ޑިމޮކްރަސީ ކާމިޔާބު ނުވަނީ ކޮރަޕްޝަނާއި ސިޔާސީ ޕާޓީތަކާހުރެ: ސާވޭ

ސިޔާސީ ޕާޓީތަކުގެ އެއްވުުމެއް --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގައި ޑިމޮކްރަސީ ކާމިޔާބު ނުވަނީ ސިޔާސީ ޕާޓީތަކުގެ ސަބަބުން ކަމަށް ގިނަ ދިވެހިން ގަބޫލުކުރާ ކަމަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ ދިރާސާއެއްގައި ބުނެފި އެވެ.

ރާއްޖޭގައި އިންސާނީ ހައްގުތަކުގެ ހާލަތު މިހާރު އޮތް މިންވަރާއި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް އިތުރަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް ކުރިއަށް ގެންދިޔަ "ރިފްލެކްޓިންގް 15 އިޔާޒް- ދަ ރައިޓްސް" ސައިޑް އޮފް ލައިފް" ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން އެ ދިރާސާގައި ބައިވެރިވި 21 ޕަސެންޓް މީހުން ގަބޫލު ކުރަނީ ޑިމޮކްރެޓިކް އިސްލާހު ކާމިޔާބު ނުވުމުގެ މައިގަނޑު ސަބަބަކީ ކޮރަޕްޝަން ކަމަށެވެ. އަދި 20 ޕަސެންޓް މީހުން ގަބޫލު ކުރާގޮތުގައި އޭގެ ސަބަބަކީ ސިޔާސީ ޕާޓީތަކެވެ.

މީގެ އިތުރުން ދިރާސާގެ ބައިވެރިންގެ 12 ޕަސެންޓު ގަބޫލުކުރާ ގޮތުގައި ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތް ރަނގަޅުނުވުމަކީ ރާއްޖޭގައި ޑިމޮކްރަސީ ކާމިޔާބު ނުވުމުގެ ސަބަބެކެވެ.

މި ދިރާސާގެ ބައިވެރިންގެ ތެރެއިން 86 ޕަސެންޓް މީހުން ގަބޫލުކުރާ ގޮތުގައި ގާނޫނު އަސާސީ އިން ލިބިދޭ ހައްގުތަކާ ގުޅޭ މައުލޫމާތު އެނގިފައި އޮތުމަކީ މުހިއްމު ކަމެކެވެ. ދިރާސާގެ ބައިވެރިންގެ ތެރެއިން ގާނޫނު އަސާސީގެ ދެ ވަނަ ބާބު (ހައްގު ތަކާ ބެހޭ ބާބު) ކިޔާފައި ވަނީ ދިރާސާގެ ބައިވެރިންގެ ތެރެއިން އެންމެ 20 ޕަސެންޓު މީހުންނެވެ.

އެ ސާވޭގެ ބައިވެރިންގެ ތެރެއިން އިންސާނީ ފަސް ހައްގެއް ބަޔާންކޮށްދޭން އެނގިފައި ވަނީ 36.5 ބައިވެރިންނަށް ކަމަށާއި އެއީ 2011 ވަނަ އަހަރާ އަޅާބަލާ އިރު 8.5 ޕަސެންޓް ދަށް އަދަދެއް ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެޗުއާރްސީއެމް އިން ބުނީ އެ ދިރާސާގެ މައިގަނޑު މަގްސަދަކީ، ދިރާސާ އިން ލިބުނު މައުލޫމާތުގެ އަލީގައި ރާއްޖޭގައި އިންސާނީ ހައްގުތަކުގެ ހާލަތު މިހާރު އޮތް މިންވަރު ދެނެގަތުމާއި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް އިތުރަށް ކުރެވިދާނެ މަސައްކަތްތައް ފާހަގަކުރުން ކަމަށެވެ.

އެ ދިރާސާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ރެންޑަމްކޮށް ހޮވާލެވިފައިވާ 20 ރަށަކުން ޖުމްލަ 1601 މީހުން ބައިވެރިވެފައިވެ އެވެ.

comment ކޮމެންޓް