ރާޅާ އެޅުމުގެ ކުޅިވަރު އޮޔާދަނީ، އެގޮތް ވަރިހަމަތަ؟

ރާއްޖޭގެ ސަރފް ޕޮއިންޓް ތަކަކީ މުޅި ދުނިޔެއަށްވެސް މައްޝޫރު ޕޮއިންޓްތަކެއް ... ފޮޓޯ/ސަރފްއެޓޮލް

ފަލަ ސުރުހީތަކުން ޖާގަ ލިބެނީ ކޮންމެވެސް ބޯޅައެއްގެ ވާހަކައިންނެވެ. ދެހާސް އަށް ވަނަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖެއަށް ސާފް ޗެންޕިއަންޝިޕްގެ ތަށި ލިބުމާ އެކު އެ ދުވަސް ގައުމީ ބަންދު ދުވަހެއްގެ ގޮތުގައި ވަގުތުން ކަނޑައެޅި އެވެ. ގައުމީ ފެންވަރުގައި އުފާފާޅުކޮށް މާލޭގެ މަގުތައް ފުރާލި އެވެ.

އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ސަބަބަކީ ފުޓްބޯޅައަކީ ރާއްޖޭގެ ގައުމީ ކުޅިވަރަށް ވުމުގެ އިތުރުން، އެއީ މުޅި ދުނިޔޭގައިވެސް އެންމެ މަޝްހޫރު، އެންމެ ގިނަ ސަޕޯޓަރުންތަކެއް ސަޕޯޓުކުރާ ކުޅިވަރެވެ. އެހެން ވީމާ ފުޓްބޯޅައިގެ ވާހަކަ އެންމެ ކުރީގައި އޮންނާނެ އެވެ.

ނަމަވެސް، މައްސަލައަކީ ޖަޒީރާ މި ރާއްޖޭގައި މޫދާ ގުޅުންހުރި ކުޅިވަރުތަކުގެ ވާހަކަ ނުދެކެވޭތާ، ބައެއް ފަހަރު އެވާހަކަ ދައްކަން ބޭނުންވެސް ނުވުމެވެ. އެކަމަށް އެއްގޮތަކަށް ވެސް އަހަންމިއްޔަތުކަމެއް ދީފައި ނުދިނުމެވެ.

ރާއްޖެއަކީ ބައެއް ފަރާތްތަކުގެ ދުލުން ބުނާނަމަ، ރާޅާ އަޅާ މީހުންގެ ސުވަރުގެއެކެވެ. ރާއްޖޭގެ ރަށްތައް އުފެދިފައި އޮންނަ ގޮތުން، ރަށްރަށުގެ ފަރުތައް މައްޗަށް ބިންދާ ރާޅުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މައްޝޫރެވެ. ދުނިޔޭގެ އެކި ހިސާބުތަކުން ރާއްޖޭގައި ރާޅާއަޅަން މީހުން އާދެ އެވެ. އެކަމަކީ ރާއްޖޭގެ ފަތުރުވެރިކަމާއި އިގްތިސާދުގެ އިންޖީނަށް އޮންނަނީ ވެފަ އެވެ.

ނަމަވެސް ދިވެހިންގެ ތެރޭގައި މި ކުޅިވަރަށް ދޭ އިސްކަން ކުޑައީ ކީއްވެ ހެއްޔެވެ؟

ކުޅިވަރުގެ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި ފުޓްބޯޅަ އާއި ވޮލީ އަދި ބާސްކެޓްބޯޅަ ފަދަ ކުޅިވަރުތަކަށް ރާއްޖޭގައި މަގުބޫލުކަން ލިބެމުން އައިއިރު، ރާޅާ އެޅުން އެހާ ފަހަތުގައި އޮންނަން ޖެހުނީ ދިވެހިންގެ ތެރޭގައި އެކަން "ރަސްމީ ކުޅިވަރެއް"ގެ ގޮތުގައި މިފަހަކާ ޖެހެންދެން ބެލެވިފައި ނުވާތީ އެވެ. ރާޅާއެޅުން ވެފައި އޮތީ މަދު ބައެއްގެ ތެރޭގައި، ހަމައެކަނި ފޫހި ފިލުވާލަން ކުރާ ކަމެއްގެ ގޮތުގަ އެވެ.

ދެން އޮތީ އެންމެ ބޮޑު ސަބަބެވެ. ރާޅާ އެޅުމާ މެދު ދިވެހިންގެ ތެރޭގައި އޮންނަ ވިސްނުމެވެ. އެ ހުނަރުވެރިންނާ މެދު ދިވެހީންގެ ބޮޑު މުޖުތަމައު ދެކޭ ގޮތެވެ.

ރާޅާ އަޅާ މީހެކޭ ބުނުމުން ގިނަ މީހުންނަށް ސިފަކުރެވެނީ އިރު އަރާ އިރު އޮއްސެންދެން ކަމެއް ނެތި، ތެމިގެން މޫދު ކައިރީ އަޗާތަޅަން ތިބޭ ބައެއްގެ ގޮތުގަ އެވެ. އެއީ ވިޔާނުދާ މީހުން ކުރާ ކަމެއްގެ ގޮތުގައި އޮންނަނީ މަރުކާ ޖަހައިފަ އެވެ. މާލެއަށްވުރެ ބޮޑަށް ރަށްފުށުގައި މި ނަޒަރިއްޔާތު އަދި މާ އާންމެވެ.

އެކަމަކު އެ ވިސްނުން ބަދަލުވާން ޖެހެ އެވެ. ރާޅާ އެޅުމަކީ ދުނިޔޭގައި ވެސް ޕްރޮފެޝަނަލް ކުޅިވަރެއްގެ ގޮތުގައި ބަލައިގަތްތާ މިހާރު އެތައް ދުވަހެކެވެ. އެކަމަކު އެ ވިސްނުން ބަލައިގަތުމުގައި ރާއްޖެ އުޅެނީ އަދި މާ ފަހަތުގަ އެވެ.

ސުވާލަކީ، ރާޅާ އެޅުމާ މެދު ގެންގުޅޭ މިފަދަ ވިސްނުންތައް ބަދަލުކުރުމަކީ ކޮންބައެއްގެ ޒިންމާއެއް ހެއްޔެވެ؟ ރާއްޖޭގައި ހުނަރުވެރި ޕްރޮފެޝަނަލް ރާޅާއެޅުންތެރިން ނެތީ ހެއްޔެވެ؟ އެ ހުނަރު ދިވެހިންގެ ތެރެއިން ނުނެރެވެނީ ހެއްޔެވެ؟

"ހަގީގަތުގައި ރާޅާ އެޅުން އެހާ މަގުބޫލު ކުޅިވަރަކަށް ނުވަނީ ރާއްޖޭގެ ސަރުކާރާއި މީޑީއާއިން އެކަން ރަނގަޅު ގޮތުގައި މާކެޓް ނުކުރެވޭތީ،" ރާޅާ އެޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މޯލްޑިވްސް ބޮޑީ ބޯޑިންގް އެސޯސިއެޝަންގެ ޖެނެރަލް ސެކްރެޓެރީ ހަސަން ރަޝީދު ބުންޏެވެ.

ދިވެހި ރާޅާއެޅުންތެރިން ބޭރުގެ މުބާރާތްތަކުގައި ވާދަކޮށް ރަން މެޑަލްވެސް ހޯދާފައިވެ އެވެ. އެކަމަކު، ރަސްމީ ސިފައެއްގައި ދިވެހި ރާޅާއެޅުންތެރިންނަށް ލިބެން ޖެހޭ އެއްބާރުލުމާ އެހީ އެދެވޭ ގޮތުގައި ނުލިބުމަކީ އެންމެ ބޮޑު މައްސަލަ ކަމަށް ހަސަން ފާހަގަ ކުރި އެވެ. އެކަމުގެ ސަބަބުން ރާޅާ އެޅުމުގެ ދާއިރާގެ ކުރިއެރުމަށް ހުރި ހުރަސްތައް ބޮޑުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޭގެ އިތުރުން ޒުވާނުންގެ މެދުގައި އެކަން ކުރިއަރުވަން ލިބޭ ފަންޑިންގްވެސް މަދުވީމަ އެހެން ވަނީ. ރާއްޖޭގެ ޒުވާން ޖީލު ރާޅާއެޅުމާއި އެފަދަ މޫދު ކުޅިވަރުތަކަށް އަހުލުވެރިކުރަން ރަނގަޅުގޮތުގައި މަސައްކަތް ކުރާނަމަ، ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ވަނަ ހޯދާނެ ފަރާތްތައް ރާއްޖޭގައި ވަރަށް ގިނަ ވާނެ،" ހަސަން ބުންޏެވެ.

ޔަގީންވާ ކަމަކީ ރާއްޖޭގައި ހުނަރުވެރި ރާޅާއެޅުންތެރިން ތިބި ކަމެވެ. އެ މީހުން މުބާރާތްތަކުގައި ވާދަކޮށްފި ނަމަ ރާޅާ އެޅުމުން ދުނިޔޭގެ ފެންވަރުގެ ވަނަތައް އެ މީހުން ރާއްޖެ ގެންނާނެ އެވެ.

މެލޭޝިއާގައި ބޭއްވި ޓިއަމަން ސާފް ފެސްޓިވަލް 2019 ގައި ރާއްޖޭގެ އަލީ ހުޝްރުވާން (ކުޑަ އައްޔަ) އެއްވަނަ ހޯދާ، އެ މުބާރާތުގެ ދެވަނަ މަގާމް ރާއްޖޭގެ އަލީ ޖާވިދް (ޖާއްޓޭ) މިދިޔަ އަހަރު ހޯދުން އެކަމަށް ހެކިދެ އެވެ. އެ މުބާރާތުން ހޯދި ވަނަތަކުން ސާބިތުކޮށްދިނީ ރާއްޖެއަކީ މުޅި ދަކުނު އޭޝީއާ ސަރަހައްދުގައިވެސް ރާޅާ އެޅުމުގެ އެއްވަނަކަމެވެ. އެހެންވީއިރު ރާޅާ އެޅުން ކުރިއަރުވާ ދަމަހައްޓަން މަސައްކަތް ނުކުރާންވީ ސަބަބެއް ނެތެވެ.

comment ކޮމެންޓް