މ. މުލީގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފި އެވެ.
އެ ސެންޓަރު ހުޅުވައިދެއްވީ މުލަކު އަތޮޅު ކައުންސިލުގެ ރައީސް، އައްޝައިހު ޔޫސުފް ސިދުގީ އެވެ.
މީރާއިން ބުނީ މުލީގައި ކަލެކްޝަން ސެންޓަރެއް ހުޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނާއި ޓެކްސް ދައްކާ ފަރާތްތަކަށް މީރާގެ ހިދުމަތްތައް ވީހާވެސް ގާތުން ދިނުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
އަތޮޅުތަކުގައި ހުންނަ މީރާގެ އޮފީސްތަކުން މާލޭގައި ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ހިދުމަތްތަކެއް ވެސް ލިބޭނެ އެވެ. އޭގެ ތެރޭގައި ރަޖިސްޓަރީކުރުމާއި ޓެކްސް ބަޔާންތައް ބަލައިގަތުމާއި ޓެކްސް އަދި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާ ގުޅުންހުރި މައުލޫމާތު ފޯރުކޮށްދިނުން ހިމެނެ އެވެ.
މިހާތަނަށް 17 އަތޮޅެއްގައި 18 އޮފީސް ހުޅުވައި، އެ އޮފީސްތައް މެދުވެރިކޮށް އަތޮޅުތަކުގައި ދިރިއުޅޭ ޓެކްސް ދައްކާ ފަރާތްތަކަށް މީރާއިން އަންނަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ.