ދެކުނު ކޮރެއާއިން އެއް ދުވަސް ތެރޭ ރެކޯޑު އަދަދެއްގެ މީހުންނަށް ކޮވިޑު ޖެހިއްޖެ

ދެކުނު ކޮރެއާގައި އަނެއްކާވެސް ވައިރަހުގެ ކޭސްތައް ވަނީ އިތުރުވެފަ -- ފޮޓޯ: ގެޓީ

ސޯލް (ޑިސެމްބަރު 13): ދެކުނު ކޮރެއާއިން އެއް ދުވަސް ތެރޭ ކޮވިޑް ޖެހުނު މީހުންގެ އަދަދު ފުރަތަމަ ފަހަރަށް 1،000 އަށް ވުރެ އިތުރުވެއްޖެ ކަމަށް އެގައުމުން ބުނެފި އެވެ.

ދެކުނު ކޮރެއާއިން މިއަދު ރިޕޯޓު ކުރި ގޮތުގައި އެގައުމުން 24 ގަޑި އިރު ތެރޭ 1،030 މީހަކު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް ބަލި ޖެހިފައި ވަނީ ވެރިރަށް ސޯލް އޮންނަ ސަރަހައްދުންނެވެ.

އެއާ އެކު އެގައުމުން ކޮވިޑު ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 42،766އަށް އަރައިފަ އެވެ. އަދި އެގައުމުން ބަލީގައި 580 މީހަކު ވަނީ މަރުވެފަ އެވެ.

ދެކުނު ކޮރެއާގެ ބޮޑުވަޒީރު ޗަންގް ސައި ކިޔުން ވިދާޅުވި ގޮތުގައި އެގައުމުގައި ކޮވިޑް ކޮންޓްރޯލް ނުކުރެވި، ބަލި ފެތުރެމުންދާ ނަމަ ގައިދުރު ކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން ޖެހިދާނެ އެވެ. އަދި އެގައުމުގެ ވެރިރަށް ސޯލް އޮންނަ ސަރަހައްދުގައި މިހާރު ވަނީ ގައިދުރުކުރުމުގެ ލެވެލް 2.5ގެ ފިޔަވަޅުތައް އަޅައިފަ އެވެ. އޭގެ ދަށުން ނައިޓްކްލަބްތައް ބަންދުކޮށް، ރެސްޓޯރެންޓުތަކުން ރޭގަނޑު 9:00ގެ ފަހުން ހަމައެކަނި ޑެލިވަރީ އާއި ޓޭކްއައުޓް ދެވޭ ގޮތަށް ވަނީ ހަދައިފަ އެވެ. ނަމަވެސް ލެވެލް 3 ނުވަތަ އެންމެ ހަރުކަށި ފިޔަވަޅުތައް އަޅައިފި ނަމަ ސްކޫލްތައް ބަންދުކޮށް، ޒަރޫރީ މަސައްކަތްތައް ކުރާ މީހުން ފިޔަވާ އެހެން މީހުން ގޭގައި މަޑު ކުރަން އަންގާނެ އެވެ.

ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ އިން ވިދާޅުވި ގޮތުގައި މިހާރު އެގައުމަށް ވަނީ ކުއްލި ހާލަތަކާ ކުރިމަތިލާން ޖެހިފަ އެވެ. އަދި އެގައުމުން ޓެސްޓު ކުރުމާއި ޓްރޭސް ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރާނެ އެވެ.

"މިއީ ކޮވިޑަށް ވެކްސިން އާއި ހާއްސަ ފަރުވާއެއް ދޭން ފެށުމުގެ ކުރިން ކުރިމަތިވާ އެންމެ ފަހު ހުރަސް،" ރައީސް ވިދާޅުވި އެވެ.

ދެކުނު ކޮރެއާއިން ވަނީ އެގައުމުގެ އާބާދީގެ 88 ޕަސެންޓު މީހުންނަށް ކޮވިޑް ވެކްސިން ދެވޭ ވަރަށް މިހާތަނަށް ވެކްސިންގެ ޑޯޒްތައް އޯޑަރު ކޮށްފަ އެވެ. އަދި އޭގެ ތެރެއިން ފުރަތަމަ ޑޯޒްތައް ލިބޭނެ ކަމަށް ބުނެފައި ވަނީ އަންނަ މާޗް މަހުގަ އެވެ. އެގައުމުން ވެކްސިން އޯޑަރު ކޮށްފައި ވަނީ އެސްޓްރާޒެނެކާ، ފައިޒާ، މޮޑާނާ އަދި ޖޯންސަން އެންޑް ޖޯންސަން އިންނެވެ.

މިދިޔަ ޖެނުއަރީ މަހުގެ 20ގައި ދެކުނު ކޮރެއާއިން ކޮރޯނާވައިރަސް ފެނުނު ފަހުން އެގައުމުގެ ކޭސްތައް ފެބްރުއަރީ މަހުގެ ފަހުކޮޅު 'ޕީކް'އަށް އެރި އެވެ. ނަމަވެސް އެގައުމުން ކުރިއަށްގެންދިޔަ ޓެސްޓު ކުރުމާއި ޓްރޭސް ކުރުމުގެ ބޮޑު ކެމްޕެއިނާ އެކު އޭޕްރިކް މަހުގެ ފަހުކޮޅު، ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު 10އަށް ވުރެ ތިރި ކުރި އެވެ. އަދި އެގައުމުގެ ކާމިޔާބީއަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ތައުރީފު ކުރި އެވެ.

comment ކޮމެންޓް