އެސްވާޓީނީގެ ބޮޑުވަޒީރަށް ކޮވިޑު ޖެހި، އަވަހާރަވެއްޖެ

އެސްވާޓީނީގެ ބޮޑުވަޒީރު އަަމްބްރޮސް ޑްލަމިނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން ހާމަ ކުރިތާ ހަތަރު ހަފްތާ ފަހުން އޭނާ ވަނީ އަވަހާރަވެފަ -- ފޮޓޯ: ގެޓީ

ލޮބަމްބާ (ޑިސެމްބަރު 14): އެސްވާޓީނީގެ ބޮޑުވަޒީރު އަަމްބްރޮސް ޑްލަމިނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން ހާމަ ކުރިތާ ހަތަރު ހަފްތާ ފަހުން އޭނާ އަވަހާރަވެއްޖެ ކަމަށް އެގައުމުގެ ސަރުކާރުން އިއުލާންކޮށްފި އެވެ.

އެސްވާޓީނީގެ ސަރުކާރުން ނެރުނު ބަޔާނެއްގައިވާ ގޮތުން 52 އަހަރުގެ ޑްލަމިނީ އަވަހާރަވީ އިއްޔެ ދެކުނު އެފްރިކާގެ ހޮސްޕިޓަލެއްގަ އެވެ. ނަމަވެސް އޭނާ މަރުވި ސަބަބެއް އެބަޔާނުގައި ބުނެފައި ނުވެ އެވެ.

ޑްލަމިނީއަށް ކޮވިޑު ޖެހިފައިވާކަން އިއުލާން ކުރީ މިދިޔަ މަހުގެ 16އިގަ އެވެ. އޭރު އޭނާ ވަނީ ބަލީގެ އަލާމާތްތައް ނުފެންނަ ކަމަށާއި ހާލުކޮޅު ރަނގަޅު ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ޑްލަމިނީއަށް ފަރުވާ ދިނުމަށް އޭނާ ދެކުނު އެފްރިކާގެ ހޮސްޕިޓަލަކަށް ގެންގޮސްފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުންޏެވެ.

އެސްވާޓީނީގެ ސަރުކާރުން ވަނީ ބޮޑުވަޒީރު އަވަހާރަވުމުން ދެން އަމަލު ކުރާނެ ގޮތް އަންގަމުން ދާނެ ކަމަށް ބުނެފަ އެވެ.

އެސްވާޓީނީ އަކީ ރަސްގެފާނަށް ގާނޫނަށް ވުރެ މަތިން ބާރުތައް ލިބޭ ގޮތަށް އޮންނަ އެބްޒޮލިއުޓް މޮނާކީއެކެވެ. އަދި އެގައުމުގެ މިނިސްޓަރުން އައްޔަން ކުރައްވާ، ޕާލިމެންޓު ކޮންޓްރޯލް ކުރައްވަނީ އެގައުމުގެ ރަސްގެފާނެވެ.

އިނގިރޭސިންގެ ހިމާޔަތުގައި ގިނަ އަހަރުތަކެއް ވަންދެން އޮތުމަށް ފަހު އެސްވާޓީނީއަށް ފުރިހަމަ މިނިވަންކަން ލިބުނީ 1968ވަނަ އަހަރެވެ. އަދި އެގައުމުގެ މިހާރުގެ ރަސްގެފާނު މްސްވާޓީ ތަހުތަށް އިސްވެވަޑައިގެންނެވީ 1986ގަ އެވެ.

މީގެ ކުރިން ސްވާޒިލެންޑުގެ ގޮތުގައި އޮތް އެގައުމުގެ ނަން އެސްވާޓީނީއަށް ބަދަލު ކުރީ 2018 ވަނަ އަހަރު އެވެ. އެއީ ސުވާޒިލޭންޑަކީ ސުވާޒީ ބަހާއި އިނގިރޭސި ބަސް އެއްކޮށްގެން ހަދާފައިވާ ނަމެއް ކަމުން، އެނަން ބޭނުންކުރުމަށް ގައުމުގެ ބައެއް ރައްޔިތުން ނުރުހޭތީ އެވެ. އެސްވާޓީނީގެ މާނައަކީ "ސުވަޒީ ރައްޔިތުންގެ ބިމެވެ."

ގުޅޭ ޓެގު
comment ކޮމެންޓް