ޔާމީންގެ އިސްތިއުނާފު ހުކުމް ގާނޫނީ މުއްދަތަށް ވުރެ ލަސްވާތީ ވަކީލުން ކަންބޮޑުވެއްޖެ

މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޖަލައްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފުގެ ހުކުމް ގާނޫނުގައި ބުނާ މުއްދަތުގައި ނުކޮށް، ލާސްވާތީ އެކަމާ ގުޅިގެން އެމަނިކުފާނުގެ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރައީސް ޔާމިންގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ، ކްރިމިނަލް ކޯޓުން ކުރި ހުކުމް އެމަނިކުފާނުގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ ހުކުމް ކުރިތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ހައި ކޯޓުގެ ޝަރީއަތްތައް މިދިޔަ ސެޕްޓެމްބަރު މަހު އެއް ވަނަ ދުވަހު ނިންމައި މިހާރު އޮތީ ހުކުމާ ހަމައަށް އައިސްފަ އެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް އާސިފް ވިދާޅުވީ، އިސްތިއުނާފު އަޑުއެހުންތައް ނިމުނުތާ މިހާރު އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރުވެސް، ހުކުމް ނުކޮށް އޮތުމަކީ ވަރަށް ބޮޑު ކަންބޮޑުވެމެއް ކަމަށެވެ. އެގޮތުން ގާނޫނުގައި ބުނާ މުއްދަތުތައް ފަަހަނަޅާ ދިޔަ ފަހުންވެސް މިހާރު އެތައް ދުވަހެއް ވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިބްތިދާއީ އަޑުއެހުން ނިންމާލަން ގާނޫނު ލާޒިމް ކުރޭ 70 ދުވަސް ތެރޭ. މައްސަލައިގެ ޝަރީއަތުގެ އަޑުހުންތައް ނިންމާލުމަށްފަހު، ހުކުމް ކުރުމުގެ މަޖިލިސް ބާއްވަން ލާޒިމް ކުރޭ އިޖުރާއަތު ގާނޫނުގެ 151 ވަނަ މާއްދާގައި ބުނާ ގޮތުން 30 ދުވަސް ތެރޭ،" އާސިފް ވިދާޅުވި އެވެ.

"ހައި ކޯޓުގެ ޝަރީއަތްތައް ނިންމާލިތާ މީހާރު ކިތައް 30 ދުވަސް ވެއްޖެތޯ ސުވާލަކީ. މިއީ ކޮން ފަރާތަކުންތޯ މިކަމަށް ނުފޫޒު ފޯރުވަނީ. މިކަންވެސް ބަލަން ޖެހޭ،"

ރައީސް ޔާމިންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލިތާ ދެ މަސް ދުވަހާ 15 ދުވަސްވީއިރު، އަދި މިހާތަނަށް ހުކުމް ކުރުމަށް ޝަރީއަތުގެ މަޖިލިސް ބާއްވާފައެއް ނުވެ އެވެ. މިހާރު ކޯޓުތައް އޮތީ ރިސެސްގައެވެ. އެހެން ނަމަވެސް ހައި ކޯޓުގެ މައްސަލަތައް ރިސެސްގައި ދަނީ ބަލަމުންނެވެ.

އާސިފް ވިދާޅުވި ގޮތުގައި، މައްސަލައިގެ ހުކުމެއް ނުކުރެވި އަނެއްކާވެސް ދިގުލައިގެން ދިޔުމަކީ ރައީސް ޔާމިނަށް އިންސާފު ލިބުމަށް ހުރަސް އެޅުން ކަމަށެވެ.

ރައީސް ޔާމީންގެ މައްސަލައިގައި ވަކި ގޮތަކަށް އަމަލު ކުރަމުންދާކަމަށް ވަކީލުން ވިދާޅުވާ ވިދާޅުވުން މިއަދުވެސް ތަކުރާރު ކުރެއްވި އެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ، އެމަނިކުފާނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު އެވެ.

comment ކޮމެންޓް