ނޫސްވެރިޔާ މަރާލުމަށް ފާޑު ކިޔުމުން އީރާނުން ޖަރުމަނާއި ފްރާންސުގެ މަންދޫބުން ހާޒިރުކޮށްފި

ތެހެރާން (ޑިސެމްބަރު 13): އީރާނުން އެގައުމުގެ ނޫސްވެރިޔެއް ކަމަށްވާ ރޫހުﷲ ޒަމްއަށް މަރުގެ އަދަބު ދިނުމުން ފްރާންސާއި ޔޫރަޕިއަން ޔޫނިއަން އިން އެކަމަށް ފާޑު ކިޔުމާ ގުޅިގެން އީރާނުން ނުރުހުން ފާޅުކޮށްފި އެވެ.

އީރާނުން މިދިޔަ ހޮނިހިރު ދުވަހު ޒަމްއަށް މަރުގެ އަދަބު ދިނީ 2017 ވަނަ އަހަރު އެގައުމުގައި ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާތަކުގައި ހަމަނުޖެހުމަށް ހިތްވަރު ދިން ކަމަށް ބުނެ އެވެ. އަދި އެ މައްސަލައިގައި މިދިޔަ ޖޫން މަހު ބޭއްވި ޝަރީއަތުގައި އޭނާގެ މައްޗަށް ޖާސޫސު ކުރުން ނުވަތަ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމާ ގުޅުން ހުރި ދައުވާއެއް ސާބިތުވުމުންނެވެ. އަދި އޭރު އޭނާ މަރަން ކުރި ހުކުމް ސުޕްރީމް ކޯޓުން މިދިޔަ އަންގާރަ ދުވަހު ދެމެހެއްޓި ފަހުންނެވެ.

ޒަމްގެ މައްޗަށް ކުރި ހުކުމް ތަންފީޒު ކުރުމުން އީޔޫއިން ނެރުނު ބަޔާނެއްގައި އެކަން "ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެއްވެސް ހާލަތެއްގައި މަރުގެ އަދަބު ދިނުމާ އެ އިއްތިހާދުން ދެކޮޅު" ކަމަށް ބުންޏެވެ. އަދި ފްރާންސުގެ ފޮރިން މިނިސްޓްރީން ވަނީ "އެއީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށާއި އެއީ ހިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް" އެޅުމުގެ ގޮތުގައި ސިފަކޮށްފަ އެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި އެ ބަޔާންތަކާ ގުޅިގެން އެގައުމުގެ ފޮރިން މިނިސްޓްރީން ފްރާންސުގެ މަންދޫބާއި އީޔޫގެ ރައީސްކަން މިހާރު ކުރާ ޖަރުމަނުގެ މަންދޫބު ހާޒިރުކޮށް، ނުރުހުން ފާޅު ކުރި އެވެ. އަދި އެއީ އެގައުމުތަކުން އީރާނުގެ ދާހިލީ ކަންތައްތަކަށް ނުފޫޒު ފޯރުވަން އުޅުން ކަމަށް ބުނެފަ އެވެ.

އީރާނުގައި ޑިސެމްބަރު 2017 ވަނަ އަހަރު ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ފެށީ އެގައުމުގައި ތަކެތީގެ އަގު އުފުލި، އިގުތިސާދު ހީނަރުވުމުންނެވެ. އޭރު ޒަމް ދިރިއުޅެމުން ދިޔައީ ފްރާންސުން ސިޔާސީ ހިމާޔަތް ހޯދައިގެން އެގައުމުގަ އެވެ. ނަމަވެސް އޭނާ ހިންގަމުން ދިޔަ 'އަމަދު ނިއުސް' ޓެލެގްރާމް ޗެނަލް މެދުވެރިކޮށް އޭނާ މުޒާހަރާތައް އިންތިޒާމު ކުރުމުގައި ބައިވެރިވި އެވެ. އަދި އީރާނުގެ ސަރުކާރުގެ އޮފިޝަލުންނާ ގުޅުން ހުރި މައުލޫމާތު ބޭޒާރުކޮށް ހެދި އެވެ.

އޭގެ ފަހުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޒަމް އަނބުރާ އީރާނަށް ގެންގޮސް، އޭނާ ހައްޔަރުކޮށްފައިވާ ކަމަށް އެގައުމުގެ ރިވޮލިއުޝަނަރީ ގާޑުން އިއުލާން ކުރި އެވެ. އަދި ގައުމުގެ އިގުތިސާދީ ނިޒާމަށް ގެއްލުންވާ ގޮތަށް އަމަލު ކުރުމާއިި އެމެރިކާގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމާއި ފްރާންސުގެ ޖާސޫސީ އިދާރަތަކަށް މަސައްކަތްކޮށްދިނުމުގެ ތުހުމަތު ޒަމްގެ މައްޗަށް ކުރި އެވެ.

އީރާނުގައި ޑިސެމްބަރު 2017އިން ފެށިގެން ޖެހިގެން އައި މަހަށްވެސް ދެމިގެން ދިޔަ ސިލްސިލާ މުޒާހަރާތަކުގައި އެ ގައުމުގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނައީ އާއި ރައީސް ހަސަން ރޫހާނީއާ ދެކޮޅަށް މީހުން އަޑު އުފުލި އެވެ. އަދި އެ މުޒާހަރާތައް ވެގެން ދިޔައީ 2009ގެ ފަހުން އެގައުމުގެ ސަރުކާރާ ދެކޮޅަށް ބޭއްވި އެންމެ ބޮޑު މުޒާހަރާތަކަށެވެ.

comment ކޮމެންޓް