ސަފާރީ ކޭސްއާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ޖުލައި 12، 2020: ރޭޕް ކުރުމާއި ދެކޮޅަށް "ޖާގައެއް ނެތް" ނަމުގައި ހޮޓަލް ޖެންކައިރީ ކުރި މުޒާހިރާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭ ފަޅު ތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ޖޫން 26 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ދިވެހި ދެ ފިރިހެނަކު ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުންގެ ފަރާތުން މައްސަލަ ފޮނުވާފައިވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މަޝްވަރާގެ މަތިން ފުރިހަމަކުރަން އެދުނު ބައެއް ކަންކަން ފުރިހަމަކޮށްފައި ދައުވާކުރަން ވަނީ އެ ފޮނުވާފައެވެ.

ޕީޖީ އޮފީހުގެ ތަރުޖަމާނު، ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު "ސަން"އަށް ވިދާޅުވީ ސަފާރީ ކޭސްގެ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާކުރަން އެދި ފުލުހުން އެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލައިގަތުމަށް ނިންމާފައިވާކަމަށް ޝަފީއު ވިދާޅުވިއެވެ.

އެހެން ނަމަވެސް ދައުވާކުރަން އެދި ފުލުހުން ފޮނުވި މީހުންގެ މައުލޫމާތާއި އެމީހުންނަށް ކުރަން އެދެނީ ކޮން ދައުވާތަކެއްކަން ހާމައެއް ނުކުރައްވައެވެ.

ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލާގައި ކުށުގެ ވެށިން ހައްޔަރުކުރެވުނު ދިވެހި ދެ ފިރިހެނަކު ވަނީ ފުލުހުން ދޫކޮށްލުމާ އެކު ސަރުކާރައި ފުލުހުންނަށް އޭރު ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، ލޮކްޑައުންގައި އޮތް މާލޭގައި މުޒާހަރާ ވެސް ކުރި އެވެ.

އެހެންނަމަވެސް ފުލުހުން ބުނެފައި ވަނީ އެ މައްސަލާގައި އެމީހުން ދޫކޮށްލައިގެން މައްސަލައިގެ ތަހުގީގަށް އަސަރެއްނުކުރާނެ ކަމަށާއި އަދި މައްސަލަ ތަހުގީގުކުރަން އެންމެ އެދެވެ ގޮތަކީ ވެސް އެއީ ކަމަށެވެ. މީގެ ފަސް މަސް ދުވަސް ކުރިން މި މައްސަލައާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަބްދުލް މަންނާން ޔޫސުފް ވިދާޅުވެފައި ވަނީ މައްސަލައިގައި "ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް، އަދި މާ ލަސްތަކެއް ނުވެ ދައުވާ ކުރަން ފޮނުވާނެ" ކަމަށެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވޭ އެކަކީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ފިރިކަލުންނެވެ. އެހެން ކަމުން މި މައްސަލަ ބެލުމުގައި ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ވަދެފައިވާކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވާ އިރު އަނިޔާ ލިބުނު އަންހެން މީހާގެ ވާހަކަތައް ބަދަލު ކުރަން އޭނާއަށް ފައިސާ ހުށަހަޅައި އަދި ބިރުދެއްކިކަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

މި މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެ ކުރިން ދެއްކެވި ވާހަކަތަކެއްގެ ސަބަބުން ވެސް ވަނީ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. މިނިސްޓަރު އިމްރާން ވަނީ އެ މައްސަލައާ ގުޅިގެން ވާހަކަ ދެކެވެނީ އެ ކަން ހިނގައި ދިޔަ ގޮތަށް ވުރެ ބޮޑުކޮށްލައިގެން ކަމަށާއި ހަގީގަތުގައި އެރޭ ސަފާރީގައި ހިނގައިދިޔައީ ވަރަށް ކުޑަ ކަމެއްކަމަށް އަދި އެއީ އާންމު ކޮންމެ ތަނެއްގައި ވެސް ހިނގައިފާނޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

އެ ވާހަކަތަކަށް އަމާޒުވި ފާޑުކިޔުންތަކާއި އެކު ހޯމް މިނިސްޓަރު އިމްރާން ވަނީ އެ ވާހަކަތައް މީޑިޔާތަކުން ރިޕޯޓުކޮށްފައި ވަނީ ގޯސްކޮށްކަމަށާއި އަދި އެ ވާހަކަތަކުން ގޯސް މާނައެއް ނެގޭނަމަ އެކަމަށް މައާފަށް އެދިވަޑައިގެންފަ އެވެ.

comment ކޮމެންޓް