މާލެ ސަރަހައްދުގެ ހަ ތަނަކުން ޕީސީއާރު ޓެސްޓު

މާލޭގެ އެކި ސަރަހައްދުތަކުގައި އާރް އާރް ޓީމްތަކުން މަގުމަތިންދާ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 އާ ގުޅިގެން މާލޭ ސަރަހައްދުގެ ހަ ލެބޯރަޓަރީއަކީ ޕީސީއާރު ޓެސްޓު ހެދޭނެ ކަމަށް ހެލްތު ޕްެރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ކޮވިޑް-19 މާލެ ސަރަހައްދުގައި ކޮންޓްރޯލުވާން ފަށާފައިވާއިރު އިތުރު ލުއިތައް ވަނީ ދޭން ފަށާފައެވެ. އެކަމާ ގުޅިގެން ޓެސްޓިން ކެޕޭސިޓީ ވަރުގަދަކުރުމަށްޓަކައިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

އެޗްޕީއޭއިން މިއަދު އާންމުކޮށްފައިވާގޮތުގައި ދަތުރު ކުރުމުގެ ކުރީން ޕީސީއާރު ޓެސްޓު ހެދޭނެ ހަ ތަނަކީ އައިޖީއެމްއެޗް، އޭޑީކޭ ހޮސްޕިޓަލް، ޓްރީޓޮޕް ހޮސްޕިޓަލް، މެޑްލެބް ޑައިގްނޮސްޓިކްސް، އާރުއެމްއެލް ސާވިސް އަދި ހުޅުމާލެ ހޮސްޕިޓަލް އެވެ.

މާލޭގައި ވައިރަސް ކޮންޓްރޯލުވާން ފަށައި އިތުރަށް ލުއި ދިނުމުގެ ގޮތުން ވަނީ މާލެ ސަރަހައްދުގައި ގެސްޓްހައުސް ވިޔަފާރި އަލުން ފެށުމަށް ސަރުކާރުން ނިންމާފައެވެ.

ކޮވިޑާ ގުޅިގެން މާލޭގެ ގެސްޓު ހައުސްތައް ބަންދުކުރީ މިދިޔަ މާޗްމަހުގެ 13 ވަނަ ދުވަހުއެވެ. އެއަށްފަހު މިއަދު އަލުން ގެސްޓް ހައުސް ވިޔަފާރި ފަށާފައިވާއިރު އެކަމާ ގުޅޭ އުސޫލެއް ވަނީ ރޭގައި އާންމުކޮށްފައެވެ.

އުސޫލުގައި ބުނެފައިވާގޮތުގައި ގެސްޓް ހައުސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ކޮންމެ މަހަކު ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެއެވެ.

މާލޭގެ އެކި ސަރަހައްދުން ކޮންމެ ދުވަހަކު ދަނީ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްވެސް ކުރިއަށެވެ.

comment ކޮމެންޓް