ލިވަޕޫލުގެ ކުރީގެ މެނޭޖަރު ޖެރާޑް ހޫލިއާ މަރުވެއްޖެ

ލިވަޕޫލުގެ ކުރީގެ ކޯޗު ޖެޜާޑް ހޫލިއާ --- ފޮޓޯ// ލިވަޕޫލް

ލިވަޕޫލާއި، ޕީއެސްޖީ އަދި ފްރާންސަށް ވެސް ކޯޗުކަން ކޮށްދިން ލެޖެންޑަރީ ކޯޗު ޖެރާޑް ހޫލިއާ އުމުރުން 73 އަހަރުގައި މަރުވެއްޖެ އެވެ.

ހޫލިއާގެ މަރުގެ ޙަބަރާ އެކު ފުޓުބޯޅަ އާއިލާއަށް އިތުރު ހިތްދަތިކަމެއް ލިބިގެން ދިޔަ އިރު، އޭނާ ވަނީ މިފަހަކުން ހިތުގެ ބޮޑު އޮޕަރޭޝަނެއް ކޮށްފަ އެވެ. ފްރާންސްގެ އެންމެ ނުފޫޒުގަދަ ކޯޗުންގެ ތެރޭގައި ހިމެނޭ ހޫލިއާ އެންމެ ފުރަތަމަ ކޯޗުކަމާ ހަވާލުވި ޕީއެސްޖީއަށް 1986-86 ވަނަ ސީޒަނުގެ ލީގު ތަށި ހޯދައިދިން އިރު، 1988 ވަނަ އަހަރު އޭނާ ވަނީ ފްރާންސްގެ ގައުމީ ޓީމުގެ އެސިސްޓްންޓް ކޯޗުކަމާ ހަވާލުވެފަ އެވެ.

މައިކަލް ޕްލެޓިނީގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްތަކެއް ކުރުމަށްފަހު އޭނާ ރަސްމީކޮށް ފްރާންސްގެ ކޯޗުކަމާ ހަވާލުވީ 1992 ގަ އެވެ. އެހެން ނަމަވެސް 1994 ވަނަ އަހަރު އެމެރިކާގައި އޮތް ވޯލްޑް ކަޕުން ފްރާންސަށް ފުރުސަތު ގެއްލުމުން ހޫލިއާ ވަނީ އިސްތިއުފާ ދީފަ އެވެ.

އެއަށްފަހު ފްރާންސްގެ ޒުވާން ޓީމުތަކަށް ކޯޗުކަން ކޮށްދިނުމަށްފަހު އޭނަ އެންމެ ވިދާލި ލިވަޕޫލުގެ ކޯޗުަކަމާ ހަވާލުވީ 1998 ގަ އެވެ. ލިވަޕޫލަށް ފަސް މުހިއްމު ތަށި ހޯދައިދިން ހޫލިއާ ވަނީ އެކުލަބުގެ ތާރީހުން ޖާގަ ހޯދައި، ޓީމުގެ ލެޖެންޑަރީ ކޯޗެއްގެ ލަގަބު ހޯދައިފަ އެވެ.

އެހެން ނަމަވެސް ހިތުގެ މައްސަލައެއް ޖެހި ހާލު ދަށްވާން ފެށުމުން އޭނާ އޭރު ލިވަޕޫލް ދޫކޮށްލި ނަމަވެސް ފަހުން ވަނީ ފްރާންސަށް އެނބުރި ގޮސް ލިޔޮންއަށް ޖެހި ޖެހިގެން ދެ ލީގު ތަށި ހޯދައިދީފަ އެވެ.

comment ކޮމެންޓް