"މޯލްޑިވްސް - ސްރީލަންކާ ކޭބަލް"އިން ލަންކާއާއި ހުޅުމާލެ ގުޅުވާލައިފި

މޯލްޑިވްސް – ސްރީ ލަންކާ ކޭބަލް (އެމްއެސްސީ)، ސްރީ ލަންކާގެ ކޮލޮމްބޯއިން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ލޭންޑިންގް ސްޓޭޝަންއާއި ކާމިޔާބުކަމާއެކު ގުޅާލައިފިއެވެ.

ވޭވްލެންތް ޑިވިޝަން މަލްޓިޕްލެކްސިންގް ސަބްސިސްޓަމް އަދި 863 ކިލޯމީޓަރުގެ ފައިބާ އޮޕްޓިކް ކޭބަލް އެކުލެވިފައިވާ އެމްއެސްސީއަކީ ރާއްޖެއާއި ސްރީލަންކާގެ އިންޓަނޭޝަނަލް އިންޓަނެޓް ޓްރެފިކް ފްލޯއަށާއި މުވާސަލާތީ ވިއުގަ އިތުރަށް ވަރުގަދަ ކުރުމަށް އެޅި ކޭބަލްއެކެވެ.

އުރީދޫ މޯލްޑިވްސް، ދިރާގު އަދި ޑަޔަލޮގް އެކްޒިއާޓާއާ ދެމެދު ވީ އެއްބަސްވުމުގެ ދަށުން އެމްއެސްސީގެ އަމަލީ މަސައްކަތް ފެށީ މިއަހަރުގެ ކުރީކޮޅުގައެވެ. ވާވޭ މެރިން ނެޓްވޯކްސްގެ ހައި އައުޓްޕުޓް ޓައިޓޭނިއަމް ހައުސިންގްއަކާއެކު 3700 މީޓަރު ކަނޑުއަޑީގައި އަޅާފައިވާ އެމްއެސްސީގެ ސަބަބުން ރާއްޖެއާއި ސްރީލަންކާގައި ކުރިއަރަމުން އަންނަ އީޖާދީ ޓެކްނޮލޮޖީއަށް ބޭނުންވާ ވަސީލަތްތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

މިކަމާ ގުޅޭގޮތުން ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވަނީ އުރީދޫ އަދި ދިރާގުން ރާއްޖޭފެ މުވާސަލާތީ ދާއިރާ ކުރިއަރުވަން ކޮށްދޭ މުހިންމު މަސައްކަތް ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

"އެމްއެސްއީ ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ފުރިހަމަވުމުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓަރްކްޗާ އިތުރަށް ވަރުގަދަވެ، އަންނަން އޮތް ޖީލުތަކަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެކަމީ ޔަގީންކަމެއް." މިނިސްޓަރު މަލީހު ވިދާޅުވިއެވެ.

މުޅި ދުނިޔެ ކުރިމަތިލަމުން އަންނަ ކޮވިޑް19 ޕެންޑެމިކްއާއި ގުޅިގެން ސަލާމަތާއި ރައްކާތެރިކަމާއެކު އާންމު ދިރިއުޅުމުގެ ކަންކަމާއި ވިޔަފާރިތަކުން ދޭ ހިދުމަތްތައްވެސް ދަނީ ޑިޖިޓަލް ޒަރިއްޔާތަކަށް ބަދަލުކުރަމުންނެވެ. އެހެންކަމުން އިންޓަނެޓް ބޭނުންކުރާވަރު އިތުރުވެ، އިންޓަނެޓްގެ މުހިންމުކަން ވެސް ވަނީ އިހުނަށްވުރެ އިތުރުވެފައެވެ.

ބާވީސް މިލިއަން ޑޮލަރުގެ މި އެމްއެސްސީ ޕްރޮޖެކްޓާއެކު ކަސްޓަމަރުންގެ ބޭނުންތަކާއި އެއްވަރަށް ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށާއި އެންމެ ފުރިހަމަ ގޮތުގައި އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި 5ޖީގެ ވަރުގަދަ ނެޓްވޯކްގެ ހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް އިތުރު ހިތްވަރެއް ލިބި، އިތުރު ފުރުސަތުތަކާއި އިޖާދީ ހިދުމަތްތައް އުފެއްދުމަށް ފުރުސަތުތައް ފަހިވެގެންދާނެއެވެ.

comment ކޮމެންޓް