ރައީސް ޔާމީނަށް ދުސްތޫރީ ހައްގުތައް ކަށަވަރުކޮށްދިނުމަށް އިލްތިމާސްކޮށްފި

ޖުލައި 8، 2020: ކުރީގެ ރައީސް ޔާމީން، ހައި ކޯޓަށް ހާޒިރުކުރުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުމަށާއި ކޮށްފައިވާ ތުހުމަތުތަކަށް ޖަވާބުދާރީވުމަށްޓަކައި ދުސްތޫރީގޮތުން ލިބެންޖެހޭ އެންމެހާ ހައްގުތަށް ފުރިހަމައަށް ލިބޭނެގޮތް ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން އިލްތިމާސްކޮށްފިއެވެ.

މި މަހުގެ ހަ ވަނަ ދުވަހުގައި ވަނީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުގެ ދައުވާތަކާ ގުޅޭ އިބްތިދާއީ އަޑުއެހުން ކުރިއަށް ގެންގޮސްފައެވެ. އެއީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި ދެ ދައުވާއެކެވެ.

އެ އަޑުއެހުމުގައި ޔާމީންގެ ވަކީލު، މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ މިއަދުގެ ޝަރީއަތަށް ހާޒިރުވި އިރުވެސް މައްސަލައިގައި ޖަވާބުދާރީވުމަށް ބޭނުންވާ ގިނަ ލިޔެކިޔުންތަކެއް ލިބިފައި ނުވާކަމަށެވެ. އެހެންކަމުން އެކަމަށް އިތުރަށް ތައްޔާރުވުމަށް ވަނީ ފުރުސަތު ދީފައެވެ.

މިއަދު ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި 200 އަށްވުރެ ގިނަ މީހުންގެ މައްޗަށް ތަހުގީގު ހިންގައި ތުހުމަތުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީ ކާމިޔާބު ކުރުމަށްފަހު އެއިން އެއްވެސް ފަރާތަކަށް އެދެވޭ ގޮތަށް ތަހުގީގު ހިންގާފައި ނުވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އޭގެއިތުރުން ހަމައެކަނި ރައީސް ޔާމީންގެ މައްޗަށް ތަކުރާރުކޮށް ދައުވާތައް އުފުލަމުން ދިޔުމަކީ އިއްތިފާގެއް ކަމުގައި ނުދެކޭ ކަމަށް އެ ޓީމުން ބުނެއެވެ. ރައީސް ޔާމީންގެ މައްޗަށް މިހާރު ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާ ތަކަކީ އެއްވެސް ބުރަދަނެއް ހުރި ދައުވާތަކެއް ނޫން ކަމަށްވެސް އެ ޓީމުން ވަނީ ބުނެފައެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވަނީ އެމަނިކުފާނާ ދެކޮޅަށް ކުރާ ދައުވާއަކީ ދުރާލާ ރާވައި އިންތިޒާމުކޮށްގެން ހިންގޭ ސިޔާސީ ބަދަލު ހިފުމެއް ކަމަށާއި ސަލާމަތީ ހިދުމަތްތަކުން މަސައްކަތް ކުރަން ވާނީ ފަރުދުންނާއި ޖަމިއްޔާގެ މެދުގައި ތަފާތުކުރުމެއް ނެތި ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައި ތަނބު ކަމަށްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި އަބްދުﷲ ޒިޔަތާ އެކު ދައުލަތުން ސިއްރު އަދި ގާނޫނުން ނުވެސް ދަންނަ އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށް ވަކީލުން ބުނެއެވެ. އަދި 800 އަހަރާ އެއްވަރަށް ދެ ބޭފުޅުންނަށް ހުކުމް ކުރެވޭ ވަރަށް ހެކި ހުރި އިރު އަދީބް ގޭ ބަންދަށް ބަންދަށް ބަދަލު ކުރި ކަމަށް ބުނެފައިވެއެވެ. އެއީ ރައީސް ޔާމީން އާ ދެކޮޅަށް ހެކި ބަސް ދިނުމުގެ ހަދިޔާއެއްގެ ގޮތުން ދީފައިވާ ޣައިރު ގާނޫނީ ލުއިތަކެއް ކަމުގައި ވަކީލުން ސިފަކޮށްފައިވެއެވެ.

ރައީސް ޔާމީނަށް ލިބިދޭ ދުސްތޫރީ ހައްގު ކަމަށްވާ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމުގެ ހައްގު ނިގުޅައިގަތުމަށް ތަކުރާރުކޮށް ހޯމް މިނިސްޓްރީއިން މަސައްކަތްކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

comment ކޮމެންޓް