ހިތަދޫ ޕޯޓްސްގެ ކުރީގެ އެސިސްޓެންޓް އެމްޑީގެ މައްސަލަ ޕީޖީއަށް

ހިތަދޫ ޕޯޓްސްގެ ކުރީގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރު މުހައްމަދު ރަޝީދު-- ސަން ފޮޓޯ

އައްޑޫ ސިޓީ ހިތަދޫ ޕޯޓްސް ލިމިޓެޑްގެ ކުރީގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރު މުހައްމަދު ރަޝީދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނަޖާއިޒު ހޯދުމާއި ހޯދައިދިނުމުގެ ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އެ ކޮމިޝަނުން ބުނިގޮތުގައި އެ މައްސަލައަކީ އައްޑޫ ސިޓީ ހިތަދޫ ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންތަކެއް ޗުއްޓީއަކާ ނުލައި އޮފީހަށް ހާޒިރުވާން ނުޖެހޭ ގޮތަށް އަދި މުސާރަ ހިނގާ ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ކެމްޕެއިނަށް ވަޒީފާއިން ދޫކުރި ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.

މުވައްޒަފުން ވަޒީފާއިން ދޫކުރީ ކުރިން ހިތަދޫ މެދު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފައިވާ އަދި އޭރު ހިތަދޫ ޕޯޓްސްގެ އެސިސްޓެންޓް އެމްޑީގެ މަގާމުގައި ހުންނެވި މުހައްމަދު ރަޝީދު، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އޭނާގެ އެންގެވުމަކަށް ކަމަށް އޭސީސީން ތުހުމަތު ކުރެއެވެ.

އޭސީސީއިން ބުނީ 21 ޖޫން 2018އިން ފެށިގެން ހިތަދޫ ޕޯޓްސްގެ 16 މުވައްޒަފަކު އެކުންފުނީގެ ބޭނުމަކަށް ކަމަށް ބުނެ، މަސައްކަތުގެ ޒިންމާއިން ވީއްލައިދިނުމަށް އެދި 2018ގެ ޖޫން 19 ވަނަ ދުވަހު މުހައްމަދު ރަޝީދު ހިތަދޫ ޕޯޓްސްގެ އެސިސްޓަންޓް އެޗްއާރު މެނޭޖަރަށް ފޮނުއްވި މެމޯއެއްގައި އެދިފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.

ހަމަ އެ އަހަރުގެ ޖުލައި މަހާއި ސެޕްޓެމްބަރު މަހާ ދެމެދު 12 މުވައްޒަފުން ރިލީޒްގައި ތިބިއިރު، އެ މުވައްޒަފުން އޮފީހަށް ހާޒިރު ނުވާ ދުވަސްތަކަށްވެސް މުސާރައާއި އެލަވަންސް ދީފައިވާ ކަމަށް އޭސީސީއިން ބުނެއެވެ.

ދެހާސް އަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބު ދުވަސްވަރު ހިތަދޫ ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންނަށް ދީފައިވާ ރިލީޒްއަކީ ރިލީޒް ދިނުމުގައި އަމަލުކުރަމުންދާ ގޮތާ ހިލާފަށް ދީފައިވާ ރިލީޒްއެއްކަން ތަހުގީގުން އެނގެން އޮންނަ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެގޮތުން އެ ދުވަސްވަރު ރިލީޒްދީފައިވާ މުވައްޒަފުން އޮފީހަށް ހާޒިރުނުވި ނަމަވެސް، އެ ފަރާތްތަކުން އޮފީހަށް ހާޒިރުވިކަމަށް ދެއްކުމަށްޓަކައި ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެޓެންޑެންސް ސިސްޓަމަށް ބަދަލު ގެނައުމަށް އެކުންފުނީގެ އެސިސްޓެންޓް އެމްޑީ މުހައްމަދު ރަޝީދު، އެ ކުންފުނީގެ އައިޓީ މުވައްޒަފުންނަށް އަންގާފައިވާކަން ތަހުގީގުން އެނގޭ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

comment ކޮމެންޓް