ޖަރުމަނު އަނެއްކާވެސް ފުރަބަންދު ކުރަނީ

ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް ވިދާޅުވި ގޮތުގައި ސިއްހީ ނިޒާމު ބޮއްސުންލުން ހުއްޓުވުމަށްޓަކައި ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ -- ފޮޓޯ: ގެޓީ

ބާލިން (ޑިސެމްބަރު 14): ޖަރުމަނުގައި ކޮވިޑު ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން އެގައުމުން އަނެއްކާވެސް ފުރަބަންދު ކުރަން ނިންމައިފި އެވެ.

ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް އެގައުމުގެ ސްޓޭޓުތަކުގެ ލީޑަރުންނާ ބައްދަލު ކުރެއްވުމަށް ފަހު ވިދާޅުވި ގޮތުގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އެގުއުމުން މިދިޔަ މަހު އެޅި ފިޔަވަޅުތަކުން މިހާރު ނުފުދެ އެވެ. އަދި ސިއްހީ ނިޒާމު ބޮއްސުންލުމުގެ ކުރިން ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހެ އެވެ.

"އަޅުގަނޑުމެން ނޮވެމްބަރު ދޭއްގައި އެޅި ފިޔަވަޅުތަކުން މިހާރު ނުފުދޭ. ސިއްހީ ނިޒާމަށް ވަނީ ބާރު ބޮޑުވެފަ އަދި އަޅުގަނޑުމެންގެ އަމާޒަކަށް އަބަދުވެސްވީ ސިއްހީ ނިޒާމު ބޮއްސުންލުން ހުއްޓުވުން،" މާކެލް ވިދާޅުވި އެވެ.

ޖަރުމަނުގައި ވައިރަހުގެ ކޭސްތައް އިތުރުވުމުން މިދިޔަ މަހު ރެސްޓޯރެންޓުތަކާއި މުނިފޫހިފިލުވާ ސެންޓަރުތައް ބަންދު ކުރި އެވެ. އަދި ބުދަ ދުވަހުން ފެށިގެން އަންނަ މަހުގެ 10އަކާ ހަމަޔަށް އިތުރު ފިޔަވަޅުތައް އަޅާނެ އެވެ. އޭގެ ތެރޭގައި ސްކޫލުތަކާއި ޒަރޫރީ ނޫން ވިޔަފާރިތައް ބަންދު ކުރުން ހިމެނެ އެވެ. ނަމަވެސް މި މަހުގެ 24 އާއި 26އާ ދޭތެރޭ އާއިލާތަކަށް އެއްކޮށް ކްރިސްމަސް ފާހަގަ ކުރުމަށް ފިޔަވަޅުތައް ލުއި ކުރާނެ އެވެ.

ޖަރުމަނުން އިއްޔެ ރިޕޯޓު ކުރި ގޮތުގައި އެގައުމުން 24 ގަޑި އިރު ތެރޭ 20،200 މީހަކު ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 321 މީހަކު ވަނީ މަރުވެފަ އެވެ. އަދި އެގައުމުގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު 1.3 މިލިއަނަށް ވުރެ އިތުރުވެ، ބަލީގައި 21،787 މީހަކު ވަނީ މަރުވެފަ އެވެ.

ޔޫރަޕްގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު މީގެ ކުރިން ޖަރުމަނުން ވަނީ މާ ކާމިޔާބުކޮށް ކޮވިޑް ފެތުރުން މަޑުޖައްސާލާފަ އެވެ. އަދި އެގައުމުން މާޗް މަހު ފުރަބަންދު ކުރުމަށް ފަހު ޖެހިގެން އައި މަހު ބަލި ކޮންޓްރޯލް ކޮށްފައިވާކަން އިއުލާން ކުރި އެވެ.

ޖަރުމަނުގައި ކޮރޯނާވައިރަހުގެ ސަބަބުން މަރުވި މީހުންގެ އަދަދު އޭރު އެހެން ގައުމުތަކާ އަޅާ ބަލާއިރު މަދުވުމުގެ ސަބަބުތަކުގެ ތެރޭގައި އެގައުމުން ދުރާލާ، ފުޅާ ދާއިރާއެއްގައި ޓެސްޓު ކުރުމާއި ވަރުގަދަ ސިއްހީ ނިޒާމެއް ގާއިމުވެފައި އޮތުން ހިމެނެ އެވެ.

comment ކޮމެންޓް