ނައިބު ރައީސް ދަތުރުފުޅަށްފަހު މާލެ ވަޑައިންނަވައިފި

ނައިބު ރައީސްގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިންނަވަނީ --- ފޮޓޯ : ރައީސް އޮފީސް

ނައިބު ރައީސް ފައިސަލް ނަސީމް އައްޑޫ އަދި ފުވައްމުލަކު ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވައިފި އެވެ.

ނައިބު ރައީސްގެ އެއް ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިންނަވާފައިވަނީ ރޭ އެވެ.

އެމަނިކުފާނުގެ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިންނެވީ އައްޑޫ ސިޓީއަށެވެ. އިއްޔެ މެންދުރު ކުރީގައި ސިޓީގެ ހިތަދުއަށް ވަޑައިގަންނަވާ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރާތްކުރައްވާ އެ ތަނުގެ އިސްވެރިންނާ ބައްދަލުކުރެއްވި އެވެ.

އެއަށްފަހު އެމަނިކުފާނު ވަޑައިންނަވާފައިވަނީ ހުޅުމީދުއަށެވެ. އެ ރަށުގައި އިމާރާތްކުރަން ހަމަޖެހިފައިވާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އެޅުއްވުމުގެ މަސައްކަތް ނައިބު ރައީސް ކުރެއްވި އެވެ.

އެމަނިކުފާނުގެ ދަތުރުފުޅުގައި ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިންނަވާ އައްޑޫ ފްލައިން ސްކޫލުގެ ބައެއް ދަރިވަރުންނާވެސް ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ދަރިވަރުންނަށް ދިމާވެފައިވާ ބައެއް މައްސަލަތަކުގެ މައުލޫމާތު އެމަނިކުފާނު ވަނީ ސާފުކުރައްވާފަ އެވެ.

އައްޑޫ ސިޓީއިން ނައިބު ރައީސް ދެން ވަޑައިގެންނެވީ ފުވައްމުލައް ސިޓީއަށެވެ. އެ ސިޓީއަށް ވަޑައިގަންނަވާ މަގު ހެދުމުގެ މަޝްރޫއާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އިން ހިންގާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތްތައް އެމަނިކުފާނު ބައްލަވައިލައްވާފައިވެ އެވެ.

އެދަތުރުފުޅުގައި ފުވައްމުލަކު ހޮސްޕިޓަލުގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވާފައިވެ އެވެ. އެ ބައްދަލުވުމުގައި ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތަކަށް ހޯދޭނެ ހައްލުތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރައްވާފައިވެ އެވެ.

comment ކޮމެންޓް