ކުޑަކުދިންގެ ހިޔާގައި އަނިޔާ ކުރި މައްސަލައިގައި ހަ މީހަަކަށް ދައުވާ ކޮށްފި

ޖުލައި 14، 2020: ޕީޖީ ހުސައިން ޝަމީމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން ދިޔަ އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންތަކަކަށް އެތަނުގައި މަސައްކަތް ކުރި މުވައްޒަފުންތަކެއް އަނިޔާކުރި މައްސަލައިގައި ހަ މީހަކަށް ދައުވާކޮށްފި އެވެ.

މިއަދު ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައަކީ ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ޕީޖީގެ ސަމާލުކަމަށް ގެނައި މައްސަލައެއް ކަމަށެވެ.

ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކަކަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާކޮށް އެ ކުދިންގެ ކަރާމަތަށް ގެއްލުންވާ ގޮތަށް އެތަނުގެ މުވައްޒަފުންތަކެއް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުވާ އެ މައްސަލަ ފުލުހުންގެ ބަލަން ފެށީ ޕީޖީއަށް ލިބޭ ބާރުގެ ދަށުން ޕީޖީ ޝަމީމް ފުލުހުންގެ މައްޗަށް އަމުރުކުރެއްވުމާ ގުޅިގެންނެވެ.

އެ މައްސަލައިގެ ތަހުގީގު ނިންމައި ފުލުހުން އެ މައްސަލަ ޕީޖީއަށް ފޮނުވުމުން އެ މައްސަލައިގައި ދައުވާ ކުރީ؛

1. މުހައްމަދު ޝަރީފް، ވިލިމާލޭ ސަމާހިޔާ

2. ހުސެއިން އަހުމަދު، ވިލިމާލެ ފަންސި

3. އަލީ އަހުސަން، ވިލިމާލެ ރިއޯ

4. ނަޖީހު އަހުމަދު، މއ. އަކިރިފުށި ދެވަނަބައި، މާލެ

5. އަހުމަދު ވަނޫދު، ހ. ފޯސީޒަން، މާލެ

6. ހުސެއިން ހަމްދޫން، ވިލިމާލޭ އާސްމާން މަންޒިލް

އޭގެ ތެރެއިން މުހައްމަދު ޝަރީފު އަދި ހުސެއިން އަހުމަދު، މިއިން ކޮންމެ މީހަކަށް ކުރީ އެއް ދައުވާ އެވެ. މުހައްމަދު ޝަރީފުގެ މައްޗަށް ކުރީ ގައިގައި އަތްލުމުގެ ދައުވާ އެވެ. ހުސެއިން އަހުމަދުގެ މައްޗަށް ކުރީ ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާ އެވެ.

އަލީ އަހުސަނަށް ގައިގައި އަތްލުމުގެ ތިން ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދެ ދައުވާ ކުރި އެވެ. ނަޖީހު އަހުމަދަށް ގައިގައި އަތްލުމުގެ ދެ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދެ ދައުވާ ކުރި އެވެ. އަހުމަދު ވަނޫދަށް ގައިގައި އަތްލުމުގެ ހަ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދެ ދައުވާ ކުރި އެވެ. ހުސެއިން ހަމްދޫންގެ މައްޗަށް ކުރީ ބިރުދެއްކުމުގެ ދައުވާއަކާއި ގައިގައި އަތްލުމުގެ ދައުވާ އެކެވެ.

ދައުވާ ކުރި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު ޖިނާއީ ކުށްތަކުގެ މައްސަލަތައް އަދިވެސް ތަހުގީގީ އިދާރާތަކުން ތަހުގީގު ކުރަމުންދާ ކަމަށް ޕީޖީއިން ބުންޏެވެ. އެ ތަހުގީގުތައް ނިމުމުން، ލިބޭ ހެއްކާއި ގަރީނާއަށް ބަލައި، ދައުވާ ކުރަން ޖެހޭ ކަމަށް ފެންނަ ނަމަ ދައުވާ ކުރާނެ ކަމަށްވެސް ޕީޖީ އޮފީހުގެ ބަޔާނުގައި ބުންޏެވެ.

comment ކޮމެންޓް