100 ވަނަ މެޗުގައި ރޮނާލްޑޯ ދެ ގޯލު ޖަހައި ޔުވެންޓަސް މޮޅު ކޮށްދީފި

ކުރިސްޓިއާނޯ ރޮނާލްދޯ ގޯލު ޖެހުމަށްފަހު އުފާ ފާޅު ކުރާ މަންޒަރު --- ފޮޓޯ/ ޑޮމް ފެރަލް

އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމަށް 100 ވަނަ މެޗު ހަމަކޮށްދިން އިރު ގެނާއޯ އަތުން މޮޅު ހޯދުމުގައި އޭނާ އިސް ރޯލެއް އަދާ ކޮށްފި އެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު އެ މެޗުން ޔުވެންޓަސް ކުރި ހޯދީ 1-3 ގެ ނަތީޖާއަކުންނެވެ. އެ މެޗުން ހޯދި މޮޅާ އެކު 23 ޕޮއިންޓް ހޯދައިގެން ތާވަލުގެ ހަތަރުވަނައަށް ޔުވެންޓަސް ވަނީ ޖެހިލައިފަ އެވެ. ރޭ ޕަރްމާއާ ދެކޮޅަށް ކުޅުނު މެޗު 2-2 އިން އެއްވަރުކޮށް އޭސީ މިލާނުން އެއްވަނައިގައި އޮތީ 27 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް އިންޓަ މިލާނަށް 24 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ނަޕޯލީއަށް ލިބިފައިވަނީ 23 ޕޮއިންޓް އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސްއިން ގިނަ މެޗުތަކަކުން އެއްވަރުވެ، ސީޒަނުގެ ފުރަތަމަ ކޮޅު ގިނަ ޕޮއިންޓްތަކެއް ގެއްލުވާލި ނަމަވެސް ފަހަކަށް އައިސް އެ ޓީމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެގޮތުން ރޭގެ މެޗުގެ 57 ވަނަ މިނަޓުގައި ޔުވެންޓަސްއިން ވަނީ ލީޑު ނަގައިފަ އެވެ. ޕައޮލޯ ޑިބާލާގެ ގޯލުން ޔުވެންޓަސް ނެގި ލީޑް މާގިނައިރުތަކެއް ނުވަނީސް ގެއްލުނީ 61 ވަނަ މިނަޓުގައި ސެޓެފަނޯ ސްޓުރާރޯ ގެނާއޯއަށް ޖަހައިދިން ގޯލުންނެވެ.

ގެނާއޯގެ ގޯލަށްފަހު ޔުވެންޓަސްއިން ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް ވަނީ އުފައްދައިފަ އެވެ. ނަތީޖާއަކަށްވީ މެޗު ނިމެން 12 މިނަޓަށް ވެފައި ވަނިކޮށް ދެ ޕެނަލްޓީ ޔުވެންޓަސްއަށް ލިބުމެވެ. އެ ދެ ޕެނަލްޓީ ވެސް ކާމިޔާބު ކޮށްފައި ވަނީ މިދިޔަ ހަފުތާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއަށް ކޮޅަށް ދެ ޕެނަލްޓީ ގޯލު ޖަހައިދިން ރޮނާލްޑޯ އެވެ. އޭނާގެ 100 ވަނަ މެޗު ރޭ ޔުވެންޓަސްއަށް ހަމަކޮށްދިން އިރު، އޭނާ ވަނީ މިހާތަނަށް 77 ގޯލު އެ ޓީމަށް ޖަހައިދީފަ އެވެ.

"މެޗު ވަރަށް އުނދަގޫ. ނަމަވެސް މެޗުން ޕާސަނަލް ރެކޯޑެއް ހެދުނު މެޗެއްގައި މިއީ މުހިއްމު މޮޅެއް،" މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ރޮނާލްޑޯ ބުންޏެވެ.

"ބާސެލޯނާގައި ހޯދި މުހިއްމު މޮޅާ އެކު ކުޅުންތެރިންގެ ކޮންފިޑެންސް ރަނގަޅު ވެއްޖެ. ގެނާއޯއިން ޑިފެންސް ކުރީ މޮޅަށް. އެ ދަނޑުގައި ކާމިޔާބީއަށް ވާސިލް ވެވުނީ އުނދަގުލާ އެކު،"

ރޮނާލްޑޯ ބުނީ، ޔުވެންޓަސްއަށް 100 މެޗު ހަމަކުރުމަކީ ލިބުނު ޝަރަފެއް ކަމަށާއި، މިހާރު އަމާޒު ހިފައިގެން ހުރީ އެކުލަބަށް 100 ވަނަ ގޯލު ހަމަކޮށްދިނުމަށް ކަމަށެވެ.

comment ކޮމެންޓް