގެ ސްޕޮންސަރުންނަކީ ކައިމޫ ގްރޫޕް އަދި ހެލްތް އެންޑް ގްލޯ ފާމަސީ އެވެ. ޑިޖިޓަލް ޕާޓްނާރަކީ އުރީދޫ އެވެ.

އާޝާ ބުނާގޮތުގައި މިފަދަ ކަމެއް ކުރުމުގެ ހިތްވަރާއި ބުންވަރު ލިބުނީ އޭނާގެ ދަތުރު ފެނި އެފަދަ އެހެން މީހުންގެ ފަރާތުން ލިބެމުންދިޔަ ހިތްވަރާއި އަދި ކުރިއަށްދާނެ ގޮތެއް ނޭނގިފައި ތިބި އެތަށް ބައެއްގެ ސުވާލުތަކަށް ޖަވާބު ހޯދައިދިނުމުގެ ގޮތުންނެވެ. އެއް އަހަރުގެ މަސައްކަތަށްފަހު މިއަދު އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މިވާހަކަތައް ދެއްކުމަށް މީހުން ފަސްނުޖެހުމެވެ. މިއީވެސް އާންމު ދިރިއުޅުމުގައި ގިނަބަޔަކަށް ދިމާވާ ކަމެއްކަން ދަނެ، އެފަދަ ފަރާތްތަކަށް ހިތްވަރުދީ އެހީވެދޭނެ ފަރާތްތައް ގިނަވުމެވެ.

comment ކޮމެންޓް