އިސްތިއުފާ ދެއްވާފައިވާ ހުރިހާ ވަޒީރުންނަށް އަލުން ފަތްކޮޅު ދެއްވުމަށް ރައީސްގެ ވިސްނުންފުޅު އެބަހުރި: ޕްރެސް ސެކްރެޓަރީ

11:55


އިސްތިއުފާ ދެއްވައިފައިވާ ހުރިހާ ވަޒީރުންނަށް އަލުން ފަތްކޮޅު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ވިސްނުންފުޅު އެބަހުރި ކަމަށް ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ދެންމެ ވިދާޅުވެއްޖެ އެވެ.


ސަން އެފްއެމް ބްރޭކިން ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޒުހޭރު ވިދާޅުވީ ވަޒީރުންގެ މަޖުލިސް އަލުން އެކުލަވައިލެއްވުމާ ބެހޭ ގޮތުން ކުރީގެ ބައެއް ވަޒީރުންނާ ރައީސް މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިކަމާ ބެހޭ ގޮތުން މިއަދު މެންދުރު 12.30ގައި ރައީސް މީޑިއާއާ ބައްދަލުކުރައްވާނެ ކަމަށް ވެސް ޒުހޭރު ވިދާޅުވި އެވެ.


ޒުހޭރު އަދި ވިދާޅުވީ އާ ކެބިނެޓް ހުވާކުރުމަށްފަހު، ރުހުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލިހަށް ފޮނުއްވާނެ ކަމަށެވެ. އަދި އާ ކެބިނެޓް ހުވާ ކުރައްވާއިރު، ކުރިއްސުރެ ހުސްވެފައިވާ އިކޮނޮމިކް ޑިވްލޮޕްމަންޓު މިނިސްޓަރު ކަމަށް ވެސް ބޭފުޅަކު އައްޔަން ކުރެއްވުން އެކަށީގެންވާ ކަމަށް ވެސް ޒުހޭރު ވިދާޅުވި އެވެ.


ޒުހޭރު ވިދާޅުވީ ކެބިނެޓްގެ މެމްބަރުން، މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެއްފަހަރާ އިސްތިއުފާ ދެއްވި ސަބަބާ ގުޅޭ މައްސަލަތައް ކަމާ ބެހޭ ފަރާތްތަކުން މިހާރު ބަލަމުންގެންދާ ކަމަށެވެ. އަދި ވަޒީރުންގެ މަސައްކަތްތަކައިގެން އެ ބޭފުޅުންނަށް އަލުން ކުރިއަށް ވަޑައިގެންނެވިދާނެ ކަމަށް ގަބޫލްފުޅު ކުރައްވާ ކަމަށް ވެސް ޒުހޭރު ވިދާޅުވި އެވެ. އަދި އާ ކެބިނެޓަށް މަޖިލިސް ތެރެއިން ރުހުން ހޯދުމާ މެދު މަޖިލިސްގައި ހިމެނޭ އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ވެސް ޒުހޭރު ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު